ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 10:24
ލެސްޓާ އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން.
ލެސްޓާ އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން.
ގޫގުލް
ކުޅިވަރު
ޕްރިމިއާ ލީގު: ލެސްޓާ ސިޓީ އަތުން މޮޅުވެ ޗެލްސީ ލީގުގެ ތިންވަނައަށް.!
މިއީ ޗެލްސީން މިފަހަރުގެ ލީގުގައި މޮޅުވި 3 ވަނަ މެޗެ.

 

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ލެސްޓަ ސިޓީގެ މައްޗަށް ކުރި ހޯދައި ޕްރިމިއަރ ލީގުގެ ތިންވަނަ މަގާމަށް ޗެލްސީން އަރައިފިއެވެ.

ރޭ ކުޅުނު މި މެޗުން ޗެލްސީން ލެސްޓާގެ މައްޗަށް ކުރިހޯދާފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

ލެސްޓާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަ ކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ޗެލްސީންނެވެ. އަޒްޕެލިކުއެޓާ ނަގައިދިން ހުރަހަކުން ބޮލުން ޖަހާ  ގޯލްތެރެއަށް ވައްދާލައިގެން މި ގޯލު ކާމިޔާބު ކޮށްދިނީ ޗެލްސީގެ ފޯވާޑް އަލްވަރޯ މޮރާޓާއެވެ. މިއީ ލީގުގައި މޮރާޓާ ކާމިޔާބު ކުރި ތިންވަނަ ގޯލެވެ.

މި ގޯލަށް ފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ޗެލްސީއަށް ވަނީ ލިބިގެން ގޮސްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޗެލްސީން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު އެންގޯލޯ ކަންޓޭ ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދީފައެވެ. ކަންޓޭ މި ގޯލު ކާމިޔާބު ކުރީ ލެސްޓާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ދެ ގޯލުގެ ލީޑަކާއެކު ޗެލްސީން ކުޅެމުން ދަނިކޮށް މެޗުގެ 62 ވަނަ މިނެޓްގައި ލެސްޓާއަށް ލިބުނު ޕެނަލްޓީއަކުން ޖޭމީ ވާޑީ ވަނީ އެޓީމަށް ގޯލެއް ކާމިޔާބު ކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައިވެއެވެ. މި ޕެނަލްޓީ ލެސްޓާއަށް ލިބުނީ ވާޑީއަށް ޗެލްސީގެ ގޯލްކީޕަރު ކޯޓުއާ ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޗެލްސީގެ ގޯލަށް ނުރައްކާ ކުރަން ލެސްޓާއިން މަސައްކަތް ކުރިއިރު އެޓީމަށް ވަނީ ނަތީޖާ އެއްވަރު ކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ.

ލެސްޓާގެ މައްޗަށް ޗެލްސީން ކުރި ހޯދިއިރު މިއީ ލީގުގައި އެޓީމު ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅުކަން ފާހަގަކޮށްލެވެއެވެ.

މި މޮޅާއެކު ލީގުގެ ތިންވަނައިގައި ޗެލްސީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. ޗެލްސީ އަތުން މިރޭ ބަލިވި ލެސްޓާ އޮތީ ތިން ޕޮއިންޓާއެކު ލީގުގެ 17 ވަނައިގައެވެ.

 

ލީގުގައި ޗެލްސީ ދެން ބައްދަލު ކުރާނީ އާސެނަލްއާއެވެ. ލެސްޓާ ނިކުންނާނީ ހަޑަލްސްފީލްޑްއާ ދެކޮޅަށެވެ.

ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލްއިން ވަނީ ބޯންމަތްގެ މައްޗަށް 0-3 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. އަދި އެވަޓަންގެ މައްޗަށް ޓޮޓެންހަމްއިން ވެސް ވަނީ 0-3 ގެ ނަތީޖާއިން ކުރިހޯދާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް