ކ. މާލެ
|
27 އޯގަސްޓް 2024 | އަންގާރަ 09:08
ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލަ
ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލަ
ޔޯގާ މައްސަލަ
ޔޯގާ މައްސަލަ: ޝެއިހް ފަޒްލޫންއާއި ނިޝާންގެ ވަކީލުން ހާޒިރުނުވާތީ އަޑުއެހުން ކުރިއަށް ނުގެންދެވުނު
އެމީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ
2 ވަކީލުން ހަމަޖައްސާފައިވީނަމަވެސް، އޭގެ ތެރެއިން އެއްވެސް ވަކީލަކު ހާޒިރުވެފައެއް ނުވޭ

ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ށ. މިލަންދޫ، ނާޒް، ފަޟްލޫން މުޙައްމަދާއި، ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާންގެ މައްޗަށެވެ.

އެމީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުން 2 ވަކީލުން ހަމަޖައްސާފައިވީނަމަވެސް، އޭގެ ތެރެއިން އެއްވެސް ވަކީލަކު ހާޒިރުވެފައެއް ނުވެއެވެ. އެގޮތުން އެއް ވަކީލު ބަލިވެ އުޅޭކަމަށް އަންގާފައިވާއިރު، ދެން ހުރި ވަކީލު ފޯނު ނުނަގާކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންނަމަވެސް ދައުވާލިބޭ ފަރާތްތަކުން ވަނީ އެމީހުން މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކުކަމަށް ބުނެފައެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު އޮތް އަޑުއެހުމުގައި އޮތީ ދައުވާ ސާފު ކުރުމުގެ މަރުޙަލާގައި ދައްކަންޖެހޭ ވާހަކަތައް ދެއްކުންކަމަށްވާތީ ދައުލަތުންވެސް ވަނީ ވަކީލަކާއެކު ކުރިއަށް ދިއުމަށް ފުރުސަތު ދިނުމަށް އިއުތިރާޒު ނުކުރާކަމަށް ވިދާޅުވެފައެވެ.

ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމަށް ވަކީލަކު ހާޒިރު ކުރުމަށް މަސައްކަތް ކުރުމަށް ޚަސްމުންނަށް ދަންނަވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

މި މައްސަލައިގައި ދައުވާ އުފުލަމުން ޕީޖީ އޮފީހުން އޭރު ބުނެފައިވަނީ 21 ޖޫން 2022 ދުވަހު ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަޙައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން ގަލޮޅު ބޯޅަ ދަނޑު ތެރެއަށް ވަދެގަނެ، ޓެރަރިޒަމްގެ ޢަމަލު ތަކެއް ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ދަޢުވާތައް ކުރުމަށް 02 އޮކްޓޫބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

- ކޮމެންޓް