Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2025 | ހޮނިހިރު 16:43
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު އެންމެ ފަހުން ބައްދަލުކުރެއްވީ 2019 ވަނަ އަހަރު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު އެންމެ ފަހުން ބައްދަލުކުރެއްވީ 2019 ވަނަ އަހަރު
ގެޓީއިމޭޖަސް
އެމެރިކާ-އުތުރު ކޮރެއާ
ޑޮނަލްޑް ޓްރަމްޕް އޭޝިއާ އަށް ކުރައްވާ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ
ޓްރަމްޕް އޭޝިއާ ދަތުރުފުޅުގައި ޗައިނާގެ ޝީ ޖިންޕިންގ އާއި ދެކުނު ކޮރެއާގެ ލީ ޖޭ މިޔުންގ ފަދަ އިސް ލީޑަރުންނާވެސް ބައްދަލުކުރައްވާނެކަން ފާހަގަކުރެވޭ.

ކުރިއަށް އޮތް އޭޝިޔާ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރައްވަން ބޭނުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިކަން ހާމަ ކުރެއްވީ އޭޝިއާ އަށް ފުރުއްވުމުގެ ކުރިން އެއަރ ފޯސް ވަން ގައި ނޫސްވެރިންނާ ބައްދަލު ކުރައްވަމުންނެވެ. އަދި އިތުރަށް ވިދާޅުވީ "ކިމް އާއެކު ވަރަށް ރަނގަޅު ގުޅުމެއް" އޮތް ކަމަށެވެ.

ޓްރަމްޕް ވަނީ 2019 ގައި ވަނީ ދެ ކޮރެއާގެ ބޯޑަރު ސަރަހައްދަށް ވަޑައިގަންނަވާ އުތުރު ކޮރެއާގެ ލީޑަރާ ސަލާމް ކުރައްވާ އުތުރު ކޮރެއާގެ ބިމުގައި ފައިންޕުޅު އެޅުއްވި ފުރަތަމަ އެމެރިކާގެ ރައީސް ކަމުގައި ވެވަޑައިގެންފައެވެ.

މެލޭޝިއާ އަދި ޖަޕާނަށް ކުރައްވާ ދަތުރުފުޅުގައި، ޓްރަމްޕް ޗައިނާގެ ޝީ ޖިންޕިންގ ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ލީޑަރުންނާ ބައްދަލު ކުރައްވާނެ އެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ދެބޭފުޅުން ތިން ފަހަރު ބައްދަލުކުރެއްވި ނަމަވެސް، ނިއުކްލިއަރ ހަތިޔާރު ނައްތާލުމުގެ ޕްރޮގްރާމަކަށް އެއްބަސްވުމަކަށް ނާދެވުނެވެ. އޭގެ ފަހުން އުތުރު ކޮރެއާ އިން ގިނަ އިންޓަރކޮންޓިނެންޓަލް މިސައިލްތަކުގެ ޓެސްޓްތައް ހަދާފައިވާ ކަމަށް އެޤައުމުގެ އަވައްޓެރިން ބުނެއެވެ.

އުތުރު ކޮރެއާ ނިއުކްލިއަރ ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެތޯ އެހުމުން، ބުރާސްފަތި ދުވަހުގެ ރޭ ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ އުތުރު ކޮރެއާ އަކީ ފާޑެއްގެ ނިއުކްލިއަރ ބާރެއް ކަމަށާއި އެމީހުންގެ އަތުގައި ވަރަށް ގިނަ ނިއުކްލިއަރ ހަތިޔާރު އެބަހުރި ކަމަށެވެ.

ކިމް ވިދާޅުވެފައި ވަނީ އެމެރިކާ އިން އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ދޫކޮށްލުމަށް އެދުމަކީ "ހަމަޖެހޭ ކަމެއް ނޫން" ކަމަށާއި އެ ޑިމާންޑް ދޫކޮށްލައިފި ނަމަ، އަލުން ޓްރަމްޕް އާ ބައްދަލު ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ޓްރަމްޕްގެ ފުރަތަމަ މަންޒިލަކީ މެލޭޝިއާ އެވެ. އެތަނުގައި އޭނާ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އޭޕެކް ސަމިޓަށް ޓްރަމްޕް ބުދަ ދުވަހު ދެކުނު ކޮރެއާގެ ބޫސާން ސިޓީ އަށް ވަޑައިގަންނަވާނެ ކަމަށް ލަފާކުރެވެއެވެ.

ޓްރަމްޕް ދެކުނު ކޮރެއާގެ ލީޑަރު ލީ ޖޭ މިޔުންގ އާ ބައްދަލު ކުރައްވާނެ އެވެ. ލީ ވަނީ އޯގަސްޓް މަހު ވައިޓް ހައުސް އަށް ޒިޔާރަތް ކުރައްވާ ޓްރަމްޕް އާ ބައްދަލު ކުރައްވާފަ އެވެ.

ޓްރަމްޕް ޗައިނާގެ ރައީސް ޝީއާ ބައްދަލު ކުރައްވަނީ ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

- ކޮމެންޓް