މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް ކޮލިފައިންގައި ހޯމަ ދުވަހުގެރޭ ތަފާތު ބޮޑު ނަތީޖާއަކުން ޖަރުމަނުން ނޯވޭ ބަލިކުރިއިރު، ޗެކްރިޕަކްލިކް، ނޯދަން އަޔަލެންޑް އަތުން ބަލިވެއްޖެއެވެ.
ރޭ ކުޅުނު މި މެޗުން ޖަރުމަން މޮޅުވީ 0-6 ގެ ނަތީޖާއިން ނޯވޭގެ މައްޗަށް ކުރިހޯދައިގެންނެވެ.
ޖަރުމަނުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ޖަރުމަނުންނެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެސުޓް އޮޒިލްއެވެ.
އޮޒިލްގެ މި ލަނޑާއެކު ޖަރުމަނުން މެޗުގެ ލީޑު ނެގިއިރު، ޖޫލިއަން ޑްރެޒްލާ ވަނީ މެޗުގެ 17 ވަނަ މިނެޓުގައި ޖަރުމަނުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ. ޖަރުމަނުގެ ތިންވަނަ ލަނޑު އަދި ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީ ލީޑު އިތުރަށް ފުޅާކޮށްދިނީ ޒުވާން ފޯވާޑް ޓިމޯ ވޯނާ ފުލުފުލުގައި ކާމިޔާބުކޮށްދިން ދެ ލަނޑުންނެވެ.
ހަތަރު ލަނޑުގެ ލީޑެއްގައި އޮވެ ޖަރުމަނުން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުގެ ފަސްވަނަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިއޮން ގޮރެޒްކާއެވެ. ޖަރުމަނުގެ ފަހު ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާރިއޯ ގޯމޭޒްއެވެ.
މި ނަތީޖާއާ އެކު ޖަރުމަން ވޯލްޑްކަޕަށް ކޮލިފައިވުމާ ގާތަށް ޖެހިލާފައިވާއިރު ، އެޓީމުން ވަނީ މިހާތަނަށް ކޮލިފައިންގައި ކުޅުނު 8 މެޗުންވެސް މޮޅުވެފަައެވެ. ޖަރުމަނަށް ދެން ކޮލިފައިންގައި ބާކީ އޮތީ ދެމެޗެވެ. އެއީ މި މަހުގެ 5 ވަނަ ދުވަހު ނޯދަން އަޔަލޭންޑާއި ދެކޮޅަށް ކުޅޭ މެޗާއި މިމަހުގެ 8 ވަނަ ދުވަހު އަޒަރުބައިޖާންއާއި އެކު ކުޅޭ މެޗެވެ. ޖަރުމަނު މިވަގުތު އޮތީ އެޓީމު ހިމެނޭ ގުރޫޕް ސީ ގެ އެއްވަނާގައެވެ.
ކޮލިފައިންގައި ރޭ ކުޅުނު މެޗުން ޗެކްރިޕަބްލިކް ބަލިވީ ނޯދަން އަޔަލޭންޑާ ވާދަކޮށް 0-2 ގެ ނަތީޖާއިންނެވެ.
ނޯދަން އަޔަލޭންޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޗެކްރިޕަބްލިކުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދަށް ކުޅުމެކެވެ. އެގޮތުން ނޯދަން އަޔަލޭންޑުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑިނަގާފައިވަނީ މެޗުގެ 28 ވަނަ މިނެޓުގައި ޖޯނީ އީވަންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެޓީމުން މެޗުގެ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކުރީ މެޗުގެ 41 ވަނަ މިނެޓުގައި ކްރިސް ބްރަންޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ނޯދަން އަޔަލޭންޑުން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފުގައި އެޓީމަށް ވަނީ މާ އެދެވޭ ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ. މި ހާފުގައި ޗެކްރިޕަބްލިކުން ރަނގަޅު ކުޅުމެއް ދެއްކާ ނޯދަން އަޔަލޭންޑުގެ ފަހަތަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ގޯލަށް ފޮނުވާލާފަވީ ނަމަވެސް އޭގެން އެއްވެސް ހަމަލާއެއް ނޯދަން އަޔަލޭންޑުގެ ގޯލަށް ވައްދާލެވޭގޮތް ވަނީ ނުވެފައެވެ.
މި ނަތީޖާއާ އެކު ޗެކްރިޕަޕްލިކަށް ވަނީ ވޯލްޑްކަޕަށް ކޮލިފައި ނުވެދާނެ ކަމުގެ ބިރުހީވެފައެވެ. އެޓީމު ކޮލިފައިންގައި މިހާތަނަށް 8 މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ 2 މެޗުންނެވެ. 3 މެޗުން އެއްވަރުވެފައިވާއިރު 3 މެޗުން ވަނީ ބަލިވެފައެވެ. އެގޮތުން އެޓީމު މިވަގުތު އޮތީ ގުރޫޕް ސީ ގެ ހަތަރުވަނައިގައެވެ.
ޗެކްރިޕަބްލިކަށް ކޮލިފައިންގައި ދެން ބާކީ އޮތީ ދެމެޗެވެ. އެއީ އަޒަރުބައިޖާން އަދި ސަންމަރީނޯ އާ ދެކޮޅަށް ކުޅޭ މެޗެވެ.