ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި ފަރާތްތައް އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި އެވެ.
މިކޮމިޝަނަށް ހަތަރު މެމްބަރުން އައްޔަންކޮށްފައިވަނީ، މިނިވަން މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނުގެ ދަށުން އުފެއްދި ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލި ފުރުސަތުގައި ބޭނުންވާ ވަރަށް ވުރެ ގިނައިން ކެންޑިޑޭޓުން ކުރިމަތިލާފައި ނުވުމާއެކު ވޯޓަކާއި ނުލާ ހަތަރު މެންބަރަކު އިންތިހާބުވުމާއި ގުޅިގެންނެވެ.
ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތީން [މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން] ގެ މެންބަރުކަމަށް، އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތީން، އެ ކޮމިޝަނުގެ މެންބަރުކަމަށް އެ ފަރާތްތައް ހޯމަ ދުވަހު ހަމަ ޖެއްސިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 (ދޭއް) މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ށ.ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި ގދ.ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ 2 (ދޭއް) މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާޙާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން ޙުސައިން ޘަޤީފެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 (ތިނެއް) މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 (ހަތަރެއް) މެންބަރުންނެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ މި ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނެއް ކަމަށް ބުނެ އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް އިން ވަނީ ވިދާޅުވެފައެވެ. އަދި އެ ގާނޫނު އަނބުރާ ގެންދިޔުމަށް ދިވެހި ސަރުކާރަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި އިނގިރޭސިވިލާތުގެ އިތުރުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް، ރިޕޯޓާސް ވިތައުޓް ބޯޑާސް އަދި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް ފަދަ ޖަމިއްޔާތަކުން ވެސް ވަނީ އެ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ގާނޫނު އަނބުރާ ގެންދިޔުމަށް ގޮވާލައްވާފައެވެ.
ސަރުކާރު ފަހަތުގައި އޮވެގެން އަމިއްލަ މެންބަރެއް ލައްވާ މަޖިލީހަށް ހުށަހަޅައި، ބައިނަލްއަގުވާމީ އިދާރާތަކުގެ ކަންބޮޑުވުންތަކަށް ބެލުމެއްނެތި، ސަރުކާރުގެ ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވައި މި ބިލު ވަނީ ފާސްކޮށްފައެވެ. އަދި މީޑިއާތަކުން ލިޔާ ހަބަރާއި ގެނެސްދޭ ޕްރޮގްރާމުތަކުގެ ސަބަބުން މީޑިއާތައް ބަންދުކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަކަށް ލިބިދޭ މި ގާނޫނު ރައީސް މުއިއްޒު ތަސްދީގުކުރެއްވީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ.
މިޤާނޫނު ފާސްނުކުރުމަށް ގޮވާލާ، ގިނަ އަދަދެއްގެ ނޫސްވެރިންވަނީ މުޒާހަރާކޮށް ރައީސް އޮފީހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. ނަމަވެސް ބިލް ފާސްކޮށް، ޤާނޫނު ތަސްދީގުކުރުމާއި އެކު އަލަށް އުފެދުނު ބްރޯޑްކާސްޓިން ކޮމިޝަން، ރާއްޖޭގެ ގިނަ މީޑިއާތަކުން ވަނީ ބޮއިކޮޓްކޮށް، އިންތިހާބުވެސް ބޮއިކޮޓްކޮށްފަ އެވެ.