ކޮންމެ އަހަރަކުވެސް ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް "ބެލޮންޑޯ" އެވޯޑް މިފަހަރުވެސް ލިބޭނީ ޕޯޗުގަލް އާއި ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކަމުގައި ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންސް ކުޅުންތެރިޔާ މައިކަލް ސަލްގާޑޯ ބުނެފިއެވެ.
ރެއާލް މެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ސަލްގާޑޯ ބުނީ މިވަގުތު ބެލޮންޑޯ އެވޯޑް އެންމެ ގިނަ ފަހަރު ހޯދާފައިވާ ކުޅުންތެރިޔަކީ މެސީ ކަމަށާއި އެހެން ނަމަވެސް މިފަހަރު ރޮނާލްޑޯ މެސީގެ މި ރެކޯޑާ އަރާ ހަމަ ކުރާނެކަމަށެވެ.
ސަލްގާޑޯ ބުނީ ރޮނާލްޑޯ އަކީ މިވަގުތު ދުނިޔޭގެ އެންމެންވެސް ގަބޫލް ކުރާ ގޮތުގައި މެސީއަށް ވުރެ އެތަށް ގޮތަކުން މޮޅު އަދި ކާމިޔާބު ކުޅުންތެރިއެއްކަމަށެވެ. އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި ރެއާލް އާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށްވެސް ސެލްގާޑޯ ބުންޏެވެ.
އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ސްޕެނިޝް ލަލީގާއާއި ޔޫއެފާ ސުޕަކަޕް އަދި ސްޕެނިޝް ސުޕަކަޕް ހިމެނޭކަމަށް އޭނާ ބުންޏެވެ.
މިއަހަރުގެ ބެލޮންޑޯ އެވޯޑާ ބެހޭގޮތުން އިތުރަށް ވާހަކަދައްކަމުން ސަލްގާޑޯ ބުނީ ރޮނާލްޑޯ އަށް މިފަހަރުގެ މި އެވޯޑް ހައްޤު ކަމަށާއި އެގޮތުން އޭނާއަށް ބެލޮންޑޯ އެވޯޑް ލިބޭނޭ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
މީޑިއާއާ ވާހަކަދައްކަމުން ސަލްގާޑޯ ބުނީ މެސީ އަކީ އަކީވެސް އަދި ރޮނާލްޑޯ އަކީވެސް ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ދެ ފޯވާޑުން ކަމަށާއި އެކަން އޭނާ ގަބޫލް ކުރާކަމަށެވެ. އެހެން ނަމަވެސް ރޮނާލްޑޯ ތަފާތުވަނީ ނިމިގެން ދިޔަ ސީޒަނުގައި ހޯދާފައިވާ ކާމިޔާބީތަކުން ކަމުގައިވެސް އޭނާ ބުންޏެވެ.
ސަލްގާޑޯ ބުނީ ރޮނާލްޑޯ އަކީ ގޯލް މެޝިނެއް ކަމަށާއި އޭނާ ގޯލް ކުރިމަތިން މުޅިންވެސް ހަދަނީ ޖާދޫ ކަމަށެވެ. އެހެން ކަމުން ލަނޑު ޖެހުމުގެ ޖާދޫ ރޮނާލްޑޯ ވަރަށް މޮޅަށް ހަދާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"ރޮނާލްޑޯ އާ މެސީ އަކީ ދުނިޔޭގެ ނަމްބަރ ވަން ދެ ކުޅުންތެރިން. އެހެން ނަމަވެސް ރޮނާލްޑޯ ތަފާތު، ރޮނާލްޑޯ ހޯދާފައިވާ ކާމިޔާބީތަށް ގިނަ. އެހެން ވެ މިފަހަރުގެ ބެލޮންޑޯ އެވޯޑް ލިބޭނީ ރޮނާލްޑޯއަށް ކަމާމެދަހު އަހަރެން ޝައްކެއް ނުކުރަން.ރޮނާލްޑޯ އަކީ ހަމަ ޖާދޫގަރެއް." ސަލްގާޑޯ ބުންޏެވެ.
ރޮނާލްޑޯ ވަނީ މީގެ ކުރިން ބެލޮންޑޯ އެވޯޑް 4 ފަހަރު ހޯދާފައެވެ. އެހެން ކަމުން މިފަހަރުގެ މި އެވޯޑް ލިބިއްޖެނަމަ މެސީގެ ރެކޯޑާ އަރާ ހަމަވާނެއެވެ. މެސީ ވަނީ ބެލޮންޑޯ އެވޯޑް ފަސް ފަހަރެއްގެ މަތިން ހޯދާފައެވެ.
ރޮނާލްޑޯ ވަނީ ނިމިގެން ދިޔައަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ފޯވާޑުގެ އިތުރުން ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.