Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2025 | އާދީއްތަ 16:08
އެމްޑީޕީ ޕީޖީގެ މެމްބަރުން އެޗްއާރުސީއެމްއާ ބައްދަލު ކުރުން
އެމްޑީޕީ ޕީޖީގެ މެމްބަރުން އެޗްއާރުސީއެމްއާ ބައްދަލު ކުރުން
އެމްޑީޕީ
އެމްޑީޕީ
އޮކްޓޯބަރ 3 ގެ މުޒާހަރާ އިން ހައްޔަރު ކުރި ފަރާތްތަކާ ބެހޭ ގޮތުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން އެޗްއާރުސީއެމް އާ ބައްދަލު ކޮށްފި
މާފުށި ކައުންސިލުގެ ރައީސް ހުސެއިން ސޮލާހްގެ މެޑިކަލް ރިޕޯޓު އަދިވެސް އެޗްއާރުސީއެމްއަށް ނުލިބޭކަން ފާހަގަކުރެވިފައިވޭ
އެޗްއާރުސީއެމް އިން ބުނަނީ ކަންކަން ބަލަމުން ގެންދާ ކަމަށް

އޮކްޓޯބަރ 3 ގައި މާލޭގައި އޮތް ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު ކުރި ފަރާތްތަކާ ބެހޭ ގޮތުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ހިއުމަން ރައިޓްސް ކޮމިޝަން - އެޗްއާރުސީއެމް އާ ބައްދަލު ކޮށްފި އެވެ.

ޕާލިމެންޓަރީ ގްރޫޕުން އާދިއްތަ ދުވަހު ހިއުމަންރައިޓްސް ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމުގައި، ހައްޔަރު ކުރި މީހުންގެ ސިއްހީ ފަރުވާ އާ މެދު ސަރުކާރުން އިހުމާލުވެފައިވާކަން ކަންބޮޑުވުމެއްގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ ގޮތުން މާފުށި ކައުންސިލުގެ ރައީސް ހުސެއިން ސޮލާހްގެ ފުލުހުންގެ ހައްޔަރަށް ގެންދިޔަ ފަހުން އޭނާގެ އިނގިލި ބިންދާލާފައި ވުމުގެ ސަބަބުން ފަރުވާ ލިބުން ލަސްވުމުގެ މައްސަލަ ޕީޖީ ގުރޫޕުން ވަނީ ފާހަގަ ކޮށްފައެވެ.

ބައްދަލުވުމުގައި ފުލުހުން އިންސާނުނަށް ގެއްލުވާ ހަތިޔާރެއް ކަމަށް ވާ އެކޮސްޓިކް ޑިވައިސް، މުޒާހަރާ ރޫޅާލުމަށް ބޭނުން ކުރި މައްސަލަ ވެސް ޕީޖީ ގުރޫޕުން ވަނީ ފާހަގަ ކޮށްފައެވެ.

އެޗްއާރުސީއެމް ގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ މެމްބަރުންގެ ތެރެއިން ހަބީބު އަކަނި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބައްދަލުވުމަށްފަހު އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ، މާފުށީ ކައުންސިލުގެ ރައީސް ހުސެއިން ސޮލާހް ގެ މެޑިކަލް ރިޕޯޓު އަދިވެސް ކޮމިޝަނަށް ނުލިބޭކަން ފާހަގަ ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އެ ރިޕޯޓު ފޮނުވައިދިނުމަށް އެޗްއާރުސީއެމް އިން ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށާއި، އަދި ފޮނުވުމަށް އެދުނު ތާރީޚު ވެސް ފަހަނަ އަޅާ ގޮސްފައިވާ ކަން ފާހަގަވި ކަމަށް ފިއްޓޭ ވިދާޅުވިއެވެ.

"އެބޭފުޅުން ވިދާޅުވީ، ބަލަނިއްޔޭ، ރިޕޯޓެއް ވެސް ނެރޭނަމޭ، ފާހަގަ ކުރެވިފައި ހުރި ކަންތައްތަކެއް އެބަހުއްޓޭ،" ފިއްޓޭ ވިދާޅުވިއެވެ.

ބައްދަލުވުމަށް ވަޑައިގެންނެވި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެޗްއާރުސީއެމް އިން ސޮލާހް އާ ބައްދަލު ކުރުމަށް ޖަލަށް ޒިޔާރަތް ކުރި ކަމަށް އެޗްއާރުސީއެމް އިން ބައްދަލުވުމުގައި ބުނި ކަމަށެވެ.

މައުރޫފް ވިދާޅުވީ، އޮކްޓޯބަރު 3 ގެ މުޒާހަރާ ގައި ފުލުހުން ހިންގާފައިވާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލު ތަކުގެ ތަހުގީގު ރިޕޯޓު ނެރޭނެ ކަމަށް އެޗްއާރުސީއެމް އިން ބުނި ނަމަވެސް އެ ރިޕޯޓު ލަސްވުމަކީ ކަންބޮޑުވުމެއް ކަމުގައެވެ. ބައްދަލުުވުމުގައި ޕީޖީ މެމްބަރުން އެކަން ފާހަގަ ކޮށްފައިވާނޭ ކަމަށާއި، އެ މުޒާހަރާގެ ތަހުގީގު ނުނިމި އުޅެނި ކޮށް ނޮވެމްބަރު 17 ގައި ބާއްވާ މުޒާހަރާ ގައި ސަރުކާރުން ކޮންމެ ފަދަ ގޮތަކަށް ވެސް އަމަލު ކޮށްފާނެ ކަަމަށް ދެކޭ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

"ގަދަ އަޑު ބޭނުން ކޮށްގެން ކަންފަތްތަކަށް އޮތީ ބޮޑު ގެއްލުމެއް ދީފައި، ދެން ނޭނގެ ގަދަ އައްޔެއް ބޭނުން ކޮށްގެން ދުއްވާލާނީ ލޯތައް ނޫން ކަމެއްވެސް،" އެޗްއާރުސީއެމް ގެ ބައްދަލުވުމުގައި ފާހަގަ ކުރެއްވި ކަމަށް މައުރޫފް ވިދާޅުވިއެވެ.

ތަހުގީގު ރިޕޯޓު ނުނިމުނަސް ނޮވެމްބަރު 17 ގެ މުޒާހަރާ ކުރިއަށް ދާނެ ކަމަށް އެޗްއާރުސީއެމް ގެ މެމްބަރުންނަށް އެމްޑީޕީ ޕީޖީ ގުރޫޕުން ދެންނެވި ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

- ކޮމެންޓް