ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 21:21
ނ ޅޮހީގައި ހުކުރު ދުވަހު މުޒާހަރާ ކުރަނީ
ނ ޅޮހީގައި ހުކުރު ދުވަހު މުޒާހަރާ ކުރަނީ
ރާއްޖެ އެމްވީ
މުޒާހަރާ
ބާ ޖަނަރޭޓަރެއް ގެނައުމުން ޅޮހީ ރައްޔިތުން ރުޅިގަދަވެ މުޒާހަރާކޮށްފި
ހެނދުނު ހަތެއް ޖެހިއިރުން ފެށިގެން  މުޒާހަރާ ކުރަން ފަށައިފި
މުޒާހަރާ ނިންމާލީ ރޭގަނޑު 7:00 ހާއިރު
ޅޮއްސަށް ގެންދިޔައީ މާފަރުގައި ހުރި ބާ ޖަނަރޭޓަރެއް

ނ. އަތޮޅު ޅޮއްސަށް ބާ ޖަނަރޭޓަރެއް ގެނައުމުން އެ ރަށުގެ ރައްޔިތުން ރުޅިގަދަވެ، މުޒާހަރާކޮށްފި އެވެ.

ޅޮހީ ކައުންސިލްގެ ރައީސް އަބްދުﷲ ސާލިމް ވިދާޅުވި ގޮތުގައި ރައްޔިތުން ހިތްހަމަ ނުޖެހިގެން މުޒާހަރާ ކުރީ، އެ ރަށަށް ގެނައުމަށް ހަމަޖައްސާފައި އޮތް 200 ކިލޯ ވޮޓްގެ ޖަނަރޭޓަރު މާފަރަށް ގެންގޮސް، މާފަރުގައި ހުރި 160 ކިލޯ ވޮޓްގެ ބާ ޖަނަރޭޓަރެއް ގެނައުމުންނެވެ.

"މި ރަށުގެ ފެނަކަ ބްރާންޗުން ވެސް ކައުންސިލަށް އަންގާފައި އޮތީ ގެންނަނީ 200 ކިލޯ ވޮޓްގެ މުޅިން އާ ޖަނަރޭޓަރު ސެޓެއް ކަމަށް. ބުރާސްފަތި ދުވަހު ހަވީރު ގެނައި ޖަނަރޭޓަރު ސެޓް ބެލިއިރު އެނގުނީ ބާ އެއްޗެއްކަން، އަދި އެއީ މާފަރުގައި ހުރި ޖަނަރެޓަރެއްކަން،" ސާލިމް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 900 މީހުންގެ އާބާދީއެއް އޮންނަ ޅޮހީގައި، ހުކުރު ދުވަހު ހެނދުނުން ފެށިގެން އިރު އޮއްސި 7:00 އާ ހަމައަށް ރައްޔިތުން މުޒާހަރާ ކުރީ، "އަބަދު ވެސް ރައްޔިތުންނަށް ކަންކަން އޮޅުވާލަމުން ދާތީ" ކަމަށެވެ.

" އަބަދުވެސް ކުރާކަމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން. އެގޮތަށް އަބަދު އަނދުން ނޭޅުވޭނެކަން ރައްޔިތުން ސުލުހަވެރިކަމާއެކު މިއަދު އެ ހާމަކޮށްދިނީ،" ސާލިމް ވިދާޅުވި އެވެ.

މުޒާހަރާ ނިމުމަކަށް ގެނައީ ރައްޔިތުންނާއި ނ. އަތޮޅުގެ ފެނަކައިގެ އިސްވެރިޔާ އާއި ޅޮހީ ކައުންސިލް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. އެ ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅީ 200 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓް ގެނައުމަށާއި އެ ޖަނަރޭޓަރު ސެޓް ނުގެންނަ ނަމަ ރަށުގެ ކަރަންޓް ބިލް ނުދެއްކުމަށް ކަމަށް ވެސް ސާލިމް ވިދާޅުވި އެވެ.

"މިއިން އެއްވެސް ކަމަކަށް މި ސަރަހައްދުގެ (ނ އަތޮޅު) ގެ ފެނަކައިގެ ވެރިޔަކަށް ހުންނެވި ބޭފުޅާ އެއްބަހެއް ނުވި. އެހެންވެ ރައްޔިތުން ތިބީ ވަރަށް ހިތްހަމަ ނުޖެހިފައި،" ސާލިމް ވިދާޅުވި އެވެ.

ހެނދުނުން ފެށިގެން މުޒާހަރާ ކުރަމުން ދިއުމާއެކު، ޅޮހީގައި ހުންނެވި ނ. އަތޮޅު ފެނަކައިގެ އިސްވެރިޔާ ފުލުހުންގެ ހިމާޔަތް ހޯއްވައިގެން ކައުންސިލް އިދާރާގައި އަމިއްލައަށް ހިސޯރުވި ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

"ރައްޔިތުން ގޮވަމުންދިޔައީ އޭނާ އަށް ރަށުން ދެވޭނީ ހައްލެއް ހޯދައިދީފައި ކަމަށް،" ހޮޅިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކައުންސިލްގެ ރައީސް ސާލިމް ވިދާޅުވި ގޮތުގައި ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލް އެރަށުން، ވެލިދު އަށް ދިޔައީ އެހެން ރަށްތަކުން ގެނައި ފުލުހުންގެ ހިމާޔަތުގައި ކަމަށެވެ.

ބާ ޖަނަރޭޓަރުގެ މައްސަލައިގައި ޅޮހީގައި މުޒާހަރާ ކުރަމުން ދިޔައިރު ވެސް ދެ ފަހަރަށް މުޅި ރަށުން ކަރަންޓް ދިޔަ ކަމަށް ސާލިމް ވިދާޅުވި އެވެ. އެ ރަށަށް ކަރަންޓްގެ ހިދުމަތް ދިނުމަށް މިހާރު ބޭނުންކުރަނީ 80 ކިލޯ ވޮޓްގެ ދެ ޖަނަރޭޓަރު ސެޓެވެ. އެ ތަކެތިން މިހާރު ރަށަށް ބޭނުންވާ މިންވަރަށް ކަރަންޓް ނުއުފެއްދޭ ކަމަށް ސާލިމް ވިދާޅުވި އެވެ.

މިފަދަ ހާލަތެއްގައި ރައްޔިތުން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި ކޮންމެ ފަހަރަކު ވެސް އެ ރަށަށް ގެންދަނީ ބާ ޖަނަރޭޓަރު ސެޓެއް ކަމަށް ސާލިމް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް