ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ މާކެޓް ބަންދުކުރުމަށް ޕްރިމިއާ ލީގުން ނިންމައިފިއެވެ.
ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ބޯޑު މެމްބަރުންގެ ބައްދަލުވުމުގައި މިހެން ނިންމާފައިވަނީ ވޯޓުގައި ބައިވެރިވި 20 ޓީމުގެ ތެރެއިން 14 ޓީމުގެ ވޯޓު ލިބިގެންނެވެ. މިކަމާ ދެކޮޅަށް ވޯޓު ދީފައިވަނީ މެންޗެސްޓާ ޔުނައިޓެޑާ، މެންޗެސްޓާ ސިޓީއާ ސްވަންސީގެ އިތުރުން ކްރިސްޓަލް ޕެލަސްއެވެ. ބާންލީއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.
ޕްރިމިއާ ލީގުގެ ޓީމުތަކުން މިހެން ނިންމި ކަމުގައިވިޔަސް އެހެން ގައުމުތަކުގެ ޓީމުތަކަށް ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިން ގެނިދިޔުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންނަމަވެސް ޕްރިމިއާ ލީގުގެ ޓީމުތަކުގެ ސްކޮޑުތަށް ސީޒަން ފެށުމުގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ.
މިހާރުގެ ޓްރާންސްފާ މާކެޓް އޮންނަ ގޮތުން ސީޒަނުގެ ކުރީގައި ކުޅުންތެރިން ދައްކާ ކުޅުމަށް ބެލުމަށްފަހު ޓީމުތަކަށް އެ ކުޅުންތެރިންގެ ސޮއި ހޯދުމުގެ ފުރުސަތުއޮވެއެވެ. މިހެން ޓްރާންސްފާ މާކެޓުގެ ކަންކަން އޮތުމުގެ ސަބަބުން ކޯޗުންގެ ގިނަ ޝަކުވާތަށް އަމާޒުވެއެވެ. އެގޮތުން ސީޒަނަށް އެންމެ ފުރިހަމައަށް ތައްޔާރު ނުވެވޭ ކަމަށާ މިއީ ސްކޮޑުގެ ތެރޭގައި މައްސަލަ ޖެހުމަށް މެދުވެރިވާ ކަމެއް ކަމަށް ގިނަ ކޯޗުން ދެކެއެވެ.
ޕްރިމިއާ ލީގުން މިހެން ނިންމުމާ ވިދިގެން އެ ލީގުގް ޓްރާންސްފާ މާކެޓް ކޮންމެ އަހަރަކުވެސް 9 އޮގަސްޓްގައި ބަންދުވާނެއެވެ. އެހެން ނަމަވެސް ޔޫރަޕުގެ އެހެން ލީގުތަކުގެ ޓްރާންސްފާ މާކެޓް ބަންދުވާނީ 31 އޮގަސްޓްގައެވެ. ޓްރާންސްފާ މާކެޓް ކުރިން ބަންދު ކުރިކަމުގައި ވިޔަސް ފީފާގެ ގަވާއިދުތަކާ އެއްގޮތަށް ކުޅުންތެރިން ހޯދުމަށް ޓީމުތަކަށް 12 ހަފްތާ ދިނުމުގެ ގޮތުން ޓްރާންސްފާ މާކެޓް މިހާރު ފަށާ ދުވަހަށް ވުރެ ކުރިން ފަށާނެއެވެ.
ޕްރިމިއާ ލީގުން ނެރުނު ބަޔާނެއްގައި ވަނީ ޔޫރަޕުގެ އެހެން ލީގުތަކުންވެސް ޕްރިމިއާ ލީގުގެ މި ނިންމުމާ އެއްގޮތަށް އެ ލީގުތަކުގެ ވެސް ޓްރާންސްފާ މަކެޓް އަވަހަށް ބަންދު ކުރުމަށް ނިންމާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.