Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2025 | އާދީއްތަ 12:33
މުޅަދޫގެ ގޮނޑުދޮށް
މުޅަދޫގެ ގޮނޑުދޮށް
ރާއްޖެ އެމްވީ
ހއ. މޮޅަދޫ
މޮޅަދޫ ވަރަށް ބޮޑަށް ގިރައި ނުރައްކަލަކަށް ހުށަހެޅިފައި, ފޮނުވި އެއްވެސް ސިޓީ އަކަށް މުއިއްޒު ސަރުކާރުން ޖަވާބެއް ނުދޭ
ރައީސް މުއިއްޒު މޮޅަދޫ އަށް ދެ ފަހަރު ޒިޔާރަތް ކުރެއްވި
2021 ވަނަ އަހަރުން ފެށިގެން އެ ރަށަށް ވަނީ ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައި
މޮޅަދޫ ގޮނޑުދޮށް ގާތްގަނޑަކަށް 300 ފޫޓަށް ވަނީ ގިރާލާފައި

ހއ. މޮޅަދޫ ގިރުމުގެ މައްސަލައަށް ހެއްލެއް ނުލިބި ގިނަ ދުވަސްތަކެއް ވަމުންދާތީ އެރަށް އޮތީ ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ.

ރާއްޖެއެމްވީ އަށް އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ސިނާދު ވިދާޅުވީ އެރަށުގެ ބަނދަރު ތަރައްގީ ކުރުމާއެކު އެރަށަށް ގިރުމުގެ މައްސަލަ ކުރިމަތިވި ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރުން ފެށިގެން މި މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެންނަމުންދާ ކަމަށާއި، މިއަދާ ހަަމައަށް އައިރު، މި މައްސަލަ ވަރަށް ބޮޑު ވެފައިވާ ކަމަށެވެ.

ސިނާދު ވިދާޅުވީ މިހާރު އެރަށުގައި ގޮނޑުދޮށް ނެތް ކަމަށާއި، އެއްކޮށް ގިރާލާފައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް 300 ފޫޓަށް ގިރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ލިބިފައިވާ ގެއްލުން ތަކަށް އިޝާރާތް ކުރައްވައި ސިނާދު ވިދާޅުވީ ރުށްތަކާއި ގަސްތައް ވެއްޓިފައިވާ ކަމަށާއި، ހޮޅި އަށިތައް ވެސް ނެތް ކަމަށެވެ. މި މައްސަލައަށް ހައްލު ނުލިބި މާ ގިނަ ދުވަސްވާނަމަ މީހުން ދިރިއުޅޭ ގެތަކާ ހަމައަށް ރަށް ގިރުމުގެ ބިރު އެބައޮތް ކަމަށް ސިނާދު ވިދާޅުވި އެވެ.

މީގެ އިތުރުން ސިނާދު ވިދާޅުވީ މި ސަރުކާރުގެ ސަމާލު ކަމަށް މި މައްސަލަ ގެނެސްފައިވާ ކަމަށާއި، މިއަދާ ހަމައަށް ކައުންސިލްގެ ފަރާތުން ފޮނުވާފައިވާ އެއްވެސް ސިޓީ އަކަށް ޖަވާބެއް ދީފައިނުވާ ކަމަށެވެ. ރައީސް އޮފީހުގެ އިތުރުން ކަމާގުޅުން ހުރިހާ މިނިސްޓްރީ އަކަށް ސިޓީ ފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅަދޫ ގިރައި ބޮޑެތި ގެއްލުންތަކެއް ލިބުން

ސިނާދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ދެ ފަހަރު ވަޑައިގެންނެވިއިރު ވެސް މި މައްސަލަ އަށް ހައްލު ހޯދައިނުމަށް އެދިފައިވާ ކަމަށާއި، ނަމަވެސް ސީދާ ރަށްގިރުގެ މި މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިނުވާ ކަމަށެވެ. އަދި މުޅި ޖުމްލަކޮށް ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކޮށްދެއްވާނެ ކަމަށާއި، ހުރި މައްސަލަ ތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިކަން ސިނާދު ފާހަގަ ކުރެއްވި އެވެ.

އެ ރަށު ގައި 280 އެއްހާ މީހުން ދިރިއުޅެމުން ގެންދާއިރު، މިއީ މުޅި ރަށުގެ ކަންބޮޑުވުމެއް ކަމަށާއި، އަވަސް ހައްލެއް ހޯދައި ދިނުމަށް ކައުންސިލްގެ ރައީސް ގޮވާލެއްވި އެވެ.

- ކޮމެންޓް