Advertisement
ކ. މާލެ
|
15 ނޮވެންބަރ 2025 | ހޮނިހިރު 20:43
މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ބައެއް މެމްބަރުން ކައުންސިލުތަކާ ބެހޭ ވަޒީރު އާ އެކު
މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ބައެއް މެމްބަރުން ކައުންސިލުތަކާ ބެހޭ ވަޒީރު އާ އެކު
އެމްއެލްސީއޭ
ލާމަރުކަޒީ ގާނޫނު
2000 މީހުންނަށް ވުރެ ކުޑަ އާބާދީ އޮންނަ ރަށްރަށަށް 3 ކައުންސިލަރުން އެއަށް ވުރެ ބޮޑެތި އާބާދީތަކަށް 5 ކައުންސިލަރުންނަށް ކުޑަކުރަން ހުށަހަޅައިފި
ގާނޫނަށް ހުށަހަޅާފައި އިސްލާހުގެ ދަށުން ރަށްރަށުގައި އެލްޖީއޭގެ އޮފީސްތައް ހެދުމުގެ ބާރު ލިބިދޭ

2000 މީހުންނަށް ވުރެ ކުޑަ އާބާދީ އޮންނަ ރަށްރަށަށް 3 ކައުންސިލަރުން އެއަށް ވުރެ ބޮޑެތި އާބާދީތަކަށް 5 ކައުންސިލަރުންނަށް އަދަދު ކުޑަ ކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ދިވެހިރާއްޖޭގެ އިދާާރީ ދާއިރާ ތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި މި އިސްލާހު އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ގާނޫނަށް ހުށަހަޅާފައިވާ ބަދަލުގައި ބުނަނީ 3 ކައުންސިލަރުންގެ ތެރޭގައި 1 އަންހެން ކައުންސިލަރެއް ހިމަނަން ޖެހޭނެ ކަމަށެވެ. އަދި 5 ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލުތަކުގައި 2 އަންހެން ކައުންސިލަރުން ހިމަނަން ޖެހޭނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލަށް ހޮވާ މެމްބަރުން ހޮވާނީ، ގާނޫނުގައި އިންތިޚާބު ކުރުމަށް ލާޒިމު ކުރާ އަންހެން މެމްބަރުން ހިމެނޭ ގޮތުން، މާލެ އަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދާ އެއް އަދަދެއްގެ ގޮނޑީގެ ނިސްބަތުން ކަމުގައި ބުނެފައިވެއެވެ.

ފުވައްމުލަކުގައި، މޭޔަރުގެ އިތުރުން، ގާނޫނުގެ ދަށުން އިންތިޚާބު ކުރުން ލާޒިމު އަންހެން މެމްބަރުން ހިމެނޭ ގޮތުން، ސިޓީގެ 8 އަވަށުގެ ތެރެއިން ކޮންމެ އަވަށަކަށް 1 ގޮނޑީގެ ނިސްބަތުން އިންތިޚާބު ކުރެވޭ ކައުންސިލަރަކު ހުންނަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ވެއެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް މެމްބަރުން އިންތިޚާބު ކުރާނީ ރަށެއްގެ ކައުންސިލަށް އިންތިޚާބު ކުރާ މެމްބަރުންގެ އަދަދާ އެއް އަދަދަކަށް ކަމަށް ވެސް އިސްލާހުގައި ވެއެވެ.

ސިޓީ އެއް ނަމަ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގައި ތިބޭނީ ސިޓީ އެއްގެ ކައުންސިލަށް އިންތިޚާބު ކުރާ މެމްބަރުންގެ އަދަދާ އެއް އަދަދަކަށް ކަމަށް ވެސް ބުނެފައި ވެއެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އިންތިޚާބު ކުރާނީ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް އިސްލާހުގައި ވަނީ ހުށަހަޅާފަ އެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އަކީ ފުލްޓައިމް ކޮށް ކޮމިޓީގައި މަސައްކަތް ކުރާ ފަރާތް ކަމަށާއި އޭނާ ފިޔަވާ އެ ކޮމިޓީ އަށް އިންތިޚާބު ކުރާ އެހެން ފަރާތްތައް ގަވައިދެއްގައި ބަޔާން ކުރާ ގޮތުގެ މަތިން ފުލްޓައިމް ނޫން އުސޫލަކުން މަސައްކަތް ކުރުމަށް ގާނޫނު ހުރަސް ނާޅާ ކަމަށް ވެސް ބުނެފައި ވެއެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހަޅާފައިވާ އިސްލާހުގައި ލޯކަލް ގަވަރަންމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އޮފީސްތައް އިދާރީ ދާއިރާތަކުގައި ގާއިމު ކޮށް ހިންގުމުގެ އިޚްތިޔާރު އެލްޖީއޭ އަށް ވަނީ ދީފައެވެ.

އިސްލާހުގައި އިތުރަށް ބުނަނީ އެލްޖީއޭ ގެ އޮފީހެއް އިދާރީ ދާއިރާ އެއްގައި ގާއިމު ކުރުމަށް ނިންމައި، އެ އޮފީސް ގާއިމު ކުރާނެ ދާއިރާ ތަކާއި ރަށްތައް ކަނޑައަޅައި، އޮފީހުގެ އޮނިގަނޑާއި އޮފީސް ހިންގުމުގެ އުސޫލުތައް އަދި އެ އޮފީހަކާ ހަވާލު ކުރެވޭ މަސްއޫލިއްޔަތު ތަކާއި ޒިންމާތައް ކަނޑައަޅާނީ އޮތޯރިޓީގެ ބޯޑުން ކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކަމުގައެވެ.

މި ގޮތުން ގެނެވޭ އިސްލާހާ އެކު ގާނޫނުގެ ދަށުން އުފައްދާފައިވާ އަތޮޅު ކައުންސިލްތައް އުވާލާނެ އެވެ.

މީގެ އިތުރުން ގާނޫނު އަސާސީ ގެ 231 ވަނަ މާއްދާގެ (ށ) އަށް ހުށަހަޅާފައި އިސްލާހެއް ގައި ބުނެފައިވަނީ ރަށު ކައުންސިލު ތަކުގެ ރައީސުން އަދި ސިޓީ ކައުންސިލުތަކުގެ މޭޔަރުން އިންތިޚާބު ކުރާނީ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓުން ކަމަށެވެ.

- ކޮމެންޓް