މިއަދު މި މުޖުތަމައުގެ ތެރޭގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމާއި އިސްލާމްކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި، ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.
''ތައުޙީދުގެ މަތީގައި ދަރީން ތަރުބިޔަތުކުރުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، ދަރީން ތަރުބިޔަތުކުރުމުގައި މުހިންމު ކަންތައްތަކެއްވާ ކަމަށާއި، އެއާ އެއްގޮތަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.
އޭގެ ސަބަބުން ދަރީންގެ އުޅުމަށާއި ގުޅުންތަކަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ވަނީ ނަބަވީ ހަދީޘްފުޅުތަކުގެ ތެރެއިން ހަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ހަދީޘްފުޅުގައި އިންސާނާއަށް، އަގީދާގެ ގޮތުންނާއި އަމަލީ ގޮތުން ބޭނުންވާ މުހިންމު ކަންތައްތަކެއް އެކުލެވިގެންވާ ކަމަށެވެ. އެ ހަދީޘްފުޅުގައި އައިސްފައިވާ ކަންތައްތަކުގެ މުހިންމުކަމުން، އެ ހަދީޘް ބަސްފުޅުގައިވާ ކަންތައްތައް އެންގެވުމަށް މާތް الله އިރާދަކުރެއްވި ގޮތަކީ، އިންސާނުންގެ ހިތުގައި އެ ވާހަކަތައް އެންމެ ފުރިހަމައަށް ބިންވަޅުނެގި، ދިގު މުއްދަތަކަށް އިންސާނާއަށް ދަސްވެ، ހިތުގައި ހަރުލައި ހުންނާނޭ ގޮތަކަށެވެ. އަދި މި ހާދިސާއާ މެދު ވިސްނާލުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައިވެ އެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، މި ފަދަ ހާދިސާއަށް މި ޒަމާނުގެ ތައުލީމީ ދާއިރާގައި ކިޔައިއުޅެނީ "ރޯލް ޕްލޭ" ކަމަށެވެ.
އެބަހީ ދަސްކުރާން ޖެހޭ ފިލާވަޅު މުދައްރިސް ދެތިން ކުއްޖަކު ލައްވައި އެހެން ކުދީންގެ ކުރިމަތީގައި ތަމްސީލުކޮށްލުމެވެ. މި ގޮތަށް ފިލާވަޅު ގެންދިއުމުން ވަރަށް އަވަހަށް ފިލާވަޅު ދަސްވެ ގިނަ ދުވަހަށް ހިތުގައި ހަރުލައިފައި ހުރެއެވެ. އެހެންވީމާ ޖިބްރީލް ޢަލައިހިއްސަލާމް އިސްލާމް ދީނމުގެ އަސާސްތަކާ މެދު ގެނެސްދެއްވި މި ސުވާލުތަކަކީ ވަރަށް ވަރުގަދައަށް ކޮންމެ މުސްލިމެއްގެ ހިތުގައި ބިންވަޅުނެގިފައި ހުންނާންޖެހޭނޭ ކަންތައްތަކެކެވެ. ނަމަވެސް ދެރަކަމަކީ މި އަދު މިކަންކަމުގެ މައްޗަށް ވަރަށްބޮޑަށް އަޅައިނުލެވި ފަރުވާކުޑަކުރެވިފައިވާ ކަމެވެ. އެދެވޭ ގޮތުގައި ހިތުގައި މި ކަންކަން ހަރުލެއްވިފައި ނުވާކަމެވެ.
ހުކުރު ޚުތުބާ![]()
ޚުތުބާގައި ބުނީ، މިއަދު މި މުޖުތަމައުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި، ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން ކަމަށެވެ. އަބަދާއި އަބަދު މާތް الله ބައްލަވައިވޮޑިގެންވާކަމާއި، އަދި އޭގެ އިތުރަށް ދެ މަލާއިކަތުން ތިމާގެ ގާތުގައި ތިމާގެ އަމަލުތަކާއި ބުނާ ބަސްތައް ލިއުއްވަން ތިއްބަވާނޭކަން، ކަށަވަރުކޮށްދެވިފައި ނުވާތީ ކަމަށެވެ.
ޅަފަތުއްސުރެ މިކަންކަން ހިތުން ކެހިގެން ނުދާ ފަދަ ގޮތެއްގައި، ހަރުލެއްވިއްޖެ ނަމަ މީސްތަކުންގެ އުޅުންތަކާއި ގުޅުންތަކަށް ހެއު ބަދަލު އަންނާނެ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
އެހެންކަމުން ދަރިން ތައުޙީދުގެ މަތީގައި ދަރީން ތަރުބިޔަތުކުރުމުގައި މިކަންކަމަށް ސަމާލުވުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ.