ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 14:51
އެފްރިކާ އަދި ސެނެގޯލް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްރިކާ އަދި ސެނެގޯލް ބައްދަލުކުރި މެޗުގެ ތެރެއިން
ގޫގުލް
ކުޅިވަރު
ގާނާގެ ރެފްރީ ޖޯސެފް ލެމްޕްޓޭ ބައިނަލްއަޤުވާމީ ފުޓްބޯޅައިން އުމުރަށް ސަސްޕެންޑް ކޮށްފި
ސަސްޕެންޝަނާ ގުޅިގެން ލެމްޕްޓޭ އަށް ބައިނަލްއަޤުވާމީ އެއްވެސް މުބާރާތެއް، އަދި މެޗެއްގައިވެސް ރެފްރީކަން ނުކުރެވޭނެ.

ގާނާއަށް އުފަން އުމުރުން 42 އަހަރުގެ ރެފްރީއެއް ކަމުގައިވާ ޖޯސެފް ލެމްޕްޓޭ ބައިނަލްއަޤުވާމީ ފުޓްބޯޅައިން އުމުރަށް ސަސްޕެންޑް ކޮށްފިއެވެ.

ލެމްޕްޓޭ އަށް ބައިނަލްއަޤުވާމީ އެއްވެސް މުބާރާތެއްގައި ރެފްރީކަން ނުކުރެވޭ ގޮތަށް ފީފާއިން އުމުރަށް ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހު ސައުތްއެފްރިކާ އަދި ސެނެގޯލް ބައްދަލުކުރި ވޯލްޑްކަޕް ކޮލިފައިން މެޗުގައި ނުގައިވައިދުން ޕެނަލްޓީއެއް ދީގެން ސައުތް އެފްރިކާ މޮޅުކޮށްދިން ކަމަށް ބުނާ މައްސަލާގައެވެ.

މި މައްސަލާގައި ލެމްޕްޓޭ ސަސްޕެންޑު ކުރިއިރު، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ "ފީފާ" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލެމްޕްޓޭ އަށް ބައިނަލްއަޤުވާމީ އެއްވެސް މުބާރާތެއްގެ މެޗެއްގައި ރެފެރީކަން ނުކުރެވޭގޮތަށް ސަސްޕެންޑް ކުރީ ނިމިގެން ދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހު ސައުތް އެފްރިކާ އަދި ސެނެގޯލް ބައްދަލުކުރި މެޗުގައި ނުގަވައިދުން ޕެނަލްޓީ ދީގެން ސައުތް އެފްރިކާ މޮޅުކޮށްދިން ކަމަށް ސާބިތު ވުމުންކަމަށެވެ. އެ މެޗަކީ 2018 ގައި ރަޝިއާގައި ބޭއްވޭ ފީފާ ވޯލްޑްކަޕަށް ކޮލިފައިން މެޗެކެވެ. 

މި މެޗުގައި ސައުތް އެފްރިކާއަށް ޕެނަލްޓީ ދީފައިވަނީ ސެނެގޯލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެނެގޯލްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނުކަމަށް ބުނެއެވެ. އެހެން ނަމަވެސް ފީފާއިން މި މައްސަލަ ބަލާ ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ސެނެގޯލްގެ ޕެނަލްޓީ އޭރިއާތެރެއިން ސެނެގޯލްފެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނުކަމަށް ބަލާ ރެފްރީ އިދިކޮޅު ޓީމަށް ޕެނަލްޓީ ދީފައިވާކަމަށާއި އެހެން ނަމަވެސް ރިޕްލޭއިން ބެލިބެލުމުން އެނގުނު ގޮތުގައި ބޯޅަ ޖެހިފައި ވަނީ ސެނެގޯލްގެ ކުޅުންތެރިޔާގެ ކަކުލުގައި ކަމަށެވެ.

" ފީފާއިން ލެމްޕްޓޭ ސަސްޕެންޑް ކުރީ މައްސަލަ ބަލާ ދިރާސާ ކުރުމަށްފަހު. ޕެނަލްޓީ ދިން މައްސަލާގައި ވީޑިއޯ ރިޕްލޭ ވަރަށް ގިނަފަހަރު ބަލާފައިވާނެ، އެ ބޯޅަ ޖެހިފައި ހުރީ ކުޅުންތެރިޔާގެ ކަކުލުގަ، އަތަކު ނޫން. ލެމްޕްޓޭގެމި ނިންމުން ނިންމާފައިވަނީ ރެފްރީއެއް ބަލަންޖެހޭ ވަރަށް ނުބަލާ، ވަރަށް ފަރުވާ ކުޑަކޮށް. އެހެން ވެ ފިޔަވަޅު އެޅީ." ފީފާފެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

ޖޯސެޕް ލެމްޕްޓޭ އުމުރަށް ސަސްޕެންޑު ކޮށްފައިވާއިރު، ސައުތް އެފްރިކާ އަދި ސެނެގޯލް ބައްދަލުކުރި މި މެޗު އަލުން ކުޅުމަށް ވެސް ފީފާއިން ވަނީ ނިންމާފައެވެ.

އެގޮތުން މި މެޗު ކުޅޭނެ ވަކި ތާރީޚެއް ފީފާގެ އޯގަނައިޒިން ކޮމިޓީއިން އިއުލާން ކޮށްފައި ނުވިނަމަވެސް އެ ކޮމިޓީން ނިންމާފައިވަނީ އަންނަ ނޮވެމްބަރ މަހުގެ ތެރޭގައި މެޗު އަލުން ކުޅުމަށް ކަމަށް ފީފާއިން ބުނެއެވެ.

މި މައްސަލާއި ގުޅިގެން ސައުތްއެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރެފްރީންގެ ނިންމުންތަށް ވަރަށް ރަނގަޅަށް މޮނީޓަރ ކޮށް ފީފާއިން ބަލަހައްޓަން ޖެހޭނެ ކަމަށާއި ހުރިހާ ކަމަކަށްވެސް މިފަދަ ނިންމުންތަށް އިންސާފުން ނިންމަންޖެހޭނެކަމަށެވެ. އެހެން ނަމަވެސް ބައެއް ފަހަރު މިއަށްވުރެވެސް ބޮޑެތި މައްސަލަތަށް ރެފްރީންގެ ފަރާތުން ދިމާވެފައި އެބަ ހުރިކަމަށާއި އެހެން ނަމަވެސް މިގޮތަށް ފިޔަވަޅު އެޅިފައިނުވާކަމަށެެވެ.

އެގޮތުން މި ބަޔާނުގައި ދާދި ފަހުން ހިނގާދިޔަ ދެ ހާދިސާއަކަށް އަލި އަޅުވާލާފައި ވާއިރު އޭގެ ތެރެއިން އެއް ހާދިސާ އަކީ ސްޕެނިޝް ސުޕްކަޕްގެ ފުރަމަ ލެގުގައި ރެއާލް މެޑްރިޑާއި ބާސާ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ހާދިސާއެވެ. އެ ހާދިސާގައި ރިޕްލޭއަށް ބެލުމުން އުމިޓިޓީ ރޮނާލްޑޯއާ ކޮންޓެކްޓް ވެފައިވާތަން ވަރަށް ސާފުކޮށް ފެންނަން ހުރި ކަމަށާއި އެހެން ނަމަވެސް މީގެ ތެރެއިން ހަމަ އެކަނި ބަލާފައިވަނީ ރޮނާލްޑޯ ރެފްރީ ކޮށްޕާލި މައްސަލަ އެކަނި ކަމަށެވެ.

އެހެން ކަމުން މިފަދަ ހުރިހާ ކަމަކަށްވެސް ރިއާޔަތް ކޮށް މައްސަލަ އިންސާފުން ނިންމަން ޖެހޭ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިފަދަ މައްސަލަ ތަކަށް އެޕީލް ކުރުމުގެ ފުރުސަތުވެސް ދޭން ޖެހޭ ކަމަށާއި އެހެން ނަމަވެސް މި މައްސަލާގައި އެޕީލް ކުރުމުގެ ފުރުސަތު ދީފައި ނުވާކަމަށް ސައުތް އެފްރިކަން ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު މި ބަޔާނުގައި ބުނެފައިވެއެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް