ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި މީހުން ދޫނިދޫ ޖަލަށް ބަދަލު ކޮށްފިއެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ، މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 15 ދުވަހަށް ބަންދުގެ މުއްދަތު ޖެހި މީހުން ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވާ ކަމަށާއި، އެ މީހުން ދޫނިދޫއަށް ބަދަލުކުރީ މާލޭ ކަސްޓޯޑިއަލް ފުރިގެން ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ސަރުކާރާ މެދު ހިތް ހަމަ ނުޖެހި އަޑު އުފުލުމަށް އެތައް މީހުން ހާޒިރުވި ސުލްހަވެރި މި މުޒާހަރާ އިން ބަންދު ކުރި 8 މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލާފައި ވާއިރު މިހާރު ބަންދު ގައި ތިބި ފަރާތްތަކުގެ ތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އާއި އަލީ ޖުމާން އާއި އަޒްމީ އަލީ އާއި ހަސަން ޝާކިރު ހިމެނެއެވެ.
މި މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ 4 އޮކްޓޫބަރު 2025 ގައެވެ.
މުޒާހަރާ އިން ހައްޔަރު ކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ ހޮނިހިރު ދުވަހުގެ ރޭ މަޖީދީ މަގު ޗާންދަނީ މަގު ޖަންކްޝަންގަ އާއި އަތޮޅުވެހި ސަރަހައްދުގައި އެމްޑީޕީ އިން ވަނީ މުޒާހަރާ ކޮށްފައެވެ.
ހުކުރު ދުވަހުގެ ރޭ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ ގައި މި ސަރުކާރުން ގާނޫނުއަސާސީ ބަދަލުކޮށް، މުއައްސަސާތަކުގެ މިނިވަންކަން ނަގާލައި، ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރި ވަމުންދާ ކަމަށް އަޑު އުފުލައި، ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވި އެވެ.
މުޒާހަރާ އަށް ހުރަސް އެޅުމަށް ފުލުހުން ލައްވާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް އެމްޑީޕީ އިން ވަނީ ތުހުމަތު ކޮށްފައެވެ. އެ ގޮތުން ގާނޫނާ ޚިލާފަށް ބާރު އަޑު އިއްވާ ހަތިޔާރު ބޭނުން ކުރުމުގެ މައްސަލަ ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ. މުޒާހަރާ ގައި ގިނަ ބައެއްގެ ގަޔަށް "ކްލޯޒް ރޭންޖު" ގައި ޕެޕަރ ސްޕްރޭ ޖަހާފައިވާއިރު އެކަކުގެ ހާލަތު ސީރިއަސްވެ އަދިވެސް އޭނާ އަށް އަންނަނީ އައިޖީއެމްއެޗް ގެ އައިސީޔޫ ގައި ފަރުވާ ދެމުންނެވެ.