ރައްޔިތުންގެ މެދުގައި އިންތިހާ އަށް މަގުބޫލުކަން ކުޑަވެފައި ވަނިކޮށް ޕެރޫގެ ރައީސް ޑީނާ ބޮލުއާޓޭ ގެ އިތުބާރު ނެތް ކަމަށް އެ ގައުމުގެ ކޮންގްރެސް އިން ފާސް ކޮށް މަގާމުން ވަކިކޮށްފިއެވެ.
މިއީ ޕެރޫގައި ކުށްކުރުން އިންތިހާ އަށް އިތުރުވެ، ރައީސް ބޮލުއާޓޭ އާ ދެކޮޅަށް ރައްޔިތުން މަގުތަކުގައި މުޒާހަރާ ކުރަމުން ގެންދާ ދަނޑިވަޅެއް ކަން ފާހަގަ ކުރެވެއެވެ.
ޕެރޫގެ ރައީސް ގެ އިތުބާރު ނެތް ކަމަށް ފާސް ކުރީ ސިޔާސީ ޕާޓީތަކުން އޭނާ އިމްޕީޗްކުރުމަށް ގޮވާލިތާ ގަޑިތަކެއްގެ ފަހުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު ކޮންގްރެސްގެ ޖަލްސާ އެއްގައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ދިޔަ ޖަލްސާ ގައި ރޭގަނޑު 11:30 ގައި ކޮންގްރެސްގައި އަމިއްލަ ދިފާޢުގައި ވާހަކަދެއްކުމަށް ބޮލުއާޓޭ އަށް އެންގުނެވެ.
އެހެން ނަމަވެސް ޖަލްސާ އަށް އޭނާ ހާޒިރު ނުވުމުން، މެންދަމުގެ ވަގުތުގައި ކުރިއަށް ދިޔަ ވޯޓުގައި އޭނާ މަގާމުން ވަކި ކުރަން 124 މެންބަރުން ވޯޓުދިނެވެ.
ބޮލުއާޓޭ ގެ ނައިބު ރައީސަކު ނެތުމުން، ކޮންގްރެސްގެ ރައީސް ހޯސޭ ޖެރީ ވަނީ ޤައުމުގެ އައު ރައީސްގެ ގޮތުގައި ހުވާކުރައްވާފައެވެ.
ބޮލުއާޓޭ އަކީ، 2018 އިން ފެށިގެން ޕެރޫގައި ވެރިކަން ކުރި 6 ވަނަ ރައީސް އެވެ. ބޮލުއާޓޭ މަގާމުން ވަކި ކުރި އިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ބާކީ އޮތީ އެންމެ 6 މަސްދުވަހެވެ.
އަލަށް މަގާމަށް ހަވާލުވި ރައީސް ޖެރީއާ ދެކޮޅަށް ރޭޕްގެ ތުހުމަތުތަކެއް ކުރެވިފައިވާކަން ރިޕޯޓުތަކުގައިވެއެވެ.
ބޮލުއާޓޭ މަގާމުން ވަކިކުރުމަށް މީގެ ކުރިން 8 ފަހަރެއްގެ މަތިން ކޮންގްރެެސް ގައި މަސައްކަތް ކުރެވިފައިވެއެވެ. އެހެން ނަމަވެސް މިފަހަރުގެ މަސައްކަތް ކާމިޔާބުވީ ހުރިހާ ސިޔާސީ ފެކްޝަން ތަކަކުން ހެން އެކަމަށް ތާއީދު ކުރުމުންނެވެ. މީގެ ތެރޭގައި އާންމުކޮށް އޭނާއަށް ތާއީދު ކުރާ ކަނާތުފިޔައިގެ ޕާޓީތައް ވެސް ހިމެނެއެވެ.
63 އަހަރުގެ ބޮލުއާޓޭ އަކީ އެ ގައުމުގެ ރައްޔިތުންގެ މެދުގައި ވަރަށް ނުރުހުން ބޮޑު ވެރިއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ފަރާތެކެވެ. އޭނާގެ މައްޗަށް ކުރެވިފައިވާ މަޤާމުގެ ނާޖާއިޒު ފައިދާ ނެގިކަމުގެ ތުހުމަތުތަކާއެކު، އޭނާގެ ތާއީދު 2 އިންސައްތަ އާއި 4 އިންސައްތައާ ދެމެދަށް އޮތީ ދަށަށް ވެއްޓިފައެވެ.
އޭނާ ވެރިކަމަށް ވަޑައިގަތީ 2022 ޑިސެމްބަރުގައެވެ. އޭރު އޭނާގެ ކުރީގެ ރައީސް ޕެޑްރޯ ކަސްޓިލޯ، ކޮންގްރެސް އުވާލަން މަސައްކަތް ކުރުމުން މަގާމުން ވަކިކޮށް ހައްޔަރުކުރުމާ އެކު ރައީސްގެ މަގާމު ހުސްވުމުންނެވެ. ބޮލުއާޓޭ ހުންނެވީ އޭނާގެ ދަށުން ނައިބު ރައީސްގެ މަޤާމުގައެވެ.
ބޮލުއާޓޭގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކުގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ކުރިޔަށް ދިޔަ މުޒާހަރާތައް ކޮންޓްރޯލު ކުރުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުންވެސް ހިމެނެއެވެ.