މެކްސިކޯގެ ދެކުނުގެ އައްސޭރި ފަށަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 61 އަށް އަރައިފި ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޓަބަސްކޯ،ވަހާކާ އަދި ޗިއާޕާސްގައި ކުނިބުނީގެ ދަށުގައި މީހުން ތާށިވެފައިވެދާނެކަމުގެ ބިރުވަނީ ހީވެފައެވެ.
ރައީސް އެންރީކޭ ޕިންއަ ނިއެއްޓޯ ވިދާޅުވީ މަދުވެގެން 200 މީހުން ޒަޚަމް ވެފައިވާކަމަށެވެ.
ބުރާސްފަތި ދުވަހުގެ ފަހުގެ ވަގުތެއްގައި 8.1 މެގްނިޓިއުޑްގައި އައި މި ބިންހެލުމަކީ ވޭތުވެ ދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭ އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.
ރައީސް ޕީންއަ ނިއެއްޓޯ ވަނީ މަރުވި މީހުންނަށް އިހުތިރާމް އަދާކޮށް އާއިލާތަކަށް ތައުޒިޔާ ދެންނެވުމުގެ ގޮތުން ހިތާމަ ފާޅުކުރުމަށް ބައި ދަނޑިއަށް ދިދަ ތިރިކުރެއްވުމަށް އަންގަވާފައެވެ.
ރައީސް ވިދާޅުވީ ވަހާކާއިން 45 މީހުން މަރުވެފައިވާއިރު، ޗިއާޕާސްއިން 12 މީހުން އަދި ޓަބަސްކޯއިން އިން ހަތަރު މީހުން މަރުވެފައިވާކަމަށެވެ.
އެންމެ ބޮޑު ގެއްލުމެއް ލިބުނު ޓައުނަކީ ވަހާކާގެ ޗަކިޓަން ކަމަށްވާއިރު އެ ޓައުންއިން 17 މީހުން މަރުވެފައިވެއެވެ.
ޓައުން ހޯލްއާއި އިތުރު އެތައް އިމާރާތްތަކެއްވަނީ ފުނޑުފުނޑުވެފައެވެ.
ރައީސް ޕީންއަ ނިއެއްްޓޯ ވަނީ ހުކުރު ދުވަހު އެ ޓައުނަށް ޒިޔާރަތްކުރައްވާފައެވެ.
ބާރުގަދަ ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ބުރާސްފަތި ދުވަހުގެ ރޭ 11:50ހާއިރުއެވެ.
ބިންހެލުމަށްފަހު ދިން ސުނާމީގެ އިންޒާރާއެކު ޗިއާޕާސްގެ އައްސޭރިފަށުގެ އާބާދީތައް އެހެން ހިސާބުތަކަށް ބަދަލުވާން ޖެހުނެވެ.އެ އިންޒާރު ފަހުން ވަނީ ނަގާފައެވެ.
މުޅި ހުކުރު ދުވަހު އެ ސަރަހައްދަށް ލޮޅުންތައް އަންނަމުން ދިޔައެވެ.