ރޮހިންޖާ މުސްލިމުން ދިރިއުޅޭ އަވަށްތަކުގައި ހުއްޓުމެއް ނެތި މިޔަންމާގެ އަނިޔާވެރި ސިފައިން ހުޅު ޖަހާތާ މިއަދަށް 12 ދުވަސް ވެއްޖެއެވެ.
ބާރމީސް ރޮހިންޖާ އޮގަނައިޒޭޝަންގެ ރައީސް މިއަދު އާއްމު ކުރި ވީޑިއޯއެއްގައި އަދަމުންދާ އަލިފާންގަނޑާއި ބޯ ދުންތައް އެތައް މިތަނުން ފެންނަމުން ދެއެވެ.
ބާރމީސް ރޮހިންޖާ އޮގަނައިޒޭޝަންގެ ރައީސް ތުން ކިން ހާމަކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހު އެކަނިވެސް މުސްލިމުން ދިރިއުޅޭ ތިން އަވަށެއްގައި މިޔަންމާ ސިފައިން ވަނީ ހުޅު ޖަހާފައެވެ.
Happening: Video #MyanmarArmy set fire 3 #Rohingya hamlets an hour ago in #Maungdaw.12 days now Continuously burning #Rohingya villages. pic.twitter.com/acZ8wlTrqj
— Tun Khin (@tunkhin80) September 5, 2017
އަނެއް ކޮޅުން، މިޔަންމާގެ މައިނޯރިޓީއެއްގެ ގޮތުގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުންނަށް އަނިޔާކޮށް އެމީހުންގެ ގޯތި ގެދޮރުގައި ހުޅުޖަހާ ކުޑަކުދިންނާ މުސްކުޅިން މަރާ އަދި އަންހެނުންގެ އިއްފަތް ފޭރުން ފަދަ އެތައް ލާއިންސާނީ އަނިޔާތަކެއް މިޔަމަންމާގެ ސިފައިން ކުރަމުން ގެންދާއިރު، ނޮބެލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ އަދި ގައުމުގެ ވެރިކަމުގެ ބާރުތައް އެމީހެއްގެ އަތުގައި އޮތް އިންސާނީ ހައްގުތަކުގެ ޗެމްޕިއަނެއްގެ ގޮތުގައި ދުނިޔޭން ބުނަމުން ދިޔަ އަންސަން ސޫކީ އެ އަނިޔާވެރި އަމަލުތައް ކުށްވެރި ނުކުރައްވާ ހަނު ހުންނަވާ ހުންނެވުން ދުނިޔެއިން ދަނީ ކުށްވެރި ކުރަމުންނެވެ.
އޮގަސްޓް 25 ގެ ފަހުން މިޔަންމާގެ ސިފައިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ބެހޭ ގޮތުން ސޫކީ އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާކަން ބައިނަލް އަގްވާމީ މީޑިއާ އިން ފާހަގަ ކުރެއެވެ.
މިޔަންމާގެ ސިފައިންގެ އަނިޔާވެރިކަމާ ދެކޮޅަށް ސޫކީ އަށް އެއްޗެއް ވިދާޅުވާން ކެރި ވަޑައިގަންނަވާނެ ކަމަކަށް ގިނަ ބަޔަކު ނުދެކެއެވެ. މީގެ ކުރިން އެކަމަނާ މި މައްސަލައިގައި ބައެއް މީޑިއާ ތަކަށް ދެއްވާފައިވާ އިންޓަވިއު ތަކުންވެސް ފެނިގެން ގޮސްފައިވަނީ މިޔަންމާ ސިފައިން ދިފާޢު ކުރައްވާ ރޮހިންޖާ މުސްލިމުން ކުށްވެރި ކުރައްވާ ވާހަކަފުޅު ދައްކަވާފައިވާ ތަނެވެ.
މިޔަންމާގެ އިންސާނީ ހައްގުތަކާ ބެހޭ ކަންކަން ބެއްލެވުމަށް އދ. އިން ކަނޑައަޅާފައިވާ ސްޕެޝަލް ރެޕެޓުއަރ ޔާންގް ލީ ވަނީ ސޫކީ ހިމޭނުން ހުންނަވާ މައްސަލައިގައި ކަންބޮޑު ވުން ފާޅު ކުރައްވާފައެވެ. މި ހަފްތާގެ ކުރީކޮޅު މި މައްސަލައިގައި ވާހަކަ ފުޅު ދައްކަވަމުން ލީ ވިދާޅުވީ، އެތައް ހާސް ބަޔަކު ތިބީ އެމީހުންގެ އަސާސީ ހައްގުތައް ކަންބޮޑުވާ މިންވަރަށް ނިގުޅައިގަނެވިފައިވާ ހާލަތުގައި ކަމަށެވެ.
