ނ. ޅޮހީގެ އޮފީސްތަކުގައި އެކި މަސައްކަތަށް ބޭނުންވާ ސާމާނު ނެތް ނަމަވެސް ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދޭ 40 އެއްހާ މުވައްޒަފުން އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2026 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ނަންބަރު ތަކާ ފޮތަށް ބަލާއިރު 2026 ގެ ބަޖެޓް ފޮތް ބަލާލަން ރީތި ކަމަށެވެ.
ނަމަވެސް އެ ފޮތުގައިވާ ކަންކަން ހާސިލު ކުރާ މިންވަރު އެނގޭނީ އަންނަ އަހަރު ނިމުމުން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. މެންބަރު ވިދާޅުވީ ބަޖެޓުގައި އެކި ކަންކަމަށް ހައްލު ހޯދަން ހިމަނާފައިވާއިރު މިހާރު ވެސް ސަރުކާރުން ކުރަމުންދާ އިސްރާފުތައް ދަނީ އިތުރުވަމުން ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދޭ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރު ކޮށް، ސިޔާސީ ބޭނުމަށް އެސްއޯއީ ތަކަށް ނުަކަތާ ވަރަށް މުވައްޒަފުން ނަގަމުންދާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
ފުވައްމުލަކު ސިޓީގަ 37 ސުޕަވައިޒަރުން އެބަތިބި ވެމްކޯގަ. 37 ސުޕަވައިޒަރުން. މީގެ ކުރިން ހަތް ސުޕަވައިޒަރުން ތިބި ތަނެއް. އެގޮތަށް ގޮސް ހައްދުފަހަނައަޅާ ވަރަށް، ނިދިން މީހަކު ހޭލައިގެން މަސައްކަތް ކުރާ ވަރަށް މަސައްކަތެއް އެތާކު ނެތް. ހަމަ އެގޮތަށް މިހުރީ މުޅި ރާއްޖޭގެ ހުރިހާ ތަނެއްގަ. އަޅުގަނޑުގެ ދާއިރާ ހިމެނޭ ޅޮހީގަ މަސައްކަތް ކުރާނޭ ސާމާނު ނެތި 30 ހަކަށް 40 ހާ ގާތް ކުރާ އަދަދަކަށް ތިބި މުވައްޒަފުންނަށް ދައުލަތުން މުސާރަ ދޭތާ ހަތަރު މަސް ދުވަސް ވަނީ.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް![]()
މެންބަރު ވިދާޅުވީ މިއީ ދައުލަތުގެ ޚަރަދު ކުޑަކުރަން ކުރާ ކަމެއް ނަމަ އެ ބޭފުޅުން ލައްވާ ކޮންމެވެސް މަސައްކަތެއް ކުރުވާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ސަރުކާރުގެ މުވައްޒަފުންގެ އަދަދު 53،700 އަށްވުރެ މަތިވާނެ އެވެ. ބަޖެޓުން ފެންނަ ނަންބަރުތަކަށް ބަލާއިރު 2024ން ފެށިގެން 2025ށް ސަރުކާރުން 1،500 އެއްހާ ވަޒީފާ އަލަށް ދީފައިވެ އެވެ.
ސަރުކާރުގެ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ސިވިލް ސާވިސްގެ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކާއި އިދާރާތައް އަދި ވުޒާރާތަކާއި އެހެނިހެން އޮފީސްތަކުގައި ތިބި ސިޔާސީ މުވައްޒަފުންނެވެ. ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެ އަދަދު އެއަށް ވުރެ މާބޮޑަށް ވެސް އިތުރު ވާނެ ކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.