ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 10:20
ޕެރޫގެ ކުރީގެ ރައީސް އަލެހާންޑްރޯ ޓޮލެޑޯ
ޕެރޫގެ ކުރީގެ ރައީސް އަލެހާންޑްރޯ ޓޮލެޑޯ
ސޯޝަލް މީޑިއާ
ޕެރޫގެ ކުރީގެ ރައީސް ޓޮލެޑޯ
ކޮރަޕްޝަންގެ ދައުވާ ސާބިތުވެ، ޕެރޫގެ ކުރީގެ ރައީސް 20 އަހަރަށް ޖަލަށް
މައްސަލަ ބެއްލެވި ފަނޑިޔާރު އިނޭސް ރޮހާސް ވިދާޅުވި ގޮތުގައި ޕެރޫގެ ރައްޔިތުން ޓޮލެޑޯއަށް އިތުބާރުކޮށް، ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުންކުރުމުގެ ޒިންމާ ހަވާލުކޮށްފައި ވީނަމަވެސް، އޭނާ ވަނީ ދައުލަތަށް ޚިޔާނާތްތެރިވެފައެވެ.
ޚަބަރުގެ އޯޑިއޯ

ޕެރޫގެ ކުރީގެ ރައީސް އަލެހާންޑްރޯ ޓޮލެޑޯއަށް ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، 20 އަހަރާއި 6 މަސްދުވަހުގެ ޖަލު ޙުކުމެއް ހޯމަދުވަހު އިއްވައިފިއެވެ.

މި މައްސަލައިގައި ވަކީލުން ބުނެފައިވަނީ، ޓޮލެޑޯ ވަނީ ޕެރޫގެ ދެކުނުގައި މަގެއް ހެދުމުގެ މަޝްރޫޢު ހަވާލުކުރެވުނު ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏަކުން 35 މިލިއަން އެމެރިކާ ޑޮލަރުގެ (27 މިލިއަން ޕައުންޑް) ރިޝްވަތެއް ނަންގަވާފައިކަމަށެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު އިނޭސް ރޮހާސް ވިދާޅުވި ގޮތުގައި ޕެރޫގެ ރައްޔިތުން ޓޮލެޑޯއަށް އިތުބާރުކޮށް، ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުންކުރުމުގެ ޒިންމާ ހަވާލުކޮށްފައި ވީނަމަވެސް، އޭނާ ވަނީ ދައުލަތަށް ޚިޔާނާތްތެރިވެފައެވެ.

ރޮހާސް ވިދާޅުވި ގޮތުގައި ޓޮލެޑޯއަށް 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖަލުގައި ހޭދަކުރި ވަގުތު ޙުކުމުގެ ތެރޭގައި ގުނާނެ ކަމަށެވެ. އަދި އޭނާ ޙުކުމުގެ ބާކީ އޮތް ބައި ހޭދަކުރާނީ ލީމާގެ ބޭރު ސަރަޙައްދުގައި ހުންނަ، ކުރީގެ ޕެރޫގެ ރައީސުން ބޭތިއްބުމަށް ޚާއްޞަކޮށް އިމާރާތްކޮށްފައިވާ ޖަލެއްގައި ކަމަށެވެ.

ޓޮލެޑޯ ވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތައް ދޮގުކޮށްފައެވެ.

މި މައްސަލައާ ގުޅުންހުރި ބްރެޒިލްގެ ކުންފުނި އޮޑެބްރެޗްޓުން ވަނީ ސަރުކާރުގެ ކޮންޓްރެކްޓްތައް ހޯދުމަށްޓަކައި ލެޓިން އެމެރިކާ އަދި އެމެރިކާގެ އެކި ސަރަޙައްދުތަކުގެ އޮފިޝަލުންނަށް މިލިއަނުން ޑޮލަރު ރިޝްވަތުގެ ގޮތުގައި ދިންކަމަށް އިޢުތިރާފުވެފައެވެ. މިއާއެކު ލެޓިން އެމެރިކާގެ ގިނަ ޤައުމުތަކުގައި މެދުގައި ވަނީ ސިޔާސީ ހަލަބޮލިކަން އުފެދިފައެވެ.

78 އަހަރުގެ ޓޮލެޑޯ ވަނީ 2001ން 2006ށް ޕެރޫގެ ރައީސްކަމުގެ މަޤާމު އަދާކުރައްވާފައެވެ. އޭނާ ހައްޔަރުކުރެވުނީ މީގެ 5 އަހަރު ކުރިން އެމެރިކާގެ ކެލިފޯނިއާގައެވެ.

ޓޮލެޑޯގެ އިތުރުން ޕެރޫގެ ކުރީގެ ރައީސުން ކަމުގައިވާ އަލަން ގާސިއާ، ޕެޑްރޯ ޕަބްލޯ ކުޒިންސްކީ އަދި އޮލަންޓާ ހުމާލާ އަށް ވެސް ވަނީ އޮޑެބްރެޗްޓް މައްސަލައާ ގުޅިގެން ރިޝްވަތުގެ ތުހުމަތު ކުރެވިފައެވެ. މީގެތެރެއިން އަލަން ގާސިއާ ހައްޔަރުކުރަން ފުލުހުން އޭނާގެ ގެކޮޅަށް އައުމުން އޭނާ ވަނީ ބަޑިޖަހައި އަމިއްލައަށް މަރުވެފައެވެ. އަދި ޕެޑްރޯ ޕަބްލޯ ކުޒިންސްކީ އަދި އޮލަންޓާ ހުމާލާގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

އޮޑެބްރެޗްޓްގެ ނަން މިހާރު ވަނީ ނޮވޮނޯރއަށް ބަދަލުކޮށްފައެވެ.

- ކޮމެންޓް