Advertisement
ކ. މާލެ
|
7 ނޮވެންބަރ 2025 | ހުކުރު 13:37
ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަ ދައްކަވަނީ
ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރައްޔިތުންނަށް ދަތިކުރުން
ކައުންސިލް އިންތިޚާބަށް ފަހު ރައްޔިތުން ހިތަށްވެސް ނާރާ ގޮތަކަށް ސަރުކާރުން ރައްޔިތުންނަށް ދަތިކުރާނެ: ޔައުގޫބް
2026 ވަނަ އަހަރުގެ ބަޖެޓާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި
ޑޮލަރު ރޭޓު މިހާރު 21 ރުފިޔާގައި ހުރި ނަމަވެސް 2026 ނިމިގެންދާއިރު 23 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ
މިހާރު ވެސް މިސަރުކާރު ރައްޔިތުންނަށް ދައްކަމުން ދަނީ ހުސް ދަޅަ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ރައްޔިތުން ހިތަށްވެސް ނާރާ ގޮތަކަށް ސަރުކާރުން ރައްޔިތުންނަށް ދަތިކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ، 2026 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުން ތަކެއް އެބަހުރި ކަމަށާއި، އެބަޖެޓުން ރައްޔިތުންނަށް އަދި ގައުމަށް ފައިދާއެއް ނުކުރާނެ ކަމަށެވެ. މިހާރު މި ބަޖެޓު އޮތް ގޮތުން ބަޖެޓު އެއް ސައިޑަކަށް ކަހާލާނެ ކަމަށާއި، އެފައިސާ ދާނީ ސަރުކާރުގެ އިސްވެރިންގެ އެކައުންޓު ތަކަށް ކަމަށެވެ.

މީގެ އިތުރުން ޔައުގޫބް ވިދާޅުވީ ލަފާ ކުރާ މިންވަރާ ގާތަށް ވެސް ބޭރުގެ އެހީ ނުލިބޭ ކަމަށާއި، އަންނަ އަހަރު ވެސް އެހީ ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ. އަދި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި އަދި ދައުލަތް ހިންގުމަށްޓަކައި ފައިސާ ޗާޕު ކުރުން ނޫން ގޮތެއް މިސަރުކާރަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުތަކަށް އިޝާރާތް ކުރައްވައި ޔައުގޫބް ވިދާޅުވީ މިހާރު ވެސް ޑޮލަރު ރޭޓު ގާތްގަނޑަކަށް ހުރީ 21 ރުފިޔާގައި ކަމަށާއި، 2026 ނިމިގެންދާއިރު 23 ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއީ މި ބަޖެޓުގެ ސަބަބުން ދިމާވާނެ ކަމެއް ކަމަށާއި، މި ބަޖެޓާ ގުޅިގެން އިތުރު ވެގެން ދަނީ ދިވެހި ރުފިޔާ ކަމަށާއި، ފޮރިން ކަރަންސީއެއް އިތުރުނުވާ ކަމަށެވެ.

މިހާރު ވެސް މިސަރުކާރު ރައްޔިތުންނަށް ދައްކަމުން ދަނީ ހުސް ދަޅަކަން ފާހަގަކުރައްވައި ޔައުގޫބް ވިދާޅުވީ، ކުރިއަށް ކައުންސިލް އިންތިޚާބަށް ފަހު ސަރުކާރުގެ ހަގީގީ ކުލަ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. އަދި ރައީސް މުއިއްޒަށް ރައްޔިތުން ފޮނި އުންމީދުތަކާއެކު ވޯޓު ދީ ވެރިކަން ދިން ނަމަވެސް ކައުންސިލް އިންތިޚާބަށް ފަހު ރަައްޔިތުން އުންމީދު ނުކުރާ ގޮތަށް ރައްޔިތުންނަށް ދަތި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭރުން އެހީ ނުލިބެންޏާ ދެން އޮތް ގޮތަކީ ޗާޕު ކުރުން. ޗާޕު ކުރެވޭނީ ދިވެހި ރުފިޔާ. ދިވެހި ރުފިޔާގެ ސަޕްލައި އިތުރުވާ ކޮންމެ އިތުރުވުމަކަށް އެއީ ދިވެހި ރުފިޔާގެ އަގު ވެއްޓުން. މާނައަކީ ބޭރު ފައިސާއަށް ޑިމާންޑް ކުރާ މިންވަރު ބޮޑުވާނެ. އެހެންވީމަ އޭގެ މާނައަކީ އެޗްސްޗޭންޖް ރޭޓު ބޮޑު ވެގެންދާނެ. އެހެންވީމަ އެންމެ ކުޑަ ވެގެން 23 ނޫނީ 24 ރުފިޔާއަށް މިއަންނަ އެންމެ ކުޑަ މިންވަރު އެއީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި. ރައްޔިތުން ތިބީ ވަރަށް ބޮޑު އުންމީދެއްގައި. އެ ރަށްރަށުގައި ކަންކަން ކުރެވިދާނެ ކަމަށް ބަލައިގެން. އެހެންނަމަވެސް އޭގެ ދަޅަ ދައްކައިގެން ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް އެ ކެންޕޭން ކުރައްވަމުން އެ ގެންދަވަނީ މިވެނި ރަށެއްގައި މިވެނި ކަމެއް ކުރާނަމޭ. އެ ދަޅަ ދައްކައިގެން ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އެ ހިސާބަށް ހިފަހައްޓާލެވޭތޯ އެ މަސައްކަތް ކުރަނީ. އޭގެފަހުން އަޅުގަނޑަށް ގަބޫލު ކުރެވެނީ ވަރަށް ރައްޔިތުން ދަތި މެޝަރތަކެއް ސަރުކާރުން ނަގާނޭ. ނޫނީ ނަގަން މަޖުބޫރުވާނޭ.

ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ޔައުގޫބް ވިދާޅުވީ، މިއީ ރައްޔިތުންގެ ސަރުކާރެއް ނޫން ކަމަށާއި، އަންނަ އަހަރުގެ ބަޖެޓު ވެސް ހުށަހަޅާފައި އޮތީ ރައްޔިތުންނަށް ދަތިވާނެ ގޮތަށް ކަމަށެވެ.

- ކޮމެންޓް