ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 14:07
ކޮސްޓާ އަދި އިބްރަހިމޮވިޗް
ކޮސްޓާ އަދި އިބްރަހިމޮވިޗް
ޑެއިލީ މިރޯ
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގަށް ނެގި ސްކޮޑުގައި އިބްރަހިމޮވިޗް ހިމެނިއިރު ޗެލްސީއިން ކޮސްޓާ ބާކީކޮށްފި
ޗެލްސީގެ ސްކޮޑުން ކޮސްޓާއަށް ޖާގަ ދީފައިނުވަނީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ މައްސަލަ ޖެހުމުގެ ސަބަބުން
ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯގެ އެދުމުގެ މަތިން އިބްރަހިމޮވިޗް ވަނީ އަލުން ޔުނައިޓެޑަށް ސޮއިކޮށްފަ

މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގަށް މެންޗެސްޓާ ޔުނައިޓެޑުން ނެގި ސްކޮޑުގައި ލަޓާން އިބްރަހިމޮވިޗް ހިމެނިއިރު ޗެލްސީއިން ޑިއޭގޯ ކޮސްޓާ ބާކީކޮށްފިއެވެ.

މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރާ މެންޗެސްޓާ ޔުނައިޓެޑުގެ ސްކޮޑުން އިބްރަހިމޮވިޗަށް ޖާގަ ދީފައިވާ އިރު އޭނާ ޔުނައިޓެޑާއެކު އާ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައިވަނީ މިދިޔަ މަހުއެވެ.  

މިދިޔަ ސީޒަނުގެ ޔުއެފާ އިޔުރޯޕާ ލީގުގެ ކުއާޓާ ފައިނަލްގައި ބެލްޖިއަމްގެ އަންޑަލެކްޓާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ލިގަމެންޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާއާ ޔުނައިޓެޑާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް އުވާލެވުނެވެ. އެހެން ނަމަވެސް ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯގެ އެދުމުގެ މަތިން އޭނާ ވަނީ އަލުން އަނބުރާ ޔުނައިޓެޑަށް ސޮއިކޮށްފައެވެ.

ޗެލްސީގެ ސްކޮޑުން ކޮސްޓާއަށް ޖާގަ ދީފައިނުވަނީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ މައްސަލަ ޖެހުމުގެ ސަބަބުންނެވެ. އެގޮތުން ކޮންޓޭގެ ޕްލޭންތަކުގައި ކޮސްޓާ ނުހިމެނޭ ކަމަށް ކޮސްޓާއަށް އެންގުމާ ގުޅިގެން އޭނާ ފަރިތަކުރަމުން އަންނަނީ އޭނާގެ އަމިއްލަ ގައުމުގައެވެ. އެގޮތުން ޕްރީސީޒަންގެ ފަރިތަކުރުންތަކަށް ވެސް އޭނާ އަނބުރާ އައިސްފައެއް ނުވެއެވެ.

ޗެލްސީއިން މި ސީޒަނުގެ ޗެމްޕިއަންސް ލީގަށް ނެގި ސްކޮޑުގައި އޭނާ ހިމަނާފައި ނުވިޔަސް ޕްރިމިއާ ލީގަށް ނެގޮ ސްކޮޑުގައި އޭނާ ހިމަނާފައިވެއެވެ.

މެންޗެސްޓާ ޔުނައިޓެ ޗެމްޕިއަންސް ލީގުގައި ހިމެނިފައިވަނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި އެ ޓީމުގެ އިތުރުން ހިމެނިފައިވަނީ ސުވިޒަލޭންޑުގެ އެފްސީ ބަސެލްއާ ރަޝިއާގެ ސީއެސްކޭއޭ މޮސްކޯގެ އިތުރުން ޕޯޗުގަލްގެ ބެނެފީކާއެވެ. ޗެލްސީއިން ޗެމްޕިއަންސް ލީގުގައި ވާދަކުރާނީ ގްރޫޕް ސީގައެވެ. މި ގްރޫޕުގައި އެ ޓީމުގެ އިތުރުން ހިމެނެނީ ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑާ އިޓަލީގެ އޭއެސް ރޯމާގެ އިތުރުން އަޒެރްބައިޖާންގެ ގަރަބާގްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް