ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 17:38
ޗެލްސީގެ އެޑެން ހަޒާޑް
ޗެލްސީގެ އެޑެން ހަޒާޑް
ސްކައި ނިއުސް
އެޑެން ހަޒާޑް
ދުނިޔޭގައި މިވަގުތު އޮތް އެންމެ މޮޅު ޓީމަކީ ރެއާލް މެޑްރިޑް: ހަޒާޑް
ހަޒާޑަކީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންއަށް ވަރަށް ކަމުދާ ކުޅުންތެރިޔެއް

މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމަކީ ސްޕެއިންގެ ރެއާލް މެޑްރިޑް ކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑް ބުނެފިއެވެ.

ސްޕެއިންގެ މަޝްހޫރު ފުޓުބޯޅަ ނޫހެއް ކަމަށްވާ މާސާއަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނެފައި ވަނީ ރެއާލް މެޑްރިޑަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ މޮޅު ޓީމު ކަމަށާ ރެއާލް ވާދަކުރެވޭ ފެންވަރުގެ ޓީމެއް މިވަގުތު ދުނިޔޭގައި ނެތް ކަމަށެވެ.

މީގެ އިތުރުން ހަޒާޑް ވަނީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާނަށް ވެސް ތައުރީފު ކޮށްފައެވެ. އެގޮތުން އޭނާ ބުނެފައި ވަނީ ކުޅުންތެރިޔެއްގެ ގޮތުގަޔާ ކޯޗެއްގެ ގޮތުން ޒިދާން ހޯދަމުން އަންނަ ކާމިޔާބީއަކީ އެހެން އެއްވެސް މީހަކަށް ނުހޯދޭނެ ކާމިޔާބެއް ކަމަށާއި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗުގެ މަގާމަށް ޒިދާންއަށް އާދެވުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.

މި އިންޓަވިއުގައި ހަޒާޑް އޭނާގެ ކުރިމަގާ ބެހޭގޮތުން ބުނެފައިވަނީ އޭނާ އިނގިރޭސިވިލާތުގައި މަޑުކުރާނެ ކަމަށާ އަދި ޗެލްސީއަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށެވެ. ދާދިފަހުން ރެއާލްއިން 70 މިލިއަން ޕައުންޑަށް ޗެލްސީއަށް ބަދަލުވި އަލްވާރޯ މޮރާޓާއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާ އޭނާއާއެކު މަސައްކަތް ކުރުމަށް ކެތްމަދު ވެފައި ހުރިކަމަށް ހަޒާޑް ބުނެފައިވެއެވެ.

ހަޒާޑް މިހެން ބުނެފައިވާއިރު އޭނާ ރެއާލްގެ ވާދަވެރި ބާސާއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް މި ޓްރާންސްފާ ވިންޑޯގައި ފެތުރިފައިވެއެވެ. އަދި ހަޒާޑަކީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންއަށް ވަރަށް ކަމުދާ ކުޅުންތެރިޔެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖެހިޖެހިގެން ދެއަހަރު ރެއާލްއިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާއިރު ޗެލްސީއިން މިއަހަރު ނުކުންނާނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ކަމަށް ހަޒާޑު ބުންޏެވެ. އެހެން ނަމަވެސް މިކަމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ރެއާލް ކަމަށް އޭނާ ގަބޫލްކުރެއެވެ.

2012 ވަނަ އަހަރު ފްރާންސްގެ ލިލޭއިން ޗެލްސީއަށް ބަދަލުވުމަށް ފަހު ހަޒާޑް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާވަނީ ޗެލްސީއަށް ކުޅުނު 174 މެޗުގައި 57 ލަނޑު ޖަހާފައެވެ.

 

- ކޮމެންޓް