ނިއުޔޯކުގައި ކުރިޔަށްދާ ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލްއިން ދުނިޔޭގެ އެންމެ ކާމިޔާބު ދެ ޓެނިސް ކުޅުންތެރިން ކަމަށްވާ ރޯޖާ ފެޑެރާއާ ރަފައޭލް ނަދާލް ޖާގަ ހޯދައިފިއެވެ.
ފްލަޝިން މެޑޯސްގައި ހުންނަ އަރްތޫރް އޭޝް ސްޓޭޑިއަމްގައި ޖަރުމަނުގެ ފިލިޕް ކޯލްޝްރައިބާގެ މައްޗަށް ފެޑެރާ ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތަށް ފެޑެރާ ގެންގޮސަފައިވަނީ 6-4، 62 އަދި 7-5 އަކުންނެވެ. މިއީ 33 ވަނައަށް ސީޑު ކުރެވިފައިވާ ކޯލްޝްރައިބާ އާ ފެޑެރާގެ ކެރިއަރުގައި ވާދަކުރި 12 ވަނަ މެޗެވެ. އޭނާ ކޯލްޝްރައިބާ އަތުން އަދި ބަލިވެފައެއް ނުވެއެވެ.
ޔޫއެސް އޯޕަންގެ ފުރަތަމަ ދެ މެޗުގައި ފަސް ސެޓު ކުޅެން ޖެހުނު ނަމަވެސް ފަހުން ކުޅުނު ދެ މެޗުވެސް ފެޑެރާވަނީ ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގައި ފެޑެރާ ވާދަކުރަން ޖެހޭނީ އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޮޓްރޯއާއެވެ. މި ދެ ކުޅުންތެރިން ވަނީ 2009 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ ފައިނަލްގައި ވާދަކޮށްފައެވެ. އެފަހަރު ފެޑެރާ ބަލިކުރުމަށްފަހު ތަށި އުފުލާލާފައިވަނީ ޑެލް ޕޮޓްރޯއެވެ.
އޭޓީޕީ ރޭންކިންގެ އެއްވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ރަފައޭލް ނަދާލް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ ޔޫކްރެއިންގެ އެލެކްސެންޑާ ޑޮލްގޮޕްލޯވް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. 1 ގަޑިއިރާ 41 މިނުޓަށް ދިގު ދެމިގެންދިޔަ މި މެޗުގެ ސެޓުތަށް ނަދާލް ގެންގޮސްފައިވަނީ 6-2، 6-4 އަދި 6-1 އަކުންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި ނަދާލް ވާދަކުރާނީ ރަޝިއާގެ އަންދްރޭ ރުބްލޭވްއާއެވެ. އޭނާ ކުއާޓާ ފައިނަލަށް ދަތުރުކުރީ 7-5، 7-6 އަދި 6-3 އަކުން 9 ވަނައަށް ސީޑު ކުރެވިފައިވާ ބެލްޖިއަމްގެ ޑޭވިޑް ގޮފިން ބަލިކޮށްގެންނެވެ. ރުބްލޭވް ވެގެން ގޮސްފައިވަނީ އެންޑީ ރޮޑިކްގެ ފަހުން ޔޫއެސް އޯޕަންގެ ކުއާޓާ ފައިނަލްގައި ވާދަކުރާ އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
މުބާރަތުގެ އަންހެން ސިންގަލްސް އިވެންޓުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޗެކްރިޕަބްލިކްގެ ކެރޮލައިނާ ޕްލިސްކޯވާ ވަނީ އެމެރިކާގެ ޖެނިފާ ބްރޭޑީ ސީދާ ތިން ސެޓުން ބަލިކޮށް ކުއާޓާގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އެނާ ކުއާޓާ ފައިނަލްގައި ވާދަކުރާނީ ހަމަ އެމެރިކާގެ ކޯކޯ ވެންޑެހޯއާއެވެ.
ފެޑެރާއާ ނަދާލް މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައި ވާއިރު މި ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް ސެމީ ފައިނަލްގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ.