ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 11:27
ރަފައޭލް ނަދާލްއާ އަންދްރޭ ރުބްލޭވް
ރަފައޭލް ނަދާލްއާ އަންދްރޭ ރުބްލޭވް
ޑެއިލީ އެކްސްޕްރެސް
ޔޫއެސް އޯޕަން
ޔޫއެސް އޯޕަން: ފެޑެރާ ކެޓިއިރު ނަދާލް ސެމީއަށް ދަތުރުކޮށްފި
ނަދާލް ސެމީގެ ޖާގައެއް ކަށަވަރު ކުރީ އަންދްރޭ ރުބްލޭވް ސީދާ ތިން ސެޓުން ބަލިކޮށްގެން
ފެޑެރާ ކުއާޓާއިން ކަޓާފައިވަނީ ޑެލްޕޮޓްރޯގެ އަތުން ތިން ސެޓު އެއްސެޓުން ބަލިވެގެން
ޑެލްޕޮޓްރޯ ސެމީގައި ވާދަކުރަން ޖެހޭނީ ރަފައޭލް ނަދާލްއާ

ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕްގެ ސެމީފައިނަލްގެ ޖާގައެއް ރަފައޭލް ނަދާލް ކަށަވަރުކުރި އިރު ރޯޖާ ފެޑެރާ މުބާރާތުން ކަޓައިފިއެވެ.

ނަދާލް ކުއާޓާއަށް ދަތުރުކުރީ ޔޫކްރެއިންގެ އެލެކްސެންޑާ ޑޮލްގޮޕްލޯވް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. އަދި ރުބްލޭވް ކުއާޓާއަށް ދަތުރުކުރީ މުބާރާތުގެ 9 ވަނައަށް ސީޑު ކުރެވިފައިވާ ބެލްޖިއަމްގެ ޑޭވިޑް ގޮފިން ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

އޭޓީޕީ ރޭންކިންގެ އެއްވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ސްޕެއިންގެ ރަފައޭލް ނަދާލް ސެމީގެ ޖާގައެއް ކަށަވަރު ކުރީ ރަޝިއާގެ ޒުވާން ޓެނިސް ކުޅުންތެރިޔާ އަންދްރޭ ރުބްލޭވް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. އެއް ގަޑިއިރާ 37 މިނުޓަށް ދިގުދެމިގެންދިޔަ މި މެޗުގެ ސެޓުތަށް ނަދާލް ގެންގޮސްފައިވަނީ 6-1، 6-2 އަދި 6-2 އަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނަދާލް ބުނީ ރުބްލޭވްގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާ އޭނާއަކީ މުސްތަގުބަލުގައި ވަރަށް ކާމިޔާބު ޓެނިސް ކުޅުންތެރިޔަކަށް ވާނެ އުއްމީދީ ޒުވާނެއް ކަމަށެވެ. ނޫސްވެރިންނާ ވާހަކަ ދައްކަމުން ރުބްލޭވް ބުނެފައިވަނީ މިއަހަރުގެ މުބާރާތުގެ ކުއާޓާއާ ހަމަޔަށް ދަތުރުކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ނަދާލްއާ ދެކޮޅަށް ކުޅުނު މެޗުން އޭނާއަށް ގިނަ ފިލާވަޅުތަކެއް ދަސްކުރެވި ރަނގަޅުކުރަން ޖެހޭ ކަންކަން އެނގިގެން ދިޔަ ކަމަށެވެ.  

މި މެޗާއެކު ރުބްލޭވް ވެގެން ގޮސްފައިވަނީ އެމެރިކާގެ އެންޑީ ރޮޑިކްގެ ފަހުން ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރި އެންމެ ހަނގު ކުޅުންތެރިޔާއަށެވެ.

ރޯޖާ ފެޑެރާ ޔޫއެސް އޯޕަން މުބާރާތުގެ ކުއާޓާއިން ކަޓާފައިވަނީ އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޮޓްރޯގެ އަތުން ތިން ސެޓު އެއްސެޓުން ބަލިވެގެންނެވެ. ދެ ގަޑިއިރާ 50 މިނުޓަށް ދިގުދެމިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ޑެލްޕޮޓްރޯ 7-5 އަކުން ގެންދިޔަ ނަމަވެސް ފެޑެރާ ވަނީ ދެވަނަ ސެޓު 6-3 އަކުން ގެންގޮސްފައެވެ. އެހެނަސް ޑެލްޕޮޓްރޯ ވަނީ ވާދަވެރި ކުޅުމަކަށްފަހު ތިންވަނަ ސެޓާ ހަތަރު ވަނަ ސެޓު 7-6 އަދި 6-4 އަކުން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފެޑެރާ ބުނެފައިވަނީ މި މެޗަކީ ޑެލްޕޮޓްރޯއަށް ހައްގު މޮޅެއް ކަމަށާ މި މެޗުގައި އޭނާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. ހަމައެހެންމެ ޑެލްޕޮޓްރޯ ބުނެފައިވަނީ މި މެޗަކީ މުބާރާތުގައި އޭނާގެ އެންމެ މޮޅު ކުޅުން ދެއްކުނު މެޗު ކަމަށާ ފެޑެރާ ފަދަ މޮޅު ކުޅުންތެރިޔެއް ބަލިކުރުމަށްފަހު ސެމީއަށް ދަތުރު ކުރެވުމަކީ މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.

މި ދެ ކުޅުންތެރިން ވަނީ މީގެ ކުރިން 2009 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައެވެ. އެފަހަރު ވެސް ފެޑެރާ ބަލިކުރުމަށްފަހު ތަށި އުފުލާލާފައިވަނީ ޑެލްޕޮޓްރޯއެވެ.

މި މޮޅާއެކު ޑެލްޕޮޓްރޯ ސެމީގައި ވާދަކުރަން ޖެހޭނީ ރަފައޭލް ނަދާލްއާއެވެ. މި ދެ ކުޅުންތެރިން ވަނީ މީގެ ކުރިން އެކި މުބާރާތްތަކުގައި 13 ފަހަރު ބައްދަލުކޮށްފައެވެ. މި 13 މެޗުގެ ތެރެއިން އަށް މެޗު ނަދާލް ކާމިޔާބުކުރިއިރު އަނެއް ފަސް މެޗު ކާމިޔާބު ކުރީ ޑެލްޕޮޓްރޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް