ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 11:27
އަންދްރޭސް އިނިއެސްޓާ
އަންދްރޭސް އިނިއެސްޓާ
ގޯލް.ކޮމް
އަންދްރޭސް އިނިއެސްޓާ
ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އަލެއް ނުކުރަން: އިނިއެސްޓާ
މަޝްވަރާތަށް ދަނީ ކުރިޔަށް އަދި އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރަން: އިނިއެސްޓާ
އިނިއެސްޓާގެ އިތުރުން މެސީގެ ކޮންޓްރެކްޓްވެސް ބާސާއަށް އާ ކުރެވިފައެެއް ނުވޭ

ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރާ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑާ އަންދްރޭސް އިނިއެސްޓާ ބުނެފިއެވެ.

ސްޕެއިންއާއެކު ވޯލްޑްކަޕް ކޮލިފައިންގެ މެޗުތަށް ކުޅުމަށް ގޮސްހުރި އިނިއެސްޓާ މިހެން ބުނެފައިވަނީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެގޮތުން އޭނާ ބާސާއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އަދިވެސް އެއްބަސްވުމުގެ މަޝްވަރާތަށް ކުރިޔަށްދާ ކަމަށާއ އެހެން ނަމަވެސް އަދި އެއްވެސް އެއްބަސްވުމެއްގައި އޭނާ ސޮއި ނުކުރާ ކަމަށެވެ. އަދި އޭނާގެ އުއްމީދަކީ ބާސެލޯނާގައި ރިޓާޔާ ކުރުން ކަމަށް އޭނާ ހާމަކުރިއެވެ.

އެހެން ނަމަވެސް ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމޯ ވަނީ ދާދިފަހުން ދިން އިންޓަވިއުއެއްގައި އިނިއެސްޓާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެފައެވެ. އަދި އޭނާއަށް ބާސާއިން ހުށަހަޅާ ކޮންޓްރެކްޓަކީ އެއްވެސް މުއްދަތެއް ނެތިގޮތަށް ހުށަހަޅާ ކޮންޓްރެކްޓެއް ކަމަށް ބުނެފައެވެ.

ބާސެލޯނާގެ ރައީސް މިހެން ބުނެފައިވާއިރު މި ސީޒަނުގެ ޓްރާންސްފާ މާކެޓުގައި ބާސާއަށް އެންމެ އެދެވޭ ކުޅުންތެރިން ނުގެނެވުމުގެ ސަބަބުން އޭނާއަށް އަންނަނީ ފާޑުކިޔުންތަށް އަމާޒުވަމުންނެވެ. އެގޮތުން ނޭމާވެސް ވަނީ ބާސެލޯނާގެ ރައީސްއަކީ އެ މަގާމަށް އެންމެ އެކަށީގެންނުވާ މީހެއް ކަމަށް ބުނެފައެވެ.

އިނިއެސްޓާގެ ކޮންޓްރެކްޓް އާކުރެވިފައި ނުވާއިރު އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ކޮންޓްރެކްޓް ވެސް އާ ކުރެވިފައެއް ނުވެއެވެ. މި ދެ ކުޅުންތެރިންގެ ކޮންޓްރެކްޓްގައިވެސް ބާކީ އޮތީ އެންމެ އަހަރެކެވެ. ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓު ހުޅުވުމުގެ ކުރިން މި ދެ ކުޅުންތެރިންގެ އެއްބަސްވުން އާ ނުކޮށްފިނަމަ އިނިއެސްޓާއާ މެސީއަށްވެސް ޖެނުއަރީގައި އެހެން ކްލަބްތަކާއެކު އެއްބަސްވުން ގާއިމްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ޔުވެންޓަސްއިން އިނިއެސްޓާ ގެންދަން މަސައްކަތް ކުރަމުން އަންނަ އިރު އޭނާގެ މުޅި ކެރިއަރު ވޭތުކޮށްފައި ވަނީ ބާސެލޯނާގައެވެ. އެގޮތުން އޭނާވަނީ ބާސާއަށް ކުޅެދިން 413 މެޗުގައި 34 ލަނޑު ކާމިޔާބުކޮށްދީ އެ ޓީމާއެކު 28 ތަށި ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް