ފްރެންޗް ލީގުގައި ހުކުރު ދުވަހުގެރޭ މެޓްޒްއާ ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.
މެޓްޒްއާ ދެކޮޅަށް ރޭ ޕީއެސްޖީ ކުޅުނު މެޗު އެޓީމުން ކާމިޔާބު ކުރީ 1-5 ގެ ނަތީޖާއިންނެވެ.
މެޓްޒްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގެ 31 ވަނަ މިނެޓްގައި ނޭމާ ދިން ޕާހަކުން އެޑިންސަން ކަވާނީ ވަނީ ގޯލެއް ކާމިޔާބުކޮށް ޕީއެސްޖީއަށް މެޗުގެ ލީޑުނަގާދީފައެވެ.
މި ގޯލަށް ފަހުވެސް ކަވާނީއަށް އިތުރު ގޯލެއް ކާމިޔާބު ކުރަން ހުސް ފުރުސަތެއް ލިބިގެން ދިޔަނަމަވެސް އޭނާ ފޮނުވާލި މި ހަމަލާ ވަނީ ގޯލްގެތެރެއަށް ވައްދާލެވޭ ގޮތް ނުވެފައެވެ.
ނަތީޖާއަކަށްވީ މެޗުގެ 35 ވަނަ މިނެޓްގައި މެޓްޒްއިން ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކުރުމެވެ. މި ގޯލު މެޓްޒްއަށް ކާމިޔާބުކޮށްދިނީ ރިވެއިރާއެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު މެޗުގެ ލީޑުނަގަން މެޓްޒްއަށް ވަނީ މުޅިން ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ޕީއެސްޖީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ރިވެއިރާ ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.
ދެވަނަ ހާފްގެ ކުރީކޮޅު މެޓްޒްއިން ކުޅުން ރަނގަޅުކޮށް މޮޅަށް ކުޅެމުން ދިޔަނަމަވެސް އެޓީމަށް މައްސަލަތަކެއް ކުރިމަތިވީ އެމްބަޕޭއަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ 56 ވަނަ މިނެޓްގައި އެޓީމުގެ ޑިފެންޑަރު އަސޫ އެކޯޓޯއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
މެޗުގެ ފަހުހާފުގެ ބޮޑުބައެއް އެއް ކުޅުންތެރިއަކު މަދުކޮށް މެޓްޒްއަށް ކުޅެން ޖެހުނު އިރު، ޕީއެސްޖީން ދިޔައީ އެކަމުގެ ފައިދާ ނަގާ މޮޅަށް ކުޅެ މެޓްޒްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޕީއެސްޖީން ވަނީ އިތުރު ގޯލެއް ޖަހާ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ މިދިޔަ ޓްރާންސްފާ މާކެޓުގައި ލޯނެއްގެ ދަށުން އެ ކްލަބާ ގުޅުނު އެމްބާޕޭއެވެ. މިއީ ޕީއެސްޖީއަށް ބަދަލުވިފަހުން އޭނާ އެ ކްލަބަށް ކުޅެދިން ފުރަތަމަ މެޗެވެ.
ޕީއެސްޖީގެ ތިންވަނަ ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ނޭމާ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަވާނީއެވެ. އަދި ޕީއެސްޖީގެ ފަހު ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލޫކަސް މޯރާއެވެ.
މި މޮޅާއެކު ޕީއެސްޖީ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ލިބުނު 15 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި ޕީއެސްޖީއަށް ވުރެ އެއް މެޗު މަދުން ކުޅެގެން 12 ޕޮއިންޓާއެކީ އޮތީ މޮނާކޯއެވެ. ޕީއެސްޖީ އަތުން ރޭ ބަލިވި މެޓްޒްއަށް މިހާތަނަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުންވެސް ޕީއެސްޖީ މޮޅުވެފައިވާއިރު ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ލިޔޯންއާއެވެ.