ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 10:43
ރެއާލް މެޑްރިޑްގެ ތަރި އިސްކޯ
ރެއާލް މެޑްރިޑްގެ ތަރި އިސްކޯ
ގެޓީ އިމޭޖަސް
އިސްކޯ
އިސްކޯއާއެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޕެރޭޒް
އިސްކޯގެ އާ އެއްބަސްވުމަކީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް
އޭނާގެ ރިލީސް ފީ 700 މިލިއަން ޔޫރޯއަށް އުފުލިގެން ދާނެ
އޭނާގެ މުސާރައިގެ ގޮތުގައި 105000 ޕައުންޑް އާ އެއްބަސްވުމުގެ ދަށުން ހަމަޖެހިގެން ދާނެ

ރެއާލް މެޑްރިޑަށް ކުޅެމުންއަންނަ ސްޕެއިން އެޓޭކިން މިޑްފީލްޑާ އިސްކޯއާއެކު އާ އެއްބަސްވުމަކަށް އާދެވިއްޖެކަމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ހާމަކޮށްފިއެވެ.

ޕެރޭޒް ހާމަކޮށްފައިވާ ގޮތުގައި އިސްކޯގެ އާ އެއްބަސްވުމަކީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އަދި މި އެއްބަސްވުމުގެ ދަށުން 2022 ވަނަ އަހަރާ ހަމަޔަށް އިސްކޯ ރެއާލްގައި މަޑުކުރާނެއެވެ. ހަމައެހެންމެ އޭނާގެ މުސާރައިގެ ގޮތުގައި 105000 (އެއް ލައްކަ ފަސް ހާސް) ޕައުންޑް އާ އެއްބަސްވުމުގެ ދަށުން ހަމަޖެހިގެން ދާނެއެވެ.

އިސްކޯއާއެކު ރެއާލްއިން މިހާރު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާއިރު އޭނާ އަލަށް ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމުގެ ދަށުން އޭނާގެ ރިލީސް ފީ 700 މިލިއަން ޔޫރޯއަށް އުފުލިގެން ދާނެއެވެ.

މީޑިއާ އާ ވާހަކަދައްކަމުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފައިވަނީ އިސްކޯ ރެއާލްއާ ގުޅިފައިވަނީ ވަރަށް ޅަ އުމުރެއްގައި ކަމަށާ އަދި ދުވަހެއް ދުވަހަކަށް އޭނާގެ ފަރާތުން ފެންނަމުން އަންނަ ކުޅުން ރަނގަޅުވަމުން އަންނަ ކަމަށެވެ.

މިދިޔަ ސީޒަނުގައި އޭނާގެ ފަރާތުން ފެނުނު އާދަޔާ ހިލާފް މޮޅު ކުޅުމުގެ ސަބަބުން އޭނާ ރެއާލްގައި މަޑު ކުރުވުމަށް ބޮޑު ކޮންޓްރެކްޓެއް ހުށަހެޅީ ކަމަށްވެސް ޕެރޭޒް ބުންޏެވެ. ހަމައެހެންމެ އަދި އޭނާއާ އެކު ވަރަށް އަވަހަށް އާ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ޕެރޭޒް މީޑިއާއަށް ހާމަކުރިއެވެ.

އިސްކޯ ރެއާލްއާ އެކު އާ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމާފައިވާއިރު އޭނާ ހޯދުމަށް މިދިޔަ ޓްރާންސްފާ މާކެޓުގައި އޭނާ ހޯދުމަށް ޗެލްސީ، ޔުވެންޓަސް އަދި މެންޗެސްޓާ ސިޓީއިން ވެސް މަސައްކަތް ކުރިއެވެ.

 2013 ވަނަ އަހަރު މަލާގާއިން ރެއާލް އަށް ބަދަލުވި އިސްކޯ ވަނީ މިހާތަނަށް ރެއާލްއަށް 127 މެޗު ކުޅެދީ 25 ގޯލް ޖަހައިދީފައެވެ. އިސްކޯ އަންނަނީ ރެއާލްގައި މޮޅުކުޅުމެއް ދައްކަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް