ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުގެ ކޯޗު ކަމުގެ މަގާމުގައި ހުރި ޑިއޭގޯ ސިމިއޯނީ އެ ކްލަބުގެ އެއްބަސްވުން އާކޮށްފިއެވެ.
ސިމިއޯނީ އެތްލެޓިކޯ މެޑްރިޑުގެ އެއްބަސްވުން އާކޮށްފައި ވަނީ އިތުރު ތިންއަހަރަށް އެކުލަބުގެ ކޯޗުކަމުގެ މަގާމުގައި ދެމި ހުރުމަށެވެ. އެގޮތުން އެތްލެޓިކޯގެ މި އެއްބަސްވުމުގައި ސޮއިކުރުމާއިއެކު އޭނާ 2020 ވަނަ އަހަރާއި ހަމައަށް އެކުލަބުގައި ދެމިހުންނާނެއެވެ.
މިހާރު އުމުރުން47 އަހަރުގެ އިމިއޯނީ އެތްލެޓިކޯގެ އެއްބަސްވުން އާކުރުމަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ބުނީ އެތްލެޓިކޯގެ ކޯޗުކަން ކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު ހިންހަމަ ޖެހުމެއް ކަމަށެވެ. އަދި އެތްލެޓިކޯ ކަހަލަ ވަރުދަގަ ސްކޮޑެއް އޮތް ކާމިޔާބު ކުލަބަކާ އެކީ އިތުރު ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށާއި އެއްބަސްވުން އާކުރީ އެގޮތަށް ވިސްނައިގެންކަމަށެވެ.
ސިމިއޯނީ ބުނީ އެތްލެޓިކޯ އަކީ ވަރަށް ތަފާތުޓީމެއް ކަމަށާއި އެޓީމު އަބަދު ވެސް ބޭނުންވާނީ ކުޅޭ ކޮންމެ މެޗަކުން ވެސް މޮޅުވާން ކަމަށެވެ. އެހެން ކަމުން އެކަން ކޮށްދިނުމަކީ ލިބޭ އުފަލެއްކަމުގައި ވެސް ސިމިއޯނީ ބުންޏެވެ.
“މިއީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. މި ކްލަބާއެކީ އިތުރު ކާމިޔާބީތައް ހޯދަން އަހަރެން ވަރަށް ބޭނުން . އެކަން ކުރަން އަހަރެން މިހުރީ ފިސާރި ކެރިގެން ތައްޔާރަށް” ސިމިއޯނީ ބުންޏެވެ.
ރޭސިންގެ ކޯޗެއްގެ ގޮތުގައި 4 އަހަރު ހޭދަކުރުމަށް ފަހު ސިމިއޯނީ އެތްލެޓިކޯގެ ކޯޗުކަމުގެ މަގާމާ ހަވާލުވެފައި ވަނީ 2011 ވަނަ އަހަރުގައެވެ. އޭނާ ވަނީ 2011 ވަނަ އަހަރު އެތްލެޓިކޯއާ ހަވާލުވި ފުރަތަމަ ސީޒަނުގައި ވެސް ޔޫއެފާ ޔޫރޮޕާ ލީގާއި ޔޫއެފާ ސުޕަކަޕް ހޯދައިދީފައެވެ.
ސިމިއޯނީގެ ކޯޗުކަމުގެ ދަށުން އެންމެ ފަހުން ނިމިގެން ދިޔަ ސްޕެނިޝް ލީގުގެ 3 ވަނަ އެތްލެޓިކޯ ހޯދާފައިވާއިރު ނިމިގެން ދިޔަ 3 ސީޒަނުގައި ވެސް އެޓީމުން ވަނީ ސްޕެނިޝް ލީގުގެ ތިންވަނަ މަގާމު ހޯދާފައެވެ.