ރާއްޖެއަށް 1988ވަނަ އަހަރު ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް، ކުޅުދުއްފުށި ސިޓީގައި ހަނދާނީ ބިނާއެއް ހުޅުވައިފި އެވެ.
ޝަހީދު ހުސައިން އާދަމް އެންމެ ފަހުން އެރަށުން ފުރާވަޑައިގެންނެވި ކުރީގެ ބަނދަރު ސަރަހައްދުގައި ހަދާފައިވާ އެ ބިނާ ހުޅުވައިދެއްވީ އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި ހުސައިން އާދަމްގެ އާއިލާގެ ފަރާތުން އަހުމަދު އާދަމް، އައިޝަތު ޔުމްނާ އަހުމަދު، ފާތިމަތު ނީމް އަބްދުއްރަޝީދު އެވެ.
ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ބަހައްޓާ މި ބިނާ ހަދަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ. އެ ބިނާގެ މައިގަނޑު ބަޔަކީ ޝަހީދު ހުސައިން ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ ހަތް ފޫޓުގެ ނަކަލެކެވެ. މީގެ އިތުރުން، ޝަހީދު ހުސައިން އާދަމް އެ ދުވަހު ހުންނެވި ގޭޓަށް ވަޒަން އަރާފައި ހުރި ގޮތަށް، އެ ގޭޓުގެ ދެފަރާތުގެ އަރިމަތީގައި ހުންނަ ޕެޓާންގެ ނަކަލެއް ވެސް ބިނާގައި ހިމަނާފައިވެ އެވެ.
ބިނާގެ ފަރުމާ ހުންނާނީ ރައުންޑައަބައުޓެއްގެ ތެރޭގަ އެވެ. މި ބިނާއާ ގުޅިގެން ފެހިކުލަ އާއި ރަތްކުލައިގެ ގަސްގަހުން ލޭންޑްސްކޭޕިންގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ. ބިނާގެ ފްލޯ ހުންނާނީ ވިދާ ގޮތަކަށް ފަރުމާކޮށްފަ އެވެ.
އެ ހަނދާނީ ބިނާ ފަރުމާކޮށް، ބިނާ ހެދުމަށް ޖުމްލަ ނުވަ ލައްކަ ރުފިޔާ ހަރަދުކުރީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބަޖެޓުންނެވެ. މި ބިނާ ހެދުމަކީ ގައުމީ ދިފާއުގައި ޝަހީދުވި ބަތަލުންގެ ހަނދާން އާކުރުމަށް ކައުންސިލުން ކުރި މުހިންމު މަސައްކަތެއްކަމުގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވި އެވެ.