އާޖެންޓީނާގެ ރައީސް ހާވިއޭ ޖެރާޑޯ މިލެއިގެ ޕާޓީ، ލަ ލިބާޓަޑް އަވާންޒާ އިން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާތައް ދައްކާ ގޮތުން މިލެއިގެ ޕާޓީ އަށް ވަނީ 40.84 އިންސައްތަ ވޯޓު ލިބިފަ އެވެ. އިދިކޮޅު ޕެރޮނިސްޓް ކޯލިޝަން އަށް ލިބިފައި ވަނީ 31.64 އިންސައްތަ އެވެ.
އިންތިޚާބުގައި 90 އިންސައްތަ އަށް ވުރެ ގިނަ ވޯޓު ގުނައި ނިމިފައިވާ އިރު، މި އިންތިޚާބަކީ އާޖެންޓީނާ ގެ ރައީސް ކަމަށް މިލެއި އިންތިޚާބުވިތާ ދެ އަހަރު ފަހުން ބޭއްވުނު ފުރަތަމަ ޤައުމީ އިންތިޚާބެވެ. މިލެއި ގެ ޕާޓީ އިން މި ހޯދި ކާމިޔާބާ އެކު، އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުބާރު ހިފެހެއްޓުމަށް މަގު ފަހި ވެގެން ދާނެ ކަމަށް މާހިރުން ބުނެ އެވެ. ދާދި ފަހުން އެމެރިކާ އިން ވަނީ އާޖެންޓީނާ އަށް މާލީ ގޮތުން ބޮޑު އެހީތެރިކަމެއް ދީފަ އެވެ.
ޕާޓީގެ މައި މަރުކަޒުގައި ވާހަކަ ދައްކަވަމުން މިލެއި ވިދާޅުވީ އެ ކާމިޔާބީ އަކީ އާޖެންޓީނާ އަށް ލިބުނު އައު ފެށުމެއް ކަމަށާއި، އިސްލާޙީ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އާޖެންޓީނާ ގެ ރައްޔިތުން ވަނީ ފަހަތަށް ޖެހުން ދޫކޮށްލައި، ކުރިއެރުމަށް މަގު ފަހި ކޮށްދީފައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އާދީއްތަ ދުވަހުގެ އިންތިޚާބުގައި ޤާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ދެބައި ކުޅަ އެއްބައި ނުވަތަ، 127 ގޮނޑި އަށް މެމްބަރުން އިންތިޚާބު ކުރާއިރު، މަޖިލީހުގެ މަތި ގޭގެ ތިން ބައި ކުޅަ އެއްބަޔަށްވާ 24 ގޮނޑި އަށް މެމްބަރުން އިންތިޚާބު ކުރާނެ އެވެ.
މިލެއި ވިދާޅުވީ އޭނާގެ ޕާޓީ އިން މަޖިލީހުގެ ތިރި ގޭގެ 101 ގޮނޑި އާއި، މަތި ގޭގެ 20 ގޮނޑި ކާމިޔާބު ކޮށްފައިވާ ކަމަށެވެ. ކުރިން އެ ޕާޓީ އަށް ތިރި ގެއިން ލިބުނީ 37 ގޮނޑި އެވެ. އަދި މަތިގެ އިން ލިބިފައި ވަނީ އެންމެ ހަ ގޮނޑި އެވެ. އެހެންކަމުން، މިފަހަރުގެ އިންތިޚާބުގައި އެ ޕާޓީ އަށް މިއީ ބޮޑު ކާމިޔާބެކެވެ.
އެންމެ ހައިރާން ކުރުވަނިވި ނަތީޖާ އެއް ފެނިފައި ވަނީ ބިއުބަސް އައިރެސް ޕްރޮވިންސްގަ އެވެ. އެ ސަރަހައްދުގައި އަބަދު ވެސް ގަދަ ބާރުގެ ގޮތުގައި ފާހަގަ ކުރެވިފައި އޮންނަނީ ޕްރޮނިސްޓުންނެވެ. ނަމަވެސް އެ ސަރަހައްދުގައި މިލެއިގެ ޕާޓީ އިން ވަނީ، އެ ޕާޓީއާ އެއް ހަމައެއްގައި ވާދަކޮށްފަ އެވެ.
މި ކާމިޔާބާ އެކު މިލެއި އަށް ލިބިގެންދާ ބާރު ތަކުގެ ތެރޭގައި ރައީސް ގެ ވީޓޯ ބާރު ދެމެހެއްޓުމާއި، އިތުބާރު ނެތް ކަމުގެ މަސައްކަތް ހުއްޓުވުން އަދި ޓެކްސް އާއި ވަޒީފާގެ އިސްލާހުތައް ގެނައުމަށް ބޭނުންވާ ސިޔާސީ ބާރު ވެސް ހިމެނެ އެވެ.
އެމެރިކާ އިން ވަނީ އާޖެންޓީނާ އަށް 40 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި 20 ބިލިއަން އެމެރިކާ ޑޮލަރި ބަދަލު ކުރުމުގެ އެއްބަސްވުމަކާއި، 20 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނީގެ އިންވެސްޓްމަންޓް ފެސިލިޓީ އެއް ހިމެނެ އެވެ.