25 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯލް ކްލަބް އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓައިޓަންސް ސްޕޯޓްސް ކްލަބްއިން ހޯދައިފިއެވެ.
ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީރެކްސްއިން ހޯދީ ވާދަވެރި ކުޅުމަކަށްފަހު 75 ޕޮއިންޓް، 74 ޕޮއިންޓް އިން ކިންގްސް ބީސީ ބަލިކޮށްގެންނެވެ. ޓީރެކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 23 ޕޮއިންޓާއެކު ހުސައިން ހަލީމްއެވެ. ކިންގްސް ބީސީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 16 ޕޮއިންޓާއެކު ރިޝްފާން ރަޝީދެވެ.
މުޅި މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީރެކްސް ބީސީގެ އަހުމަދު ހުޝާމްއެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ދަ ބައުސްގެ އަބްދުﷲ އަމްޒަރާ ކިންގްސް ބީސީގެ މުހައްމަދު ޒިލާލްއާ ރިޝްފާން ރަޝީދްގެ އިތުރުން ޓީރެކްސް ބީސީގެ އަހުމަދު ޒަބީރާ ހަމަ އެ ޓީމުގެ އިބްރާހިމް ރަޝްވާންއެވެ.
އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓައިޓަންސް އެސްސީއިން ހޯދާފައިވަނީ ފައިނަލް މެޗުގައި 41 ޕޮއިންޓް 37 ޕޮއިންޓްއިން ސައިކްލޯން ބީސީ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އައިމިނަތު ޝިއުރާ ވަނީ ޓައިޓަންސްއަށް 19 ޕޮއިންޓް ހޯދައިދީފައެވެ. އަދި ސައިކްލޯންއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ އެ ޓީމަށް 13 ޕޮއިންޓް ހޯދައިދިން ފާތިމަތު ރިޝްމާއެވެ.
މުޅި މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ޓީރެކްސް ބީސީގެ އައިމިނަތު ޝިއުރާއެވެ. އަންހެން ޑިވިޝަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ސައިކްލޯން ބީސީގެ ނަޝްފާ އާމިރާއާ ފާތިމަތު ރިޝްމާގެ އިތުރުން ޓައިޓަންސް އެސްސީގެ ޝިޒްނާ ރަޝީދްއާ އައިމިނަތް ނާޒިމާގެ އިތުރުން ހަމަ އެ ޓީމުގެ ހުސްނާ މުހައްމަދެވެ.
މިއީ ކޮންމެ އަހަރަކު އެއްފަހަރު މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތެކެވެ.