Advertisement
ކ. މާލެ
|
5 ނޮވެންބަރ 2025 | ބުދަ 16:36
ކެންޓަކީގެ ލޫއިސްވިލްގެ ލޫއިސްވިލް މުޙައްމަދު އަލީ އިންޓަރނޭޝަނަލް އެއާޕޯޓު ގައި  ޔޫޕީއެސް މަތިންދާ ބޯޓެއް ވެއްޓުމުން ރޯވި އަލިފާންގަނޑުގެ ދުން ފެތުރިފައި - ނޮވެމްބަރ 4، 2025
ކެންޓަކީގެ ލޫއިސްވިލްގެ ލޫއިސްވިލް މުޙައްމަދު އަލީ އިންޓަރނޭޝަނަލް އެއާޕޯޓު ގައި ޔޫޕީއެސް މަތިންދާ ބޯޓެއް ވެއްޓުމުން ރޯވި އަލިފާންގަނޑުގެ ދުން ފެތުރިފައި - ނޮވެމްބަރ 4، 2025
ގެޓީއިމޭޖަސް
މަތިންދާބޯޓު ހާދިސާ
ޔޫޕީއެސް ކާގޯ މަތިންދާ ބޯޓެއް ވެއްޓި އެތައް ބަޔަކު މަރުވެއްޖެ
ކެންޓަކީގެ ލޫއިސްވިލް އެއާޕޯޓުން ހަވާއީ އަށް ދަތުރުކުރަން އުޅެނިކޮށް ޔޫޕީއެސްގެ ކާގޯ ޕްލޭނެއް ވެއްޓި މަދުވެގެން ހަތް މީހުން މަރުވެ، 11 މީހަކަށް އަނިޔާވެފައިވޭ.

އަންގާރަ ދުވަހުގެ ހަވީރު އެމެރިކާގެ ކެންޓަކީގެ ލޫއިސްވިލް ގެ އެއާޕޯޓަކުން ޔޫޕީއެސްގެ ކާގޯ ޕްލޭނެއް ފުރަން އުދުއްސާލަން އުޅެނި ކޮށް ވެއްޓި އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ހާދިސާ ގައި މަރުވި މީހުންގެ އަދަދު މަދުވެގެން ހަތަކަށް އަރާނެ ކަމަށް އެ ސްޓޭޓްގެ ގަވަރުނަރު ވިދާޅުވިއެވެ.

އެންޑީ ބެޝިއާ ވިދާޅުވީ ލޫއިސްވިލް މުހައްމަދު އަލީ އިންޓަނޭޝަނަލް އެއާޕޯޓުން އެ ތަނުގެ ގަޑިން 17:15 ހާއިރު ފުރަން އުޅެނިކޮށް މި ކާގޯ ޕްލޭން ވެއްޓިރޯވުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ބޯޓު ގައި ތިބި ތިން ކްރޫ މެމްބަރުން ހިމެނޭ ކަމަށް ބެލެވޭ ކަމަށެވެ.

ބޯޓު ވެއްޓުމުން މަދުވެގެން 11 މީހަކަށް އަނިޔާވެ، ކަޅު ބޯ ދުންގަނޑެއް ޖައްވުގެ ތެރެއަށް ފެތުރިގެން ގޮސްފައިވެއެވެ.

މި ހާދިސާގައި މީހުންނަށް "ވަރަށް ބޮޑަށް" އަނިޔާވެފައިވާ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.

ޔޫޕީއެސް އިން ނެރުނު ބަޔާނެއް ގައި ބުނީ ޕްލޭންގައި ތިން ކްރޫ މެމްބަރުން ތިބި ކަމަށާއި "އަނިޔާވި/މަރުވި މީހުންގެ މައުލޫމާތު އަދި ކަށަވަރު ނުވާ" ކަމަށެވެ.

ބޯޓު ވެއްޓެން ދިމާވި ސަބަބު ބުނުމަށް އަދި އަވަސް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

އެހެން ނަމަވެސް އޮފިޝަލުން ފާހަގަކުރީ، ވަރަށް ބޮޑަށް ރޯވި އަލިފާނުގެ ސަބަބަކީ ބޯޓުގައި ގިނަ އަދަދަކަށް ތެޔޮ ހުރުން ކަމަށާއި، އެއީ ހަވާއީ އަށް ފެށި ދަތުރެއް ކަމަށާއި އެ ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 4,300 މޭލް (6,920 ކިލޯމީޓަރު) ކަމަށެވެ.

ވެއްޓުނު އިރު ބޯޓުގައި 38,000 ގެލަން (144,000 ލީޓަރު) ތެޔޮ ހުއްޓެވެ.

- ކޮމެންޓް