ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަމަށް އިހުމާލުވެފައިވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށް އެޕާޓީ އިން ދައުވަތު ދީފި އެވެ.
މި އެއްވުން ބޭއްވުމަށް ތައްޔާރުވަމުން ދަނީ އޮކްޓޯބަރ 31 ވާ ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވާ ސަރަހައްދުގަ އެވެ. "ކޮބާ ކޮބާ މަގޭ ގޯތި، ކޮބާ ކޮބާ މަގޭ ފްލެޓް" މިނަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި އެއްވުމަކީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތު ފެއިލް ވެފައިވާތީ ކުރިއަށް ގެންދާ އެއްވުމެކެވެ.
މިއެއްވުން ރާވާ އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ ވެރިކަން އައި ފަހުން ދެ ބަޖެޓެއް ހުސްވެއްޖެ ކަމަށާއި ކުރެވުނު އެއްވެސް މަސައްކަތެއް ނެތްއިރު ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށެވެ.
Join us at Alimas Carnival to voice out against the government’s failure to deliver their housing pledges.
— MDP Secretariat (@MDPSecretariat) October 28, 2025
📆 31 October (Friday)
⏰ 8:30PM#KobaKobaMageyGoathi#KobaKobaMageyFlat#LootuvaifiLootuvaifi pic.twitter.com/kngxGjuC8C
މި ހުސްވާ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ބުނެ ރައީސް ޑރ.މުހައްމަދު މުއިއްޒު ދިވެހިންނަށް ދިނީ ލަނޑެއް ކަމަށާއި އެފަދައިން ދިވެހިންނަށް އަނިޔާދޭ ތަން ބަލަން ނުތިބެވޭނެ ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ވެރިކަމަށް އަންނަން ރައީސް ޑރ.މުއިއްޒު އެންމެ ބޮޑަށް ދެއްކެވި ވާހަކަ އަކީ ބޯހިޔާވަހިކަމުގެ ވާހަކަ ކަމަށެވެ. އަދި މުއިއްޒު ވެރިކަމަށް ހޮވިވަޑައިގަތީ ވެސް އެ ވާހަކައިގެ ސަބަބުން ކަމަށް މައުރޫފް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމާއި މެދު މުއިއްޒު ދެއްކެވި ވާހަކަ އަކީ އެއީ އޮޅުވާލަން ދެއްކެވި ވާހަކަ އެއްކަން މިއަދު އެނގޭ ކަމަށް މައުރޫފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެރިކަމުގައި މުއިއްޒު ހުންނެވީ ދިވެހިންނަށް "ދޯކާ" ދީފައި ކަމަށާއި މުއިއްޒު ވެރިކަމުން ބާލަން ޖެހޭ ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމް އޮތީ ވެރިކަމަށް އަންނަން ވާ ވައުދުތައް ނުފުއްދުމުން ވެރިކަމުގައި ހުންނަވާ ބޭފުޅާ ވެރިކަމުން ބޭލޭ ގޮތަށް ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.
31 އޮކްޓޯބަރގައި ކާނިވާ ސަރަހައްދަށް އެއްވެ ބޯހިޔާވަހިކަމުގެ މައްސަަލައިގައި ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ. ނިމިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް ނުލިބި ލަސްވުމާއި، އޭރުގެ ސަރުކާރުން މާލެ ރައްޔިތުންނަށް ދިން ގޯއްޗަށް ވީ ގޮތެއް ނޭނގިގެން ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.