Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2025 | ހުކުރު 15:19
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން
ރާއްޖެއެމްވީ
ޔޯގާ
ސަރުކާރުން ހުއްދަ ދީގެން ފެށި ޔޯގާ ސްޓޫޑިއޯ ނުހުއްޓުވީ ކީއްވެތޯ ހޯމްލޭންޑް މިނިސްޓަރާ ސުވާލު ކުރަނީ
އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނުގައި ޔޯގާ ހަރަކާތްތަކަކީ ހަރާމް ކަމެއް ކަމަށް ބުނެފައިވޭ
ބެލެންސް ސްޓޫޑިއޯ އަކީ މިނިސްޓަރ މަރިޔަމް މާރިޔާ ހުޅުވައިދެއްވި ސަރުކާރުން ހުއްދަ ދީފައިވާ ސްޓޫޑިއޯ އެއް

ސަރުކާރުން ހުއްދަ ދީގެން ފެށި ޔޯގާ ސްޓޫޑިއޯ ނުހުއްޓުވީ ކީއްވެތޯ ހޯމްލޭންޑް މިނިސްޓަރާ ސުވާލު ކުރަން މަޖިލީހަށް ހުށަހަޅައިފިއެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ފޮނުއްވާފައިވާ ސުވާލުގައި ސާފު ކުރަން އެދިފައި ވަނީ "ބެލެންސް ސްޓޫޑިއޯ" ގެ ނަމުގައި، ފާއިތުވި ސެޕްޓެންބަރު މަހުގެ 23 ގައި އަމިއްލަ ކުންފުންޏަކުން މާލޭގައި ހިދުމަތް ދޭން ފެށި ވެލްނަސް ސެންޓަރުގައި ޔޯގާގެ ހަރަކާތް ހިންގާނެކަން އާއްމުކޮށް އިޝްތިހާރު ކުރި އިރު އެކަން ނުހުއްޓުވި ސަބަބަކީ ކޮބައިތޯ؟" އެވެ.

އޭގެ އިތުރުން ޔޯގާގެ ހަރަކާތް ހިންގުން ހުއްދަކަމަށް ރައީސުލްޖުމްހޫރިއްޔާ ގެ އިރުޝާދުފުޅެއް ލިބިފައިވޭތޯ؟ ވެސް ސުވާލު ކޮށްފައިވެއެވެ.

ސަރުކާރުން ހޯދަން ޖެހޭ ހުއްދަތައް ހޯދައިގެން މާލޭގައި ރަސްމީ ކޮށް ޔޯގާ ހިންގަން ސްޓޫޑިއޯ އެއް ހުޅުވުމުން ދީނީ އިލްމުވެރިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެ ގޮތުން ކަސްރަތު ކުލާސްތަކާއި ސްޓޫޑިއޯ ފަދަ ތަފާތު ނަމުގައި ވިޔަސް ޔޯގާ ގެ ހަރަކާތްތައް ހިންގުމަކީ ހަރާމް ކަމެއް ކަަމަށާއި އެކަން ހިންގުން ކުށްވެރި ކުރާ ކަމަށް އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއް ގައި ބުނެފައި ވެއެވެ.

އިލްމުވެރިންގެ ގުޅުމުގެ ބަޔާނާ ގުޅިގެން ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، އެ ޖަމްއިއްޔާ އިން ޔޯގާ ހަރަކާތް ސިފަ ކޮށްފައި ވަނީ "ޝިރުކުގެ އަމަލެއް" ގެ ގޮތުގައެވެ.

ޝިރުކުގެ އަމަލަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު ފާފާ ކަމަށް ބަޔާނުގައި ފާހަގަ ކުރަމުން އިތުރަށް ބުނެފައިވަނީ އެކަމުން ތައުބާ ނުވެވި އެކަމުގެ މަތީގައި ހުއްޓާ މަރުވެއްޖެ ނަމަ އެއީ ނުފުއްސަވާނެ ފާފަ އެއް ކަމަށެވެ.

ޔޯގާ ކުލާސް ތަކާއި ޕްރޮގްރާމް ތައް ހިންގުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ އެއްވެސް އަމަލެއް ނުކުރުމަށް ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަސޭހަތްތެރިވުމާއެކު އެފަދަ ކަންކަން ދިވެހި ދައުލަތުގެ ތެރޭގައި އާލާވުމާއި ދެމި އޮތުން ހުއްޓުވުމަށާއި މިފަދަ ކަންކަމާ މެދު އިލްމުވެރިންގެ ފަރާތުން ތަކުރާރު ކޮށް ދަންނަވަން ނުޖެހޭނެ ފަދަ ގޮތަކަށް ދައުލަތުގެ ހިންގުމުގެ ކަންކަން ތަރުތީބު ކުރެއްވުމަށް ދިވެހި ދައުލަތުގެ ވެރިންނާއި މުއައްސަސާތަކަށް ނަސޭހަތްތެރިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އިލްމުވެރިންގެ ގުޅުމުން މި ބަޔާން ނެރުނު އިރު ޔޯގާ ކްލާސްތައް ހިންގާ ބެލެންސް ސްޓޫޑިއޯ ގެ ނަމުގައި ޒަމާނީ ސުޓޫޑިއޯ އެއް މާލޭގައި ހުޅުއްވައިދެއްވީ ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ދަނޑުވެރިކަމާ ޖަނަވާރުގެ ކަންކަމާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.

ބައިނަލް އަގްވާމީ ޔޯގާ ދުވަސް ކުރީ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި ފާހަގަ ކުރި އިރު، 2022 ވަނަ އަހަރު ޖޫން މަހުގެ 21 ވަަނަ ދުވަހު ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، ބަޔަކު އަރައިގަނެ، އަޑުގަދަ ކޮށް އެ ހަރަކާތައް ހުރަސް އަޅާފައިވެއެވެ.

އެ ދުވަހު ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަ ހިފައިގެން ތިބި އެ މީހުން ދަނޑަށް ވަދެގަނެ، "ﷲ އަކްބަރު" އޭ ގޮވައި، ޔޯގާ ހަދަން ތިބި މީހުން އެ ތަނުން ނުކުތުމަށް ހަރުކަށި އިންޒާރު ދިނެވެ.

ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ޔޯގާ އިވެންޓަށް ހުރަސް އަަޅަން ފުލުހުންގެ ލައިން ފަޅާލައި ދިދަތަކާ އެކު އަރައިގަނެ، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ މީހުންނަށް ބިރުދައްކައި އިންޒާރު ދީ ހިންގި ހަމަނުޖެހުމުގައި ބޭނުން ކުރި ދިދަތައް އެރޭ ފަތިހު ނެރުނީ ޕީޕީއެމްގެ އޮފީހުން ކަން ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ. ޕީޕީއެމް އަކީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އާއި މިހާރުގެ ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން އޭރު ނިސްބަތްވި ސިޔާސީ ޕާޓީއެވެ.

- ކޮމެންޓް