Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2025 | އާދީއްތަ 10:58
ސީޝެލްސްގެ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް ޕެޓްރިކް ހަމިނީ ވޯޓު ލައްވަނީ
ސީޝެލްސްގެ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް ޕެޓްރިކް ހަމިނީ ވޯޓު ލައްވަނީ
ރޮއިޓަރސް
ސީޝެލްސް
ދެ ވަނަ ބުރުގައި ކުރި ހޯދައި، ސީޝެލްސްގެ ރައީސް ކަމަށް އިދިކޮޅު ކެންޑިޑޭޓް ހަމިނީ އިންތިޚާބު ވެއްޖެ
އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ މަތިން ވޯޓު ހޯއްދެވީ ހަމިނީ. އޭނާ ވަނީ ފުރަތަމަ ބުރުގައި 48.8 އިންސައްތަ ވޯޓު ހޯއްދަވާފައި. ފުރަތަމަ ބުރުގައި ދެ ވަަނަ އަށް ދިޔަ ރައީސް ރަމްކަލަވާން އަށް ލިބިވަޑައިގެންފައި ވަނީ 46.4 އިންސައްތަ ވޯޓު.

ސީޝެލްސްގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ކުރި ހޯއްދަަވައި، އެ ޤައުމުގެ އިދިކޮޅު ކެންޑިޑޭޓް ޕެޓްރިކް ހަމިނީ އިންތިޚާބު ކާމިޔާބު ކުރައްވައިފި އެވެ.

ސީޝެލްސްގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވާދަ ކުރެއްވީ ހަމިނީގެ އިތުރުން، މިހާރު ރައީސް ކަމުގައި ހުންނެވި ވެލް ރަމްކަލަވާން އެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ އަށް ވުރެ މަތިން ވޯޓު ހޯދިފައި ނުވުމުން، ދެ ވަނަ ބުރުގެ ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ މަތިން ވޯޓު ހޯއްދެވީ ހަމިނީ އެވެ. އޭނާ ވަނީ ފުރަތަމަ ބުރުގައި 48.8 އިންސައްތަ ވޯޓު ހޯއްދަވައިފަ އެވެ. ފުރަތަމަ ބުރުގައި ދެ ވަަނަ އަށް ދިޔަ ރައީސް ރަމްކަލަވާން އަށް ލިބިވަޑައިގެންފައި ވަނީ 46.4 އިންސައްތަ ވޯޓެވެ.

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އިންތިޚާބުގެ ދެ ވަަނަ ބުރުގެ ވޯޓު ލުމުގައި ވެސް ހަމިނީ ވަނީ ކުރި ހޯއްދަވައިފަ އެވެ. އާދިއްތަ ދުވަހުގެ ހެނދުނު ސީޝެލްސްގެ އިލެކްޝަން ކޮމިޝަން އިން އާންމު ކޮށްފައިވާ ނަތީޖާ އަށް ބަލާއިރު، ދެ ވަނަ ބުރުގައި ހަމިނީ ވަނީ 52.7 އިންސައްތަ ވޯޓު ހޯއްދަަވައިފަ އެވެ.

ޔުނައިޓެޑް ސީޝެލްސް ޕާޓީގެ ފަރާތުން ވާދަ ކުރެއްވި ހަމިނީ އަކީ މީގެ ކުރިން ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ފަރާތެކެވެ. އޭނާ ވަނީ 2007 ވަނަ އަހަރުން، 2016 ވަނަ އަހަރަށް ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްކަން ކުރައްވައިފަ އެވެ.

އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޔުނައިޓެޑު ސީޝެލްސް އިން ވަނީ 1977 އިން 2020 ވަނަ އަހަރަށް ސީޝެލްސްގެ ވެރިކަން ކޮށްފަ އެވެ. ނަމަވެސް 2020 ވަނަ އަހަރު އޮތް ސީޝެލްސްގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީ އަށް ވަނީ ނާކާމިޔާބުވެފަ އެވެ. އެ ޕާޓީގެ ފަރާތުން ވާދަ ކުރެއްވި އޭރުގެ ރައީސް ޑެނީ ފައުރޭގެ މައްޗަށް ކުރި ހޯއްދަވައި، އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ރަމްކަލަވާން އެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ހަމިނީ ވިދާޅުވެފައި ވަނީ، ސީޝެލްސްގެ ރައްޔިތުން ވަނީ އެ މީހުންގެ ނިންމުން ހާމަކޮށްފައި ކަމަށެވެ. އަދި ސީޝެލްސްގެ ރައްޔިތުން އޭނާ އަށް ކުރި އިތުބާރާއި، ދެއްވި ތާއީދަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ހަމިނީ ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ އެ ޤައުމުގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނަތީޖާ ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އިންތިޚާބުގައި މިހާރުގެ ރައީސް ރަމްކަލަވާން އަދި ހަމިނީ ވެސް އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ތިމާވެށީގެ މައްސަލަތަކާއި، މަސްތުވާ ތަކެތީގެ މައްސަލަައާ ގުޅޭ ކަންކަމަށެވެ. ވޯލްޑް ބޭންކުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ސީޝެލްސް އަކީ އެފްރިކާގެ އެންމެ މުއްސަނދި ޤައުމު ތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

ހާރުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގައި ރައްޔިތުން ޝުއޫރު ފާޅު ކޮށްފައިވާއިރު، ސަރުކާރާ ދެކޮޅު ޝުއޫރުތައް ފާއިތުވި ދުވަސް ތަކުގައި ވަނީ އިތުރުވެފަ އެވެ. ރިޔާސީ އިންތިޚާބުގެ ވޯޓު ލުމުގެ އެއް ހަފުތާ ކުރިން އެ ގައުމުގެ އެސަމްޝަން ޖާޒީރާގައި ބޮޑު ރިސޯޓެއް ތަރައްޤީ ކުރުމަށް ބިދޭސީ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދޫކޮށްފައިވާ 400،000 އަކަ މީޓަރުގެ ބިމާ ގުޅޭ ގޮތުން ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވެ އެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ކަނޑުގެ ލޮނު ގަނޑު އުފުލުމާއި، މަސްތުތާ ތަކެތީގެ ވަބާގެ މައްސަލަތަކާ ވެސް ސީޝެލްސް އަށް ވަނީ ކުރިމަތިލާން ޖެހިފަ އެވެ. 2017 ވަނަ އަހަރު އދ ގެ ރިޕޯޓެއްގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ސީޝެލްސް އަކީ މަސްތުވާ ތަކެތި އެތެރެ ކުރުމުގެ މައި މަގެއްގެ ގޮތުގައި ބޭނުން ކުރެވޭ ޤައުމެކެވެ.

މަސްދަރު: އޭޕީ ނިއުސް
- ކޮމެންޓް