Advertisement
ކ. މާލެ
|
5 ޑިސެންބަރ 2025 | ހުކުރު 09:42
ސަޖީބު ޖޯއީ އާއި އޭނާގެ މަންމަ ޝެއިޚް ހަސީނާ
ސަޖީބު ޖޯއީ އާއި އޭނާގެ މަންމަ ޝެއިޚް ހަސީނާ
އެކްސް
ބަންގްލަދޭޝް
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
ބަންގްލަދޭޝްގެ ޚާއްސަ ޓްރައިބިއުނަލުން މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ސަޖީބް ވާޖިދު ޖޯއީ ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ ޖުލައި މަހުގެ ދަރިވަރުންގެ މުޒާހަރާތަކުގައި އިންސާނިއްޔަތާ ޚިލާފު ކުށްތައް ހިންގި ކަމުގެ ތުހުމަތު ގައި އުފުލާފައިވާ ދަޢުވާއަކާ ގުޅިގެން.

ބަންގްލަދޭޝް ގައި ހުންނަ ޚާއްސަ ޓްރައިބިއުނަލަކުން ބުރާސްފަތި ދުވަހު، މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ސަޖީބް ވާޖިދު ޖޯއީ ހައްޔަރުކުރުމަށް އަމުރެއް ނެރެފިއެވެ.

މި އަމުރު ނެރެފައިވަނީ އޭނާގެ މަންމަ، އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ދަޢުވާތަކުގައި މަރުގެ ހުކުމް ކުރިތާ އެއް މަސް ފަހުންނެވެ.

އައި.ސީ.ޓީ.-ބީ.ޑީ.ގެ ޕްރޮސެކިއުޓަރެއް ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، މި އަމުރު ނެރެފައި ވަނީ ޖުލައި މަހު ހަސީނާ ގެ ސަރުކާރާ ދެކޮޅަށް ހިނގި މުޒާހަރާތަކުގެ ތެރޭގައި ޖޯއީ އިންސާނިއްޔަތާ ޚިލާފު ކުށްތައް ހިންގި ކަމުގެ ތުހުމަތު ގައި އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކާ ގުޅިގެން ކަމަށެވެ. ޕްރޮސެކިއުޓަރ އިތުރަށް ބުނީ، ކުރީގެ ޖޫނިއަރ އައި.ސީ.ޓީ. މިނިސްޓަރ ޖުނައިދު އަހުމަދު ޕަލަކް ހައްޔަރުކުރުމަށް ވެސް މިފަދަ އަމުރެއް ނެރެފައިވާ ކަމަށާއި، އޭނާ މިހާރު ހުރީ ބަންދުގައި ކަމަށެވެ.

ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ވަނީ ކުރިން މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރާއި އޭނާގެ އޭރުގެ ހޯމް މިނިސްޓަރ އަސަދުއްޒަމާން ޚާން ކަމާލް ގެ މައްޗަށް ޣައިރު ހާޒިރު ގައި މަރުގެ ހުކުމް ކޮށްފައެވެ. އެ ދެ ފަރާތް ކުށްވެރިވާ ކަމަށް ހުކުމް ކުރީ ޖުލައި މަހު ހަސީނާ ގެ ސަރުކާރާ ދެކޮޅަށް ދަރިވަރުން އިސްކޮށް ހިންގި މުޒާހަރާ، މައިތިރި ކުރުމަށް އަނިޔާވެރި ކަމާ އެކު ބާރުގެ ބޭނުންކުރުގެ މައްސަލައިގަ އެވެ.

އުމުރުން 54 އަހަރުގެ ޖޯއީ އަކީ މަޢުލޫމާތާއި މުވާސަލާތީ ކަންކަމުގެ އެކްސްޕާޓެއްގެ އިތުރުން ކުރީގެ ބޮޑުވަޒީރުގެ އައި.ސީ.ޓީ. ކަންކަމާބެހޭ އެޑްވައިޒަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. އޭނާ މިހާރު ދިރިއުޅެނީ އެމެރިކާ ގައެވެ.

ދަރިވަރުން އިސްވެ ހިންގި މުޒާހަރާތަކުގެ ސަބަބުން، ކުރީގެ ބޮޑުވަޒީރު ހަސީނާގެ އަވާމީ ލީގު ސަރުކާރު 2025 އޮގަސްޓު 5 ވަނަ ދުވަހު ވެއްޓި، ޕްރޮފެސަރ މުހައްމަދު ޔޫނުސް އިސްކޮށް ހުންނަވާ ވަގުތީ ސަރުކާރުން ޖެނުއަރީ މަހު ވަނީ ގާއިމު ކޮށްފަ އެވެ.

ޖުލައި މަހުގެ މުޒާހަރާ ތަކުގައި މަރުވި 834 މީހުން ގެ ލިސްޓެއް ޔޫނުސް ގެ ސަރުކާރުން އާންމުކޮށްފައިވެ އެވެ.

އ.ދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަންގެ އޮފީސް (އޯ.އެޗް.ސީ.އެޗް.އާރު.) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖުލައި 15 އާއި އޮގަސްޓު 15 އާ ދެމެދު 1،400 މީހުން ބަންގްލަދޭޝް ގައި މަރުވެފައިވެއެވެ. މި އަދަދުގެ ތެރޭގައި ކުރީގެ ސަރުކާރު ވެއްޓުމަށް ފަހު ހިންގި ބަދަލުހިފުމުގެ ޢަމަލުތަކުގެ ސަބަބުން މަރުވި މީހުން ވެސް ހިމެނެއެވެ.

އައި.ސީ.ޓީ.-ބީ.ޑީ. އިން ބުރާސްފަތި ދުވަހު ވަނީ، ޖުލައި މަހުގެ ހަރަކާތުގެ ތެރޭގައި ކާފިއު އިއުލާނު ކުރުމަށް ފަހު ހިންގި "ބޮޑެތި ގަތުލުތަކާ" ގުޅޭގޮތުން، ކުރީގެ ގާނޫނު މިނިސްޓަރ އަނީސުލް ހައްގާއި، ކުރީގެ ބޮޑުވަޒީރު ގެ އިންވެސްޓްމަންޓް އެޑްވައިޒަރ ރަހުމާންގެ މައްޗަށް ރަސްމީ ދަޢުވާތައް ބަލައިގެންފައެވެ.

މި ދެ މީހުން މިހާރުވެސް ތިބީ ޖަލުގައެވެ. ޓްރައިބިއުނަލުން ވަނީ އަންނަ ޑިސެމްބަރު 10 ވަނަ ދުވަހު މި ދެ މީހުންނާއި އޭރުގެ ޖޫނިއަރ އައި.ސީ.ޓީ. މިނިސްޓަރ ޕަލަކް، ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައެވެ.

ޖޯއީ ކުރިން މީޑިއާ ތަކަށް ބުނެފައިވަނީ އެ މީހުން ދެން ދުވަހަކު ވެސް ބަންގްލަދޭޝް އަށް އެނބުރި ނުދާނެ ކަމަށެވެ.

- ކޮމެންޓް