ފްރާންސްގެ ސަރުކާރަށް ދިމާވެފައިވާ ގޮން ޖެހުންތަކާއި، ފްރާންސްގެ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއިން، އެ ޤައުމުގެ ރައީސް އިމަނުއެލް މެކްރޮން އައު ވަޒީރުންގެ މަޖިލީހެއް އެކުލަވާލައިފި އެވެ.
މިއީ މިވަގުތު ފްރާންސްގެ ސަރުކާރަށް ދިމާވެފައިވާ ސިޔާސީ ހަލަބޮލި ކަމުގެ އަރައި ގަތުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.
ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިފައިވާ ދަނޑިވަޅެއްގައި، މިދިޔަ ސެޕްޓެމްބަރު މަހު ރައީސް މެކްރޮން ވަނީ އެ ޤައުމުގެ އައު ބޮޑު ވަޒީރަކަށް ސެބަސްޓިއަން ލެކޯނޫ އައްޔަން ކުރައްވައިފަ އެވެ. މިއީ މެކްރޮންގެ ވެރި ކަމުގައި ފްރާންސްގައި އައްޔަން ކުރެވުނު ހަތް ވަނަ ބޮޑު ވަޒީރެވެ.
މެކްރޮން އިއުލާން ކުރެއްވި އައު ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ، 2017 ވަނަ އަހަރުން ފެށިގެން، 2024 ވަނަ އަހަރަށް އިޤްތިޞާދީ ވަޒީރު ކަމުގައި ހުންނެވި ބްރޫނޯ ލޭ މެއާ އެވެ. އޭނާގެ ބަދަލުގައި އިޤްތިޞާދީ ވަޒީރަކަށް އައްޔަން ކުރައްވާފައި ވަނީ ރޯލަންޑް ލެސްކިއުރް އެވެ.
ފްރާންސްގެ އައު ސަރުކާރު އެކުލަވާލިއިރު ވެސް، ކުރީގެ ގިނަ ވަޒީރުން މަޤާމު ތަކުގައި ދެމި ތިއްބެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު ޖޯން ނޮއެލް ބަރޮޓް، ހޯމް މިނިސްޓަރު ބްރޫނޯ ރެޓެއިލޯ އަދި ޖަސްޓިސް މިނިސްޓަރު ޖެރަްޑް ދަރްމަނިން ހިމެނެ އެވެ.
މީގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުވެ، އަންނަ އަހަރު ޝަރީއަތާ ކުރިމަތިލާން ޖެހިފައިވާ ކަލްޗާ މިނިސްޓަރު ރަޝިދާ ޑަޓީ ވެސް ވަނީ މަޤާމުގައި ދެމި ހުންނަވައިފަ އެވެ.
ފްރާންސްގެ އައު ބޮޑު ވަޒީރު ލެކޯނޫގެ ކުރިން ބޮޑު ވަޒީރު ކަމުގައި ހުންނެވި ފްރާންސުއާ ބެއިރޫ އދަި މިޝެލް ބާނިއޭ ވަނީ ބަޖެޓާ ގުޅޭ ވޯޓުގައި ޤާނޫނު ހަދާ މަޖިލީހުގެ އިތުބާރު ގެއްލި ބޮޑު ވަޒީރު ކަމުން ވަކި ކޮށްފަ އެވެ.
އަންގާރަ ދުވަހު ފްރާންސްގެ ޤާނޫނު ހަދާ މަޖިލީހުގައި ބޮޑު ވަޒީރު ލެކޯނޫ އާންމު ސިޔާސަތު ތަކުގެ ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ދަނޑި ވަޅަކީ ވާއަތު ފިޔައިގެ ފިކުރުގެ ޕާޓީ ތަކުން ބޮޑު ވަޒީރު ލެކޯނޫގެ އިތުބާރު ނެތް ކަމަށް ހުށަހަޅާނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެކެވެ.