ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 10:43
ފައިނަލްގައި ވާދަކުރާ ސްލޮއާނާ ސްޓެފެންސް
ފައިނަލްގައި ވާދަކުރާ ސްލޮއާނާ ސްޓެފެންސް
ގެޓީ އިމޭޖަސް
ޔޫއެސް އޯޕަން
ޔޫއެސް އޯޕަން: އަންހެން ސިންގަލްސްގެ ފައިނަލަށް ސްޓެފެންސްއާ ކީސް ދަތުރުކޮށްފި
މެޑިސަން ކީސް ވަނީ ސީދާ ދެ ސެޓުން ކޯޯކޯ ވެންޑެހޯ ބަލިކޮށްފަ
ސްލޮައާނާ ސްޓެފެންސް ވަނީ ދެ ސެޓު އެއް ސެޓުން ވީނަސް ވިލިއަމްސް ބަލިކޮށްފަ
މިއީ މި ދެ ކުޅުންތެރިންެ ވެސް ގްރޭންޑް ސްލޭމްއެއްގެ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރު

ނިއުޔޯކުގައި މިހާރު ކުރިޔަށްދާ ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލްގައި ވާދަކުރާ ކުޅުންތެރިން ކަށަވަރުވެއްޖެއެވެ.

ފްލަޝިން މެޑޯސްގައި ހުންނަ އަރްތޫރް އޭޝް ސްޓޭޑިއަމްގައި ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި އޭޓީޕީ ރޭންކިންގެ 83 ވަނައިގައި ރޭންކް ކުރެވިފައިވާ ސްލޮއާނާ ސްޓެފެންސްވަނީ ދެ ސެޓު އެއް ސެޓުން މުބާރާތުގެ 9 ވަނައަށް ސީޑު ކުރެވިފައިވާ ވީނަސް ވިލިއަމްސް ބަލިކޮށް ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމްއެއްގެ ފައިނަލްއިން ޖާގަ ހޯދާފައެވެ.

މެޗުގެ ފުރަތަމަ ސެޓު 6-1 ސްޓެފަންސް ގެންދިޔަ ނަމަވެސް މީގެކުރިން ދެފަހަރު ޔޫއެސް އޯޕަން ކާމިޔާބުކުރި ވީނަސް ވަނީ ދެވަނަ ސެޓު 6-0 އަކުން ކާމިޔާބުކޮށް މެޗު ތިންވަނަ ސެޓަކަށް ގެންގޮސްފައެވެ. އެހެން ނަމަވެސް މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު ސްޓެފަންސްވަނީ ވާދަވެރި ކުޅުމަކަށްފަހު 7-5 އަކުން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ.

ސްޓެފަންސް މުބާރާތާ ކުރިމަތިލީ ސީޑު ކުރެވިފައިނުވާ ކުޅުންތެރިޔެއްގެ ގޮތުގައި ވާއިރު މިއީ ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސްގެ އިވެންޓުން ސީޑު ކުރެވިފައިނުވާ ކުޅުންތެރިޔަކު ޖާގަ ހޯދި ހަތަރު ވަނަ ފަހަރެވެ. މެޗަށް ފަހު ވާހަކަދައްކަމުން ސްޓެފަންސް ބުނެފައިވަނީ އަނިޔާގައި ގިނަ ދުވަހު ހުރުމަށްފަހު އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އައިސް މި ލިބުނު ކާމިޔާބަކީ އޭނާގެ ބުރަ މަސައްކަތުން ހޯދުނު އެއްޗެއް ކަމަށާ މިހާރުގެ އަމާޒަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުން ކަމަށް އޭނާ ބުނެފައިވެއެވެ.

މުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި 15 ވަނައަށް ސީޑު ކުރެވިފައިވާ މެޑިސަން ކީސް ވަނީ ސީދާ ދެ ސެޓުން ކޯކޯ ވެންޑެހޯ ބަލިކޮށް ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމްއެއްގެ ފައިނަލްއިން ޖާގަ ހޯދާފައެވެ. ކީސް މި މެޗުގެ ސެޓުތަށް ގެންގޮސްފައިވަނީ 6-1 އަދި 6-2 އަކުންނެވެ.

މެޗުން މޮޅުވުމަށްފަހު ވާހަކަ ދައްކަމުން ކީސް ބުނެފައިވަނީ ފައިނަލްގެ ޖާގައެއް ލިބުނުކަން ގަބޫލްކުރަން އަދިވެސް ދަތި ކަމަށާއި ފައިނަލްގައި ވާދަކުރަން ޖެހޭ ސްލޮއާން ސްޓެފެންސްއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށްވުމާއެކު ފައިނަލް މެޗުގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ދެއްކުމަށް ތައްޔާރަށް ހުރި ކަމަށެވެ.

މުބާރާތުގެ ސެމީގައި ހުސް އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިން ވާދަކުރިއިރު މިއަހަރުގެ ޔޫއެސް އޯޕަން ފައިނަލް ވެގެން ދާނީ 2002 ވަނަ އަހަރު ސެރޭނާ ވިލިއަމްސްއާ ވީނަސް ފައިނަލްގައި ވާދަކުރި ފަހުން އެމެރިކާއަށް ނިސްބަތްވާ ދެ ކުޅުންތެރިން މުބާރާތުގެ ފައިނަލްއިން ފެނިގެންދާ ފުރަތަމަ ފަހަރަށެވެ.

ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް