ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން އިމިގްރޭޝަން ގިނަ އޮފިސަރުންގެ މުސާރަ ވަރަށް ބޮޑަށް ކުޑަ ވެއްޖެ އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އިމިގްރޭޝަންގެ އިސް އޮފިސަރެއް ވިދާޅުވީ، އިމިގްރޭޝަންގައި ޕްރޮމޯޝަން ނުދޭތާ މިހާރު ގާތްގަނޑަކަށް 17 އަހަރު ވެފައިވާ ކަމަށާއި، ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މުސާރައަށް ގެނައި ބަދަލާ ގުޅިގެން އިމިގްރޭޝަންގެ ގިނަ އޮފިސަރުންގެ މުސާރަ ކުޑަ ވެފައިވާ ކަމަށެވެ.
އިމިގްރޭޝަން ގައި އެންމެ ގިނައިން މުވައްޒަފުން ތިބީ ތިން ރޭންކެއްގައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރ، ޑެޕިއުޓީ އިމިގްރޭޝަން އޮފިސަރ އަދި އިމިގްރޭޝަން އޮފިސަރުން ކަމަށެވެ. މި ހުރިހާ އޮފިސަރުންގެ މުސާރަ ކުޑަ ވެފައިވާއިރު، މުސާރަ ބޮޑުވެފައިވަނީ ސީނިއަރ އިމިގްރެޝަން އޮފިސަރުންގެ މައްޗަށް ހުރި މަގާމު ތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ސީނިއަރ ލެވަލްއަށް ވުރެ ދަށުގައި މަސައްކަތް ކުރާ އޮފިސަރުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. މީގެ ކުރިން އެ އޮފިސަރުންނަށް މުސާރާގެ ގޮތުގައި 23،000 ރުފިޔާ އާއި 26،000 ރުފިޔާ ގެއަށް ގެންދިއުމަށް ލިބުނު ނަމަވެސް މިހާރު އެ އޮފިސަރުންނަށް ގެއަށް ގެންދިއުމަށް ލިބޭނީ ގާތްގަނޑަކަށް 16،500 ރުފިޔާ ކަމަށެވެ. ނަމަވެސް މަތީ ލެވަލްގެ އޮފިސަރުންނަށް 30،000 ރުފިޔާ އާއި 40،000 ރުފިޔާ ގެއަށް ގެންދިއުމަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ އޮފިސަރު ވިދާޅުވީ، އިމިގްރޭޝަން އޮފިސަރުންނަށް ނުކުންނަ ކޮންމެ ދުވަހަކަށް ހާޒިރީ އަށް 200 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭ ކަމަށެވެ. ހުޅުމާލޭގައި އުޅޭ މީހެއް ނަމަ މާލެ ނުވަތަ އެއަރޕޯޓަށް ދާނަމަ ދުވާލަކަށް 30 ގެ މަގުން ޓްރެވަލް އެލަވަންސް ލިބޭ ކަމަށާއި، ޝިފްޓް އުސޫލުން އެއަރޕޯޓުގައި މަސައްކަތް ކުރާ އޮފިސަރުންނަށް ގެއަށް ބްރޭކަށް ނުދެވޭތީ ދުވާލަކަށް 60 ރުފިޔާ ދޭ ކަމަށެވެ.
ނަމަވެސް މި ބަދަލުތަކާއެކު އެލަވަންސްތައް ކަނޑާލާފައިވާ ކަމަށާއި، މިހާރު ޓްރެވަލް އެލަވަންސް ވެސް ކަނޑާލާނެކަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުސާރަ އަށް އައި ބަދަލާ ގުޅިގެން އިމިގްރޭޝަންގެ ގިނަ އޮފިސަރުން އެކަމުގެ ކަންބޮޑުވުން ވަނީ ފާޅު ކޮށްފަ އެވެ. ނަމަވެސް މަތީ ލެވަލްގައި އެ އޮފިސަރުންގެ ކަންބޮޑުވުން ތަކަށް މާ ބޮޑު ސަމާލުކަމެއް ދީފައިނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.