ހަމާސްއިން އެމެރިކާ މެދުވެރިވެގެން ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަތިޔާރު ބޭނުންކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް މިސްރުގެ ސްޓޭޓް އިންފޮމޭޝަން ސަރވިސްގެ އިސްވެރިޔާ ދިޔާ ރަޝްވާން ވިދާޅުވެއްޖެއެވެ. ނަމަވެސް ހަމާސް އިން ހަތިޔާރު ދޫކޮށްލުމަށް އެއްބަސްވެފައެއް ނުވެއެވެ.
ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ އުސާމާ ހަމްދާން ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި އެއްވެސް ފަލަސްތީނު ރައްޔިތަކު ހަމާސް އިން ހަތިޔާރު ދޫކޮށްލުމަށް އެއްބަހެއް ނުވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ދިފާއު ގައި ހަތިޔާރު ބޭނުންވާ ކަމަށް ރޮއިޓަރސް އަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި އިސްރާއީލާއި ހަމާސްއާ ދެމެދު ގައިދީން ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހި ފެށުމާއެކު، ބައިނަލްއަޤްވާމީ މުޖުތަމަޢުން މި އެއްބަސްވުމަށް މަރުޙަބާ ކިޔާފައިވެއެވެ. އެމެރިކާ މެދުވެރިވެގެން ވެވުނު މި އެއްބަސްވުން ބުރާސްފަތި ދުވަހު ޢަމަލީ ގޮތުން ވަނީ ފެށިފައެވެ.
އޭނާ އިތުރަށް ސާފުކޮށްދެއްވި ގޮތުގައި ހަމާސްގެ ހަތިޔާރު އިސްރާއީލަށް ނުވަތަ އެއްވެސް ޢަރަބި ނޫން ފަރާތަކަށް ހަވާލެއް ނުކުރާނެއެވެ. އެއްބަސްވުމުގައި ހަމާސްގެ ހަތިޔާރުތައް ބަލަހައްޓާނީ ކޮން ފަރާތަކުންކަން ބަޔާންކޮށްފައި ނުވިޔަސް، މިނިވަން ކޮމިޓީއެއްގެ ވާހަކަ ހިމެނެއެވެ. މި ކޮމިޓީ އަކީ މިސްރު، ނުވަތަ މިސްރުު-ޢަރަބި، ނުވަތަ މިސްރު-ޢަރަބި-ފަލަސްތީނު ކޮމިޓީއަކަށް ވެދާނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 20 ނުކުތާގެ ޣައްޒާ އެއްބަސްވުމުގައިވާ ގޮތުން، "މިނިވަން މޮނިޓަރުންގެ ބެލުމުގެ ދަށުން ޣައްޒާ އަކީ ހަތިޔާރު ނެތް ތަނަކަށް ހެދުމަށް މަސައްކަތް ކުރެވޭނެއެވެ. މީގެ ތެރޭގައި އެއްބަސްވެވޭ ޕްރޮސެސްއެއްގެ ތެރެއިން މޮނިޓަރުންގެ ބެލުމުގެ ދަށުން ހަތިޔާރު ދާއިމީކޮށް ބޭނުން ނުކުރެވޭ ގޮތަށް ބެހެއްޓުމާއި، ބައިނަލްއަޤްވާމީ ފަންޑިންގ ގެ ތެރެއިން އެ ހަތިޔާރުތައް ގަތުމުގެ ޕްރޮގްރާމެއް،" ހިމެނެއެވެ.
ރަޝްވާން އިތުރަށް ވިދާޅުވި ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގެ ހަނގުރާމައިގައި ހަމާސްގެ އަސްކަރީ ޤާބިލިއްޔަތު ނައްތާލުމަށް މަސައްކަތްކުރި ނަމަވެސް އެކަމުގައި ކާމިޔާބެއް ނުވިއެވެ.