ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލޭ އިސްލާހު މި ސަރުކާރުން ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވަރުގަދަ ސުވާލެއް އަމާޒު ކުރައްވައިފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި މީހަކު ވަނީ، ރައްޔިތުންގެ ބަހެއް ނުހޯއްދަވައި ރައްޔިތުންނާ ސީދާ ގުޅުން ހުރި ބޮޑެތި ނިންމުންތައް ރައީސް ނިންމަވާ ކަމަށް ބުނެފަ އެވެ. އަދި ވޯޓުލައިގެން އިންތިޚާބު ކުރާ މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރީ ރައްޔިތުންގެ ހިޔާލެއް މަޝްވަރާ އެއް ނުހޯދާ ކަމަށް އެމީހާ ބުނެފައިވެ އެވެ.
މި ސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަންދޫބުން ހޮވީ ވަކި ގޮތަކަށް ކަމަށާއި، ވަކި ޕާޓީއަކުން ކުރިމަތިލުމުން ވޯޓުދޭ ކަމަށެވެ. އެއީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުވުމަށް ގެނައި ބަދަލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކަށް މިފަދަ އިސްލާހުތައް ގެންނަމުން ދަނީ ރައްޔިތުންގެ ވިންދާއި އިހުސާސްތައް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިގެން ކަމަށެވެ.
މިކަމާ ގުޅިގެން ހޯމަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު އަބްދުއްރަހްމާން ވަނީ އަމިއްލަ ގޮތުން 20 ވަނަ މަޖިލީހަށް އިންތިޚާބުވި 11 މެންބަރުންގެ ތެރެއިން 9 މެންބަރަކު އޭރު ގާނޫނުގަ އޮތް ބާގަނޑެއްގެ ތެރެއިން ޕީއެންސީ އަށް ގެންދެވުނީ ހަމަ އެ މެންބަރުން އިންތިޚާބުކުރި ރައްޔިތުންނަށް އިހުތިރާމް ކުރެއްވުމުގެ ގޮތުންތޯ ސުވާލު ކުރައްވާފަ އެވެ.
2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ޕީއެންސީން ވާދަކޮށް 66 ގޮނޑި ކާމިޔާބު ކުރި އެވެ. އޭގެ ފަހުން މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި އަމިއްލަ މެންބަރުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ. މިއާއެކު މިހާރު އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދު ވަނީ 75 އަށް އިތުރުވެފަ އެވެ.