ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 11:51
ޓީރެކްސްއާ ރެޕްޓާސް ވާދަކުރި މެޗުގެ ތެރެއިން
ޓީރެކްސްއާ ރެޕްޓާސް ވާދަކުރި މެޗުގެ ތެރެއިން
ފޭސްބުކް
އެމްބީީއޭ ޗެމްޕިއަންޝިޕް
އެމްބިއޭ ޗެމްޕިއަންޝިޕުގެ ފައިނަލްގައި ވާދަކުރާ ޓީމުތައް ކަށަވަރުވެއްޖެ
ފިރިހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނީ ކިންގްސް ބީސީއާ ޓީރެކްސް ބީސީ
އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނީ ސައިކްލޯން ބީސީއާ ޓައިޓަންސް ސްޕޯޓްސް ކްލަބް

25 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގެ ފައިނަލްގައި ވާދަކުރާ ޓީމުތައް ކަށަވަރުވެއްޖެއެވެ.

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ އެމްބީއޭ ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ ފައިނަލްގައި ވާދަކުރާނީ ކިންގްސް ބާސްކެޓްބޯލް ކްލަބާއި ޓީރެކްސް ބާސްކެޓްބޯލް ކްލަބެވެ.

ކިންގްސް ބީސީ މުބާރާތުގެ ފައިނަލްއަށް ދަތުރުކުރީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ދަ ބައުސް ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. ކިންގްސް ބީސީއިން މި މެޗު ކާމިޔާބު ކޮށްފައިވަނީ 88 ޕޮއިންޓް 72 ޕޮއިންޓްއިން ދަ ބައުސް ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ކިންގްސް ބީސީގެ އަހުމަދު ފިރާޝްވަނީ އެ ޓީމަށް 23 ޕޮއިންޓް ކާމިޔާބުކޮށްދީފައެވެ. ދަ ބައުސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ކުޅުންތެރިޔަކީ 23 ޕޮއިންޓާއެކު އަބްދުﷲ އަމްޒަރްއެވެ.

ޓީރެކްސް ބީސީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ރެޕްޓާސް ބީސީގެ މައްޗަށް 84 ޕޮއިންޓް، 53 ޕޮއިންޓްއިން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީރެކްސްގެ އިބްރާހިމް ރަޝްވާންއެވެ. އޭނާވަނީ ޓީރެކްސްއަށް މި މެޗުގައި 18 ޕޮއިންޓް ކާމިޔާބު ކޮށްދީފައެވެ. ރެޕްޓާސް ބީސީއަށް އެންމެ ގިނަ ޕޮއިންޓް ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީ 20 ޕޮއިންޓާއެކު އަހުމަދު ރާއިދް ސަލީމްއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނީ ޓައިޓަންސް ސްޕޯޓްސް ކްލަބާ ސައިކްލޯން ބާސްކެޓްބޯލް ކްލަބެވެ.

ޓައިޓަންސް ސްޕޯޓްސް ކްލަބް ފައިނަލްއަށް ދަތުރުކުރީ ސެމީގެ ފުރަތަމަ މެޗުގައި ޓީރެކްސް ސްޕޯޓްސް އެކަޑަމީ 76 ޕޮއިންޓް 15 ޕޮއިންޓްއިން ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓައިޓަންސްއަށް 24 ޕޮއިންޓް ކާމިޔާބު ކޮށްދިން އައިމިނަތު ޝިއުރާއެވެ.

ސެމީފައިނަލްގެ ދެވަނަ މެޗުގައި ސައިކްލޯން ބީސީއިން ވަނީ 112 ޕޮއިންޓް ނުވަ ޕޮއިންޓްއިން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސައިކްލޯންއަށް 21 ޕޮއިންޓް ކާމިޔާބު ކޮށްދިން ފާތިމަތް ރިޝްމާއެވެ.

އެމްބީއޭ ޗެމްޕިއަންޝިޕުގެ ފައިނަލް މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް