ކ. މާލެ
|
7 ނޮވެންބަރ 2025 | ހުކުރު 13:36
ހުކުރު ނަމާދުގެ ޚުތުބާ އަޑު އަހަނީ
ހުކުރު ނަމާދުގެ ޚުތުބާ އަޑު އަހަނީ
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން ކަމަށާއި، އިސްލާމް ދީނަކީ الله سُبْحَانَهُ وَتَعَالَى އިންސާނުން މި ދުނިޔޭގައި ދިރިއުޅުމަށް އިޚްތިޔާރު ކުރައްވައިފައިވާ މަގު ކަމަށެވެ. އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިސްލާހުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމު ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން ކަމަށާއި، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.

''ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، ބާއްޖަވެރިކަމަކީ، އިންސާނުން އެ ނިއުމަތެއް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ނިއުމެއްތެއް ކަމަށާއި، ބާއްޖަވެރިކަމާއި އުފާވެރިކަން ހޯދުމުގައި، މުސްކުޅިއެއް ޒުވާނެއް، މުއްސަންޖެއް ފަގީރެއް، މުސްލިމެއް ޣައިރު މުސްލިމެއް، ތަފާތެއް ނެތް ކަމަށެވެ.

ޚުތުބާގައި ބުނީ، މިއަދު ގިނަ ބަޔަކު، ގަބޫލުކުރާ ގޮތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި ފައިސާއާއި، ޖާހާއި މަންސަބާއި، މަޝްހޫރު ކަމުގައި ކަމަށާއި، ނަމަވެސް ކަން އޮތީ އެހެން ނޫން ކަމަށެވެ. އަދި ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އިސްލާމް ދީނަކީ الله سُبْحَانَهُ وَتَعَالَى އިންސާނުން މި ދުނިޔޭގައި ދިރިއުޅުމަށް އިޚްތިޔާރު ކުރައްވައިފައިވާ މަގު ކަމަށާއި، އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިސްލާހުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމު ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، ބާއްޖަވެރިކަމުގެ އެއް ސަބަބަކީ، އިސްލާމީ ޝަރީއަތަކީ ފުރިހަމަ އަދި ޝާމިލު ޝަރީއަތެއްކަން އެނގުން ކަމަށެވެ. އިސްލާމީ ޝަރީއަތަކީ ހަމައެކަނި އަޅުކަމާއި ހައްދުތައް ގާއިމުކުރުން ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތް ނަމަވެސް އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެއް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

އެގޮތުން އިސްލާމީ ޝަރީއަތުގައި އަގީދާއާއި އަޅުކަމާއި އަހުލާގާއި އާއިލީ ގުޅުންތަކާއި ތަރިކައާއި އިގްތިސާދާއި ސިޔާސީ އަދި ބައިނަލްއަގުވާމީ ގުޅުންތަކާއި ހަމަހަމަކަމާއި އަދުލު އިންސާފާއި މި ފަދަ އެންމެހައި ދާއިރާތަކާއި ކަންކަން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

ހަމަކަށަވަރުން ބާއްޖަވެރިކަމަކީ ބޭނުން މީހަކު ބޭނުން ގޮތަކަށް ހޯދޭނެ އެއްޗެއްނޫނެވެ. އެހެނެއްކަމަކު އެއީ އީމާންކަމުގެ މޭވާއެވެ. ދީނަށް އުޅުމުގެ ނަތީޖާއެވެ. ކެތްތެރިކަމުގެ ޖަޒާއެވެ. އަދި އެއީ الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުން އަންނަ ތައުފީޤެކެވެ. އަލްއިމާމު އިބުރާހީމް ބުނު އަދުހަމް ވިދާޅުވެފައި ވެއެވެ. (لَوْ عَلِمَ الْمُلُوْكُ وَأَبْنَاءُ الْمُلُوْكِ مَا نَـحْنُ فِيْهِ مِنَ النَّعِيْمِ وَالسُّرُوْرِ لَـجَالَدُوْنَا بِالسُّيُوْفِ) މާނައީ: "ރަސްރަސްކަލުންނާއި އެ މީހުންގެ ދަރީންނަށް، އަހަރެމެން މިތިބަ ނިޢުމަތްތަކާއި އުފާވެރިކަން އެނގޭ ނަމަ، އެބައިމީހުންގެ ކަނޑިތަކުން އަހަރުމެންނާ ހަނގުރާމަ ކުރީސްކަން ކަށަވަރެވެ!

ހުކުރު ޚުތުބާ

ޚުތުބާގައި ވަނީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭ ނަމަ، މާތް اللهއަށް ތަގުވާވެރިވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވެތިބުމަށް ގޮވާލާފަ އެވެ.

- ކޮމެންޓް