ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 11:42
ބާސެލޯނާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ބާސެލޯނާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ގޫގުލް
ކުޅިވަރު
ސްޕެނިޝް ލަލީގާ: މެސީގެ ހެޓްރިކުން ބާސެލޯނާ ތާވަލުގެ އެއްވަނައަށް..!
މެސީ ވަނީ މި މެޗުގައި ހެޓްރިކް ހަދާފަ.

 

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ ހެޓްރިކާ އެކު އެސްޕަންޔޯލްގެ  މައްޗަށް ކުރިހޯދާ ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ބާސެލޯނާ ޖެހިލައިފިއެވެ.

ރޭގެ މެޗުން ބާސެލޯނާ މޮޅުވެފައި ވަނީ 0-5 ގެ ނަތީޖާއިން އެސްޕަންޔޯލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ރޭ ބާސެލޯނާ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑުނެގީ ވެސް ބާސެލޯނާއިންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި މި ގޯލް ބާސާއަށް މެސީ ކާމިޔާބު ކޮށްދިންއިރު، މެޗުގެ 35 ވަނަ މިނެޓުގައި ބާސާގެ ދެވަނަ ގޯލްވެސް ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށް ދީފައިވަނީ މެސީއެވެ.

ދެ ގޯލްގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ބާސާއިން ނިންމާލިއިރު، ބާސާގެ ތިންވަނަ ގޯލް 67 ވަނަ މިނެޓޫގައި ކާމިޔާބު ކޮށް މެސީ ވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ބާސާގެ ހަތަރު ވަނަ ގޯލް 87 ވަނަ މިނެޓުގައި ޖެރާޑް ޕީކޭ ޖެހިއިރު ފަހު ލަނޑު 90 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ލުއިސް ސުއަރޭޒެވެ.

ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ސެވިއްޔާ އެވެ. ވާދަވެރި ރެއާލް މެޑްރިޑް އިއްޔެ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ލެވަންޓޭއާ 1-1 އިން އެއްވަރުވިއިރު އެ ޓީމު އޮތީ ފަސް ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

މި މޮޅާ އެކު، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އަންގާރަ ދުވަހުގެރޭ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ދެކޮޅަށް ނުކުންނައިރު ބާސެލޯނާ އޮންނާނީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އަނެއްކޮޅުން ޔުވެންޓަސް ވަނީ ރޭ ގިނަ ބަދަލުތަކަކާ އެކު ނުކުމެ ކިއޭވޯ ވެރޯނާ އަތުން 3-0 އިން މޮޅުވެފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް