ޕާޓީން ވަކި ކުރިޔަސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލޭނީ އާންމު ވޯޓަކުން މެމްބަރު ކަމުން ވަކި ކުރަން ރައްޔިތުންނަށް ފެނިއްޖެ ނަމަ ކަމަށް ހަދަން ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމުގެ ބިލު ހުށަހެޅީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
މި އިސްލާހު ހުށަހެޅުމުގެ ސަބަބެއް ކަމަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ މެމްބަރު ކަމުން އެ މެމްބަރަކު ވަކި ކުރާ ހާލަތު ގައި އެ މީހަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކަމުން ވަކި ކުރުމުގެ އިޖުރާއަތުތައް ގާނޫނު އަސާސީ ގައި ކަނޑައެޅުމަށް ކަމުގައެވެ.
މި ގޮތުން ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އަށް ހުށަހަޅާފައި އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ މެމްބަރު ކަމުން ގާނޫނު ގައި ބަޔާން ކުރާ ގޮތުގެ މަތިން ވަކި ކުރާ ހާލަތުގައި، އެ މީހަކު މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތިން ނަގާ އާއްމު ވޯޓެއް ގައި އެ މީހަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމުން ވަކި ކުރުމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ކަމަށެވެ.
އެގޮތުން ވަކި ކުރުމަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގައި ދެމި ހުންނާނީ ވަކި ސިޔާސީ ޕާޓީ އަކަށް ނިސްބަތް ނުވާ މެމްބަރެއްގެ ގޮތުގައި ކަމަށް ވެސް އިސްލާހުގައި ވެއެވެ. އަދި އެމީހަކު އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެ ނަމަ މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނެ ކަމަށް ވެސް ހުށަހެޅުމުގައި ވެއެވެ.
މި އިސްލާހު އާދިއްތަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.