ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމުގެ މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށް ވައުދުވެ އައި މި ސަރުކާރަށް ދެ އަހަރު ވެގެންދާއިރު މައްސަލަ ހައްލު ކުރަން ފެންހިފޭ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ހުށަހަޅުއްވާފައިވާ ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ބިލަށް ބަހުސް ކުރައްވާ މީކާއިލް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި އިރު ވީ އެންމެ ބޮޑު އެއް ވައުދަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމުގެ މައްސަލައަށް ހައްލު ހޯދައިދޭން ވީ ވައުދު ކަމަށެވެ.
ނަމަވެސް ސަރުކާރަށް ދެ އަހަރު ވެގެންދާއިރު ވެސް މި މައްސަލަ ހައްލު ކުރަން ސަރުކާރަށް ފެން ހިފޭ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
ރިޔާސީ ބޮޑު ވައުދަކައިގެން ވަޑައިގެންނެވި ސަރުކާރަކަށް އިއްޒަތްތެރި ރައީސް، ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާއަށް ނޮވެމްބަރު 17 ގައި ދެ އަހަރު ވެގެންދާއިރު، އަދި މި މައްސަލައިގައި ހަމަ ފެންހިފޭ އެއްކަމެއް ވެސް ކުރެވިފައި ނުވާކަން އަޅުގަނޑު ފާހަގަކުރަން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް![]()
މީކާއިލް ވިދާޅުވީ މި ސަރުކާރުން ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް އެއްކަމެއް ވެސް ކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެންމެ ފުރަތަމަ ވެސް ކުރިކަމަކީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންތަކެއް ވަކިކޮށް، މިނިވަން ފަނޑިޔާރު ގެއެއް ރޫޅާލުން ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވަނީ ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަނު ކުރި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބު ވެސް ސިއްރު ކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
އެ ކޮމިޝަނުގެ މެންބަރަކަށް ރައްޔިތުންގެ މަޖިލީހުން ރިޒާ ކަނޑައެޅީ ނުހަނު އިތުބާރާއެކު ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެހެން ނަމަވެސް މެންބަރު ވަކިވާން ދިމާވި ސަބަބު އަދި އަދަށް ދާންދެން ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި ހުސްނީ މުބާރަކު އައްޔަނު ކުރީ މިދިޔަ އޮކްޓޫބަރު މަހުގަ އެވެ. ކޮމިޝަނުގެ މެންބަރުކަމަށް ހުސްނީ މުބާރަކް އައްޔަނު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކުރިން ހުންނެވި މާފުށީ ދާއިރާގެ މެންބަރު ރިޒާ އިސްތިއުފާ ދެއްވުމާއި ގުޅިގެން ނެވެ.