ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 14:14
މުބާރާތުގެ ފައިނަލްގައި ވާދަކުރާ ރަފައޭލް ނަދާލް
މުބާރާތުގެ ފައިނަލްގައި ވާދަކުރާ ރަފައޭލް ނަދާލް
ބީބީސީ
ޔޫއެސް އޯޕަން
ޔޫއެސް އޯޕަން: ފައިނަލްގައި ވާދަކުރާނީ ނަދާލްއާ އެންޑަސަން
ރަފައޭލް ނަދާލްވަނީ ހުއާން މާޓިން ޑެލްޕޮޓްރޯ ތިން ސެޓު އެއް ސެޓުން ބަލިކޮށް ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފަ
ޕަބްލޯ ބަސްޓާއާ ވާދަކޮށް އެންޑަސަންވަނީ ތިން ސެޓު އެއް ސެޓުން މެޗު ކާމިޔާބު ކޮށްފަ

ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލްގައި ވާދަކުރާ ކުޅުންތެރިން ކަށަވަރުވެއްޖެއެވެ.

ނިއުޔޯކުގެ ފްލަޝިން މެޑޯސްގައި ހުންނަ އަރްތޫރް އޭޝް ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި އޭޓީޕީ ރޭންކިންގެ އެއްވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ސްޕެއިންގެ ރަފައޭލް ނަދާލްވަނީ އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޮޓްރޯ ތިން ސެޓު އެއް ސެޓުން ބަލިކޮށް ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

ފުރަތަމަ ސެޓު 6-4 އަކުން ޑެލްޕޮޓްރޯ ގެންދިޔަ ނަމަވެސް ނަދާލްވަނީ ފަހުން ކުޅުނު ތިން ސެޓު 6-0، 6-3 އަދި 6-2 އަކުން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ. މި މޮޅާއެކު އާދިއްތަ ދުވަހު ކުޅޭ ފައިނަލް ވެގެން ދާނީ ނަދާލްއަށް ތިންވަނަ ފަހަރަށް ޔޫއެސް އޯޕަން ކާމިޔާބުކޮށް 16 ގްރޭންޑް ސްލޭމް ތައްޓެއް ކާމިޔާބު ކުރުމަށް ލިބޭ ފުރުސަތަކަށެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ނަދާލް ބުނެފައިވަނީ އިންޖަރީތަކާ ހަނގުރާމަ ކުރުމަށްފަހު އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައިސް މި މުބާރާތުގައި މިހާ ބޮޑު ކާމިޔާބަކާ ހަމައަށް ވާސިލް ވެވުމުން ވަރަށް އުފާވާ ކަމަށާ ދެން މަސަތްކަތް ކުރާނީ މުބާރާތުގެ ފައިނަލްގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ކަމަށެވެ. ޑެލްޕޮޓްރޯ ބުނެފައިވަނީ މެޗުން ބަލިވުމުގެ މައިގަނޑު ސަބަބަކީ ކުއާޓާ ފައިނަލާ ސެމީ ފައިނަލްގައި ވަރުގަދަ މެޗުތަކެއް ކުޅެން ޖެހުމުން ކަމަށާ އެކަމުގެ ސަބަބުން ވަރުބަލިކަން މެޗުގެ ތެރޭގައި އިހުސާސްވެ އެންމެ އެދެވޭ ކުޅުން ނުދެއްކުނު ކަމަށެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސްގެ ދެވަނަ ސެމީ ފައިނަލް މެޗު ސްޕެއިންގެ ޕަބްލޯ ބަސްޓާއާ ވާދަކޮށް ކާމިޔާބު ކޮށްފައިވަނީ ސައުތް އެފްރިކާގެ ކެވިން އެންޑަސަންއެވެ. އެންޑަސަން މި މެޗު ކާމިޔާބުކޮށްފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ. ފުރަތަމަ ސެޓު 6-4 އަކުން ޕަބްލޯ ގެންދިޔަ ނަމަވެސް އެންޑަސަން ވަނީ ފަހުން ކުޅުނު ތިން ސެޓު 7-5، 6-3 އަދި 6-4 އަކުން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ.

އެންޑަސަން ވެގެންދާނީ 1973 ވަނަ އަހަރު ކުޅުންތެރިން ރޭންކް ކުރަން ފެށިފަހުން ޔޫއެސް އޯޕަންގެ ފައިނަލްގައި ކުޅޭ އެންމެ ދަށުން ރޭންކް ކުރެވިފައިވާ ކުޅުންތެރިޔާއަށެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އެންޑަސަން ބުނެފައިވަނީ ސެމީގައި ކުޅުނީ ވަރަށް ވަރުގަދަ ކުޅުންތެރިޔަކާ ކަމަށާ އެހެން ކަމުން ފައިނަލްއަށް ވެސް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ. އަދި ގްރޭންޑް ސްލޭމްއެއްގެ ފައިނަލްއިން ފުރަތަމަ ފަހަރަށް ޖާގަ ލިބުނުކަން ގަބޫލްކުރަން ދަތިކަމަށްވެސް އޭނާ ބުންޏެވެ.

ފައިނަލް މެޗު ވެގެންދާނީ ގްރޭންޑް ސްލޭމްއެއްގައި މި ދެ ކުޅުންތެރިން އެކަކު އަނެކަކާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް