އެމެރިކާގެ ސަރުކާރު ހިންގުމަށް ބޭނުންވާ ބަޖެޓު ފާސް ކުރުމުގައި ސެނެޓުން ކާމިޔާބު ނުހޯދި، ސަރުކާރު ހުއްޓިފައި އޮތް އޮތުން ދެމިގެން ދާން ފަށައިފި އެވެ.
އެމެރިކާގެ ސަރުކާރުން ހިންގުމަށް ބޭނުންވާ ބަޖެޓު ފާސް ނުކުރެވުމުގެ ސަބަބުން، ސަރުކާރުގެ ބައެއް އިދާރާ ތަކުގެ ހިންގުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އޭގެ ފަހުން ހޯމަ ދުވަހު ވަނީ، ފަސް ވަނަ ފަހަރަށް ވޯޓަށް އަހައިފަ އެވެ. ފަސް ވަނަ ފަހަރަށް ވޯޓަށް އަހައިގެން ވެސް، ސަރުކާރު ހިންގުމަށް ބޭނުންވާ ބަޖެޓު ފާސް ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީ އާއި، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ހުށަހެޅި ދެ ބިލު ވެސް ވަނީ ބޭނުންވާ 60 ވޯޓު ނުލިބުމުގެ ސަބަބުން ފެއިލްވެފަ އެވެ. އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ހުށަހެޅި ބިލަށް ލިބުނީ 45-50 ވޯޓެވެ. ސަރުކާރު ހިންގާ ރިޕަބްލިކަން ޕާޓީގެ ބިލަށް ލިބިފައި ވަނީ 52-42 ވޯޓެވެ.
ސަރުކާރު ހިންގުމަށް ބޭނުންވާ ބަޖެޓު ފާާސް ކުރެވިފައި ނުވާއިރު، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ތަކުރާރު ކުރައްވައިފަ އެވެ. މިހާރުގެ އެތައް ހާސް އަދަދެއްގެ ސަރުކާރު މުވައްޒަފުންނަށް ވަނީ ވަގުތީ ގޮތުން މަސައްކަތް ހުއްޓާލަން ޖެހިފަ އެވެ. އަނެއް ބައި މުވައްޒަފުން ވަނީ މުސާރަ ނުލިބޭ ގޮތަށް މަސައްކަތް ކުރަން ޖެހިފަ އެވެ.
ޑިމޮކްރަޓިކް ޕާޓީ އިން ބިލު ފާސް ނުކުރުމަށް މަސައްކަތް ކުރަނީ ދަށް އާމްދަނީ ލިބޭ ފަރާތްތަކަށް ޞިއްޙީ ޚިދުމަތް ލިބި ދިނުމުގެ ކަންކަން ބިލުގައި ހިމެނުމަށް ބާރު އަޅަމުންދާތީ އެވެ. އެހެން ނަމަވެސް، ރިޕަބްލިކަން ޕާޓީ އިން ބޭނުން ވަނީ އިތުރު ޝަރުތެއް ނެތި "ސާފު" ބިލެއް ފާސް ކުރުމަށެވެ.
އެކަމާ ގުޅިގެން ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސަރުކާރު ހުއްޓުމުގެ ޒިންމާ ޑިމޮކްރަޓިކް ޕާޓީ އިން ނަގަން ޖެހޭނެ ކަމަށް ވިދާޅުވެ، އެކަން އެ ޕާޓީގެ ބޮލުގައި އަޅުވައިފަ އެވެ. އެހެން ނަމަވެސް، ޑިމޮކްރަޓިކް ޕާޓީގެ ޗަކް ޝުމާ ވިދާޅުވެފައި ވަނީ ޓްރަމްޕްގެ އެ ވާހަކަ ތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލިން ލެވިޓް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރު ހުއްޓުން ދިގުލައިގެން ދާ ނަމަ، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރަން ޖެހުމަކީ ހިތާމަވެރި ނަތީޖާ އަކަށް ވާނެ އެވެ.
ސީބީއެސް އިން ކުރިއަށް ގެންގޮސްފައިވާ ސާވޭ ތަކުން ދައްކާ ގޮތުގައި އެމެރިކާގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި މިހާރު ސަރުކާރު ހުއްޓިފައިވާ ޙާލަތުގެ ޒިންމާ ނަގަން ޖެހޭނީ ޓްރަމްޕް އާއި ރިޕަބްލިކަން ޕާޓީ އިންނެވެ. ނަމަވެސް، ދެ ޕާޓީ އިން ވެސް މި މައްސަލަ ކުރިއަށް ގެންދިޔަ ގޮތާ މެދު ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.