ހޯމަ ދުވަހު އިންޑިއާގެ މީޑިއާ އަށް ދެއްވި އިންޓަވިއު އެއްގައި ލީ ވިދާޅުވީ، މިހާރު މިޔަންމާގައި ހިންގަމުން ގެންދާ ޖަރީމާ ތަކަކީ މިހާތަނަށް އެ ގައުމުގައި ހިންގާ އެންމެ ބޮޑު ޖަރީމާ ކަމުގައެވެ.
އދ، ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން އެމަނިކުފާނުގެ ތަރުޖަމާނު އެރި ކަނެކޯ ނެރުއްވި ބަޔާނެއްގައިވެސް މިޔަންމާ ސިފައިން އިތުރަށް ސަމާލު ވާން ޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.
ނޮބެލް ސުލްހައިގެ އިނާމު ހާސިލް ކުރައްވާފައިވާ މަލާލާ ޔޫސުފްޒާއީ ވަނީ މިކަންބޮޑުވުންތައް ތަކުރާރު ކުރައްވާފައެވެ.
"މިޔަންމާގެ މުސްލިމުންގެ ޚަބަރު ފެންނަ ކޮންމެ ފަހަރަކު އެމީހުންގެ ކެކުޅުންތައް އެނގި ހިތް ފަޅައިގެންދޭ" މަލާލާ ހާމަކުރައްވާފައިވެއެވެ.
"މި ފާއިތުވެ ދިޔަ ދެތިން އަހަރުގެ ތެރޭގައި މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ކަންކަންވާނީ ކުށްވެރި ކޮށްފައި، އުއްމީދު ކޮށްގެން މިހުންނަނީ ނޮބެލް އިނާމު ހާސިލް ކުރައްވާފައިވާ އަންގް ސަން ސޫ ކީ ވެސް މި މޭރުމުން ކަން ކުރައްވާނެ ކަމަށް" ރޮހިންޖާގެ މުސްލިމުންގެ ހާލަތާ ބެހޭ ގޮތުން މަލާލާ ދެކޭ ގޮތް ހާމަ ކުރައްވާ ނެރުއްވި ބަޔާނުގައި ވެއެވެ.
މެލޭޝިއާގެ ޚާރިޖީ ވަޒީރު އަނީފާ އަމާން ވެސް ވަނީ ސޫކީ މި މައްސަލައިގައި ހިމޭނުން ހުންނަވާ ހުންނެވުމާ މެދު ސުވާލު އުފައްދަވާފައެވެ.
"ތެދު ތެދަށް ބުނަންޏާ އަން ސަންގ ސޫ ކީ އާ މެދު މިހިރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި" އަނީފާ އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.
"ކުރިން އެކަމަނާ އިންސާނީ ހައްގުތަކަށް ތެދުވެ ވަޑައިގެން، އެކަމަކު މިހާރު އެއްކަމެއްވެސް ކުރައްވާ ހެން ހިޔެއް ނުވޭ" އަނީފާ ވިދާޅުވި އެވެ.
ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ހޯމަ ދުވަހު ވިދާޅުވީ، ރޮހިންޖާ މުސްލިމުންގެ މައްސަލަގައި ދުނިޔޭގެ ވެރިންނަށް ޕްރެޝަރ ކުރައްވަމުން ގެންދަވާ ކަމަށެވެ. އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި މިޔަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދަނީ ގަތުލުއާއްމެކެވެ.
"މިޔަންމާގެ މުސްލިމުން ތިބި ހާލަތު އެންމެންނަށް ވާނީ ފެނިފައި، އަވަށްތަކުގައި ހުޅުޖަހާ މަންޒަރުވެސް ވާނީ ފެނިފައި، މިޔަންމާގައި ހިންގަމުންދާ ގަތުލު އާއްމަށް އިންސާނިއްޔަތުކަން އޮތީ ހިމޭނުން" އުރުދުޣާން ވިދާޅުވިއެވެ.
އުރުދުޣާން ވިދާޅުވީ މި މައްސަލަ މިމަހު ފަހު ކޮޅު އޮންނަ އ.ދ ގެ އާއްމު މަޖިލީހުގައި ނަންގަވާނެ ކަމަށެވެ.
This Rohingya Muslim woman managed to flee to Bangladesh with her two small children, but her husband is feared dead, killed by Burma's army pic.twitter.com/z3nB4bzfsv
— CJ Werleman (@cjwerleman) September 4, 2017
އަނެއްކޮޅުން މުސްލިމް މެޖޯރިޓީ އޮންނަ ގައުމުތަކުގެ އާއްމު ރައްޔިތުންގެ ރުޅިވެރިކަން މިކަމުގައި ދަނީ ފާޅު ކުރަމުންނެވެ. އިންޑޮނީޝިއާ، މެލޭޝިއާ އަދި ޗެޗްނިޔާގައި އެތައް ހާސް އާއްމުންނެއް މަގުތަކަށް ނުކުމެ ރޮހިންޖާ މުސްލިމުންނަށް ދެމެދުންދާ އަނިޔާތަކަށް ރުޅިވެރިކަން ވަނީ ފާޅު ކޮށްފައެވެ.