ބުނާތީ އަޑު އަހަމެވެ. ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެންނެވެ. ތެދެކެވެ. ކޮންމެ ތަސްވީރަކުން ވެސް ކޮންމެ މަންޒަރަކުން ވެސް އެތައް ކަމެއް ދޭހަކޮށްދެ އެވެ. ތަސްވީރު ބުނާ ވާހަކަ އަކީ ގިނަ ފަހަރު ލަފުޒަކުން ނޫނީ ވާހަކަ އަކުން ފަހުމު ނުވާ ވާހަކަތަކެވެ.
ދާދިފަހަކުން މީސްމީޑީއާ އިން ފެނުނު ފޮޓޯ އެކެވެ. ފެނުނު މަންޒަރަކީ ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން ސަރުކާރުގެ ވަޒީރުން، އެތުރިލައިގެން ތިބި މަންޒަރެވެ. އެންމެ ފުރަތަމަ އަޅުގަނޑު ހީކުރީ މިއީ ބަޔަކު ސަމާސާ އަކަށް އެޑިޓްކޮށްގެން އުޅޭ މީމް އެއް ކަމަށެވެ. އެކަމަކު ތަންކޮޅެއް ރަނގަޅަށް ބަލާ ލުމުން މިއީ ހަމަ ހަގީގަތުގައި ވެސް ސަރުކާރުގެ ވެރިން ކުރެއްވި ކަމެއްކަން ފަހުމުވި އެވެ.
މި ވީ ގޮތަކީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިން، ސަރުކާރުން ނޮވެމްބަރ 30 ވަނަ ދުވަހު ވިލިމާލޭގައި 500 ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ބޭއްވީ އެވެ. މި ފެނުނު ފޮޓޯ އަކީ އެ ހަރަކާތުގެ ތެރެއިން ސަރުކާރުގެ ބައެއް ވަޒީރުންނާއި މެމްބަރުން ވެހެމުން ދިޔަ ވާރޭގައި ކުޑަ ނަގައިގެން ތިބެ ގަހަށް ފެންދެމުން ދިޔަ މަންޒަރު ފެންނަ ފޮޓޯތަކެކެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެތަނު ގައި ސްޕޯރޓްސް މިނިސްޓަރ އަބްދުﷲ ރާފިއު އާއި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އާއި އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމް މި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާފައިވެ އެވެ.
މި ތަސްވީރު އާއްމުންނަށް ވީ ބޮޑު ޖޯކަކަށެވެ. ހަނދާނަށް އައީ އެހެނިހެން ޤައުމުތަކުގައި ހިނގާފައި ހުރި މިކަހަލަ ކަންކަމާއި އަޅާ ކިޔާ ފޮޓޯތައް މީމް އެއްގެ ގޮތުގައި ދައުރުވި ހަނދާނެވެ.
އެކި މީހުންނަށް މިކަން ފެނުނީ އެކި ގޮތްގޮތަށެވެ. ބައެއް އާއްމުން ދެކުނީ މިއީ ދެއްކުންތެރިކަން ކަމަށެވެ. އަނެއް ބަޔަކަށް ފެނުނީ މިއީ ވަޒީރުންގެ ހުރި ވިސްނުން ކޮށި ކަމުގެ ގޮތުގަ އެވެ.
ކޮންމެއަކަސް ވާރޭގައި ގަހަށް ފެން ދޭން ތިނބުމުން ވިސްނުމުގެ ހުރި ތެތްކަމާއި މެދު އާއްމުން ސުވާލު ކުރެ އެވެ. މިނަށް ވުރެ ބޮޑަށް ތިމާމެން ކަންކަން ކުރާ ކަމަށް ދެއްކެން އުޅުމުން ކުރެހޭނީ މިފަދަ ތަސްވީރުތަކެވެ.
ބޭނުންވީ ގަސް އިންދުމަކީ މެގަ ޕްރޮޖެކްޓެއް ކަމަށް ދައްކާށެވެ. ކުޑަ ނަންގަވައިގެން އިއްޒަތުގައި ގަހަށް ފެން ދޭން ތިބި އިރު ތިމާމެން ރީތި ކުރައަކުން ފެން ނުދިނަސް ވާރޭ ވެހޭ އިރު ގަހަށް ފެން ލިބޭކަން ވިސްނާލަން އެނގުނު ޖާހެއް އެތަނުގައި ނެތެވެ. ސަރުކާރަށް މިއީ ވަރަށް އާދައިގެ ކަމެކެވެ. އެކަމަކު މިކަހަލަ ކުދި ކުދި ކަންކަމުން އެނގެނީ އަޅުގަނޑުމެންގެ ސިޔާސީ ފެންޑާގެ ފަންވަރެވެ. މިއީ ސަރުކާރުގެ ސަމުގާގައި ތިބި ބޭފުޅުންގެ ތަސްވީރެވެ. މި ތަސްވީރުން ފެންނަ މަންޒަރު ތަރުޖަމާކުރަން ތި ބޭފުޅުންނަށް ދޫކޮށްލާނަމެވެ.