ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ޝިރުކާއި ބިދުއަތައް މުސްލިމް އުންމަތުގެ ތެރޭގައި ފެތުރިފައިވާ ކަމަށާއި، މިކަމުން ދުރުހެލިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.
''މާތް اللهގެ ވަލިއްޔުން'' މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ޚުތުބާ ގައި ބުނީ، މާތް اللهގެ ވަލިއްޔުންގެ ދަރަޖައަކީ، ވަރަށް މަތިވެރި ދަރަޖަ އެއް ކަމަށާއި، އެއީ ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުގުވެރިވެ ވަޑައިގަންނަވާ، އެ ބޭކަލުންނަށް ވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖަ އެއް ކަމަށެވެ.
މާތް اللهގެ ވަލިއްޔަކަށް ވެވޭނީ، މައިގަނޑު ދެ ޝަރުތެއް ފުރިހަމަވެގެންކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ. ފުރަތަމަ ޝަރުތަކީ، މާތް اللهއަށް ފުރިހަމަޔަށް އީމާންވުމާއެކު އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. ދެވަނަ ޝަރުތަކީ، އެކަލާނގެއަށް ތަގުވާވެރިވުމެވެ.
މާތް اللهގެ ވަލިއްޔުންނާ ބެހޭގޮތުން ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، މާތް اللهގެ އަޅުތަކުންގެ ތެރެއިން ބަޔަކު ވެއެވެ. އެއީ ނަބީބޭކަލުންނެއް ނޫނެވެ. އަދި ޝަހީދުންނެއްވެސް ނޫނެވެ. ޤިޔާމަތްދުވަހު، މާތް اللهގެ ޙަޟްރަތުގައި ވަލިއްޔުންގެ ދަރަޖަ ނަބީބޭކަލުންނާއި ޝަހީދުންނަށް ފެނިވަޑައިގަތުމުން، އެ ބޭކަލުން އެ ދަރަޖައަށް ދަހިވެތިވެވަޑައިގަންނަވާނެއެވެ.
ހުކުރު ޚުތުބާ![]()
ކިތަންމެ މާތް އިންސާނެއް ކަމުގައި ވިޔަސް، ކިތަންމެ ތަގުވާވެރި އަޅަކުކަމުގައި ވިޔަސް، އެ މީހަކު މި ދުނިޔެ ދޫކުރުމަށް ފަހު ދެން އަހަރެމެންނަށް އެހީތެރިވުމުގެ ގޮތުން އެއިން ބޭކަލަކަށް ކޮށްދެއްވޭނޭ އެއްވެސް ކަމެއް ނޯންނާނެ ކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އިސްލާމީ އުންމަތުގެ ބައެއް ގައުމުތަކުގައި ކޮށްއުޅޭ އެންމެ ނުރައްކާތެރި އެއް ކަމަކީ، ސާލިހު އަޅުންނާއި، ވަލީވެރީންކަމުގައި ދެކޭ ބައެއް މީހުންގެ ގަބުރު ވަށައިގެން ރާނައި، އެ ތަނަށް ދޮންވެލިލައި، ވޮށް ދިއްލައި، ޒީނަތްތެރިކޮށް، އެ ތަންތަނަށް ނަދުރު ބުނެ، ޒިޔާރަތް ކުރުން ފަދަ ކަންކަން ކޮށް އުޅުން ކަމަށެވެ.
ޚުތުބާގައި ބުނީ މާތް الله މިހައި މަތީ ދަރަޖަ ދެއްވައިފައިވާ ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ޝިރުކާއި ބިދުއަތައް މުސްލިމް އުންމަތުގެ ތެރޭގައި ފެތުރިފައިވާތީ މިއީ ޝިރުކުގެ އަމަލެއް ކަމަށާއި، މިކަމުން ދުރުހެލިވާން ޖެހޭ ކަމަށެވެ.
އެއަށް ވުރެ ނުރައްކާތެރި ކަމަކީ، އެ ޒިޔާރަތްތަކުގައި ފަސްދާނުލެވިފައިވާ މީސްމީހުންގެ ކިބައިން ކަންކަމަށް އެދި ދެންނެވުމެވެ. އެއީ ކަނޑައެޅިގެންހުރި ޝިރުކުގެ ޢަމަލެކެވެ. މިވެނިކަމެއް ވެއްޖެއްޔާ އެވެނި ޒިޔާރަތަކަށް ދިދަ ހަދިޔާކުރާން ނަދުރުބުނުމާއި، ބައެއް ޒިޔާރަތްތައް ހުންނަ ރަށްރަށުގައި ކުޑަކުދީން ދޮންކެއު ނުވަތަ ކަންޖާއަޅައި ކިރުމާއި، އެ ތަކެތި ޒިޔާރަތުގެ ނަމުގައި ހަދިޔާކުރުމާއި، އެ ތަންތަން ބަލަހައްޓާ ފަރާތްތަކުން، އެތަންތަނަށް އަންނަ މީހުންގެ އަތުން އެކިއެކި ނަންނަމުގައި ފައިސާއާއި ތަކެތި ނަގައިއުޅުމަކީ މި ރާއްޖޭގައި ވެސް ކޮށްއުޅުނު ޝިރުކުގެ ޢަމަލުތަކެވެ. މިއީ ތައުޙީދުގެ އަހުލުވެރީން ކޮށްގެންވާނޭ ކަންކަމެއްނޫނެވެ. މި ފަދަ ޢަމަލުތަކަކީ، މާތް الله ފިއަވައި، ބުދަށް އަޅުކަންކުރާ މީހުން ކުރާ ޢަމަލުތަކާ އެއްގޮތް ޢަމަލުތަކެކެވެ. މިއީ ތައުބާނުވެ މަރުވެއްޖެނަމަ ނުފުއްސަވާނޭ ފާފައެކެވެ.
ހުކުރު ޚުތުބާ![]()
ޚުތުބާގައި ބުނީ މީހަކު ފަރުޟު އަޅުކަމުގެ އިތުރަށް، ސުންނަތް އަޅުކަންތަކުން މާތް اللهއާ ކުއްތަންވެ، އެ މީހެއްގެ ގުނަވަންތައް މާތް الله ގެ އަމުރުފުޅުތަކާ އެއްގޮތަށް ކިޔަމަންކޮށް، ހަރާމްކުރެއްވި ކަންތަކުން އެއްކިބާކޮށް، އެކަލާނގެ ލޯބިވެވޮޑިގަންނަވާ ގޮތަށް އުޅުމުން، މާތް الله އެ މީހަކަށް ވާގިވެރިވެ ވޮޑިގަންނަވާނެ ކަމަށެވެ.
އެހެންކަމުން ވަލިއްޔުން ގެ ދަރަޖަ ހޯދުމަށް މަސައްކަތް ކުރުމަށް ޚުތުބާ ގައި ވަނީ ގޮވާލާފަ އެވެ